ހދ. ކުރިނބީގައި ފުލުހަކު، ރަށުގެ މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ކުރި މައްސަލައެއް ބަލައިދިނުމަށް، އެރަށު ކައުންސިލުން އެދިއްޖެ އެވެ.

މިކަމާއި ގުޅިގެން ކުރިނބީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް އޭނާ ހުރަހަކަށް ވެފައިވާ ކަމަށާއި، އަދި ރަށުގެ އާންމު މަސްލަހަތު އެ އަމަލުގެ ސަބަބުން ގެއްލިފައިވާ ކަމަށެވެ.

އެ ކައުންސިލުން ބުނީ، އެރަށަށް އިއްޔެ ދިޔަ އެ ފުލުސްމީހާ، ކައުންސިލުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނީ ޙައިސިއްޔަތެއް ނެތި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށާއި އަދި އެ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ އަމިއްލަ އިޚްތިޔާރީ ކަމެއްކަމަށާއި އަދި ފިޔަވަޅުތަކާއި ޚިލާފުވެގެން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތްކަމަށް ދޭހަވާ އުސޫލުން ރައްޔިތުންގެ މެދުގައި އާއި މީސްމީޑިއާގައި އަޑުއުފުލާފައިވާ ކަމަށެވެ.

"މިކައުންސިލުން ކޮވިޑް-19 އާއި ގުޅިގެން މިރަށު ރައްޔިތުންގެ މެދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހުރަހަކަށްވެ އާންމު މަސްލަހަތު ގެއްލިފައިވާތީ އާންމު މަސްލަހަތު ދަމަހައްޓާ ނެގެހެއްޓުމުގެ މަސްއީލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބަޔަކަށް ފުލުހުންވެފައި، ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކުރިނބީ ކައުންސިލުން ބުނެފައިވަނީ، އެ ފުލުސްމީހާ އަކީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ބައެއް އިޖުރާޢަތްތައް ފުރިހަމަކުރުމަށް އިއްޔެގެ ވަގުތެއްގައި އެރަށަށް ގޮސް ހުރި ފުލުހެއް ކަމަށެވެ.

އެ ފުލުސްމީހާ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދެކޮޅުހަދާފައި ވަނީ، ލޯކަލް ކައުންސިލްގެ އިޙްތިސާސް ހިނގާ ސަރަޙައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި، ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި، އިޖުތިމާޢީ ގައިދުރުކަން ޤާއިމްކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ކައުންސިލަށް ދޫކޮށްފައިވާ ބާރުގެ ދަށުން އެ ފިޔަވަޅުތައް އަޅާފައި ވަނިކޮށް ކަމަށް ވެސް ކުރިނބީ ކައުންސިލުން ބުނެފައި ވެއެވެ.

އެ ކައުންސިލުން ބުނެފައިވަނީ، މި މައްސަލަ ބައްލަވައިދެއްވުމަށް ފުލުހުންގެ އިދާރާއަށް މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"މި ކައުންސިލުން މިއަދާއި ހަމައަށް ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މިރަށު ރައްޔިތުން ކިޔަމަންތެރިވެ މިކައުންސިލަށް ދެއްވާ އެއްބާރުލެއްވުމަށް މި ފުރުސަތުގައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ." ކައުންސިލްގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާދަނު

    ފުލުހުންގެ ފަރާތުން ތިލަހަލަ ކަންތައްތައް ވަރަށްގިނަ ރަށްރަށުގައި ދިމާވަމުންދާ ކަމަށްވޭ..ވަރަށްދެރަކަމެއް ކަންތައްތައް އިސްލާހް ކުރަންތިބޭ މީހުންގެ ފަރާތުން މިކަހަލަ ކަންތައްރައް ފެނުމަކީ

    15
    7
  2. ނާނި

    ރަށްރަށުގަ ތިބޭ ޕޮލިހުންގެ ޢަމަލުތައް ހުންނަނީ ތިކަހަލަ ގޮތަކަށް އެމީހުން ހިތް އެދޭ ބަޔަކަށް ހުރިހާކަމެއްވެސް ރަނގަޅަށް ކޮށްދޭނީ،

    16
    5
  3. ބޭބެ

    ފުލުސްމީހާ ބުނީ ހަަމަ ރަގަނޅަށް!

    14
    11
  4. ޖަމާލިން

    މިހާރު ފުލުހުން ހީވަނީ ވަކި ސަރުކާރެއްހެން. ގާނޫނަށްވުރެވެސް މަތީގައި ތިބޭ ބައެއްހެން. ފުލުހުންގެ ގާނޫނުން ބޭރުގައި އުޅޭން ހުއްދަ އޮންނަ ބައެއްހެން. ފުލުހުންގެ ގާނޫނަކު ނޯންނާނެ ގާނުނުން އެމީހުންނާ ލިބިދީފައިވާ ބާރުތަކާއި ކުރަން ލާޒިމްކުރާ ކަންކަމުން ބޭރު ކަންކަމާ ބެހި އަނގަބޭނުމުގެ ބާރެއްް. އަނެއްކަމަކީ ބަޔަކު ގާނޫނަކާ ކަނޑައެޅިގެން ޚިލާފުވެ، ޖިނާއީ ނުވަތަ މަދަނީ ކަމެއް ކުރީމާ އެކުރިކަން ކަނޑައެޅިގެން ސާބިތުވާ ބަޔަކަށް ނަސޭހަތް ލައިދީފައި ދޫކޮށްލުމުގެ ބާރެއްވެސް. ޖެހޭނީ ފުލުހުންގެ ގާނޫނުގައި ވާގޮތަށް އަމަލުކުރަން. މިކަން ރަނގަޅުނުކޮށް އޮންނަތާ ގިނަދުވަސް ވާވަރަކަށް ފުލުހުންގެ އިތުބާރުދާނީ ގެއްލެމުން.

  5. ޓްރަންޕް

    ކައުންސިލަރު ހަކުރު މައްސަލަ ހުންނާތީ ޑައިބެޓިސް ޓެސްޓް ހެދި ފަހުން ފުލުހުން ދެކެ ވަރަށް ރުޅި އަންނަ ކަމަށް ވަނީ.