ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރަނގަޅުވީ މީހުންގެ އަދަދު 2.2 މިލިއަން އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 2,226,404 (ދެމިލިއަން ދެލައްކަ ސައްބީސްހާސް ހަތަރުސަތޭކަ ހަތަރެއް) މީހަކު ވަނީ ރަނގަޅުވެފައެވެ.

މީގެ ދެ މަހެއްހާ ދުވަސްކުރިން ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދިޔަ ބާރުމިނާއި އަޅާބަލާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ޤައުމުތަކުން މި ބައްޔަށް ފައްސިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ. އަދި ކޮންމެ ދުވަހަކުވެސް ބަލިން ރަނގަޅުވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މިހާތަނަށް މި ވައިރަސް ފެނިފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5,378,209 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 342,835 އަށް އަރާފައެވެ.

މިހާތަނަށް ދުނިޔެއިން މި ބަލި ފެނުނު ޤައުމުތަކުގެ ތެރެއިން، ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާ އަށެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 1,660,531 މީހަކަށް ބަލި ޖެހިފައި ވާއިރު، އޭގެތެރެއިން 98,431 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ފައްސިވެ، އެންމެ ގިނަ ބަޔަކު މި ބަލި ޖެހިގެން މަރުވި ޤައުމުވެސް މެއެވެ.

ކޮންޓްރޯލްވުމެއް ނެތި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާ މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ރަޝިޔާ އާއި ބްރެޒިލް އާއި ސްޕެއިންގެ އިތުރުން އިނގިރޭސިވިލާތާއި އިންޑިއާ ހިމެނެއެވެ. އޭޝިއާ ސަރަޙައްދުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އިންޑިއާއަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު މިއަދު 2.2 މިލިއަން އަށް އަރާފައި ވާއިރު، މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 53,491 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ވެސް ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާހައި ނުރައްކާތެރި މި ބަލިމަޑުކަން އެންމެ ފުރަތަމަ ދުނިޔޭފައި ފެތުރެން ފަށާފައި ވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުން މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެއަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މި ވައިރަސް ވަނީ ފެތުރިފައެވެ.