ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 128 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު އިތުރު މީހަކު ރަނގަޅުވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައި ވާއިރު، ރޭވެސް 18 މީހަކު ބަލިން ރަނގަޅުވެފައިވާ ކަން އެ އިދާރާއިން ހާމަކޮށްފައި ވެއެވެ.

ބަލިން އިތުރު ބަޔަކު ރަނގަޅުވެފައި ވާއިރު، އިއްޔެ ރާއްޖެއިން އިތުރު 39 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 15 ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 16 މީހަކާއި އިންޑިއާ ހަތް މީހެއްގެ އިތުރުން ލަންކާ މީހެކެވެ.

އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1313 އަށް އަރާފައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ބައްޔަށް ފައްސިވާ މީހުންގެ ނިސްބަތް އަންނަނީ މަދުވަމުންނެވެ.

މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން ހަތަރު މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ބަންގްލަދޭޝް މީހެކެވެ.

ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވެރިރަށް މާލެއިންނެވެ. މާލޭގައި މުޖުތަމަޢުގެ ތެރެއިން މި ބަލި ފެތުރެމުންދާތީ މާލެ ސަރަޙައްދަށް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން އެ ސަރަޙައްދުގައި ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައި ފުރަބަންދުކޮށްފައެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު