ދައުލަތުގެ ފަރާތުން އާއްމު ފަރުދުންނަށް ކުއްޔަށް ދީފައިވާ ބިންތަކުގެ ކުލި ފަސް ކޮށްދިނުމަކީ ދައުލަތަށް އެކަމުގެ ސަބަބުން ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްކެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބިމު ކުއްޔަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެމުން އަންނަ އެއް ވަސީލަތް ކަމަށެވެ. އަދި މިއަހަރު 1.7 ބިލިއަން ރުފިޔާ ހަމައެކަނި ބިމު ކުލިން ދައުލަތަށް ލިބިގެންދާނެ ކަމަށް އަންދާޒަ ކޮށްފައިވާނެ ކަމަށާއި ނަމަވެސް މިހާރު ބިމު ކުލި ފަސް ކުރުމުން ދައުލަތަށް ގެއްލުންތަކެއް ވެގެންދާނެ ކަމަށެވެ.

"އެކަމަކު މިހާރު އަޅުގަނޑުމެން މި ބަލަނީ ލޭންޑް ރެންޓްގެ ގޮތުގައި ލިބޭނީ 800 މިލިއަން ރުފިޔާ. އެކަމަކު މި ފަސްކޮށްދޭ ލޭންޑް ރެންޓަކީ އަންނަ އަހަރުގެ ތެރޭގައި ލިބޭނެ އެއްޗެއް،" އަމީރު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ކޮވިޑް-19 އާއި ގުޅިގެން ފަސްވަނަ ފަހަރަށް ދިވެހި ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުން ދައުލަތަށް ދައްކަން ޖެހޭ ހަ މަސް ދުވަހުގެ ބިމު ކުލި ދެއްކުން ފަސްކޮށް ދޭން ނިންމައިފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ ފަހު ހަ މަސް ދުވަހު ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ކުލި ލަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ކުލި ދެއްކުން ލަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިސޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް. އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް، ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީއިން ކުއްޔަށް ދީފައިވާ އެކި ބިންތަކުގެ މަހު ކުލި ދެއްކުން ހަ މަހަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    ކަލޭމެންގެ އެއްވެސް ކަމެއް ދިމާވާ ބައެއްތަތީ.

  2. ކޮތަރު

    ހިތުގަ އޮތް ވަރަކަށް ދަމައެއް ނުގަނެވުނުދޯ.