ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށެވެ. އެމީހާއަކީ ވެސް ބަލިން ރަނގަޅުވެފައިވާ މީހެއް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓްރީޓޮޕްގައި ފަރުވާ ދެމުން އަންނަނީ 10 މީހަކަށް ކަމަށެވެ.

ޓްރީޓޮޕްގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އޭގެތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.

މިއަދުވެސް ރާއްޖެއިން އިތުރު 39 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ފައްސިވީ 39 މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 16 މީހަކާއި އިންޑިއާ ހަތް މީހެއްގެ އިތުރުން ލަންކާ މީހެކެވެ.

މިރޭ އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1313 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވެރިރަށް މާލެއިންނެވެ. މާލޭގައި މުޖުތަމަޢުގެ ތެރެއިން މި ބަލި ފެތުރެމުންދާތީ މާލެ ސަރަޙައްދަށް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން އެ ސަރަޙައްދުގައި ވަނީ ރައްޖާތެރި ކަމުގެ ގިނަ ފިޔަވަޅުތައް އަޅައި ފުރަބަންދުކޮށްފައެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތާކިހާ

    ކަންކަން ހުރި ގޮތުން ކިހިނެއް ޤަބޫލުކުރާނީ ، ދެރަވެސް ވޭ ސަރުކާރަކަށް އިރުބާރު ނުކޮށް މިހެންބުނަން ބަޓް ،،، ނޯ ޗޮއިސް