މިއަހަރު އޮކްޓޯބަރު ނޮވެމްބަރުގައި ކުރިން ބާއްވަން އޮތް އޯ ލެވެލް އިމްތިހާން އަންނަ އަހަރު މޭ ޖޫން އަށް ތާވަލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރަށް ތާވަލުކޮށްފައިވާ ސާނަވީ ނިންމާ އިމްތިހާނުތައް އަންނަ އަހަރުގެ މެއި ޖޫން ގައި ބާއްވާނެ ކަމަށެވެ.

މި ބަދަލާއެކު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މި އަހަރު ނޯންނާނެ ކަމަށާއި އެ އިމްތިހާނުތައްވެސް ބާއްވާނީ މޭ ޖޫންގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިމްތިހާނުތައް ފަސްކޮށްފީ ނަމަވެސް މިހާރު ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މިއަހަރު ޝަހާދާސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރު މޭ ޖޫން އިމްތިހާނުތައް ނިމެންދެން އެދަތިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތެބޭނެ ކަމަށެވެ.

އަންނަ އަހަރު މޭ ޖޫން އަށް އޯލެވެލް އިމްތިހާނު ބޭއްވުމަށް ތާވަލް ކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުން މިއަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ ކަމަށް އެޑިއެކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.