ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގައި އީދު ނަމާދު މިސްކިތްތަކުގައި އާއި މައިދާންތަކުގައި ނުކުރެވުނު ނަމަވެސް ގޭގައި ނަމާދުކޮށް އުފާވެރި މުނާސަބަތުގައި ހިތްހެޔޮކަމާއި ދީލަތިކަން ފާޅުކުރުމަށް ފިތުރު އީދު ނަމާދުގެ ހުތުބާގައި މިއަދު ބުނެފިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އިއްވި ހުކުރު ހުތުބާގައި ވަނީ އިސްލާމީ އީދުތަކަކީ އެކަމުގައި އެންމެން ބައިވެރިކުރަން ޖެހޭ އިހްތިފާލްތަކެއް ކަމަށާއި އެ ދުވަސްތަކުގައި އުފާފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫން ކަމަށެވެ.

ތަނަސްވަކަމުގެ އަހުލުވެރިން ފަގީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރަން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ކާށިދޫގައި ހުރި މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ބަޔަކު މިއަދު ޖަމާވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ހުތުބާގައި ބުނި ގޮތުގައި ފިތުރު އީދު ދުވަހު، އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް އަންގާފައި ވަނީ އެ ސަބަބާ ހުރެއެވެ. މިކަމުގެ ސަބަބުން ފަގީރުންނަށް އީދުގެ އުފާ ހާސިލް ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ހުތުބާގައި ފާހަގަކުރިއެވެ.

"މި އަހަރު ރާއްޖޭގެ ބައެއް ރަށްރަށުގައި އީދު ނަމާދު މިސްކިތްތަކާއި މައިދާންތަކުގައި ނުކުރެވުނު ނަމަވެސް ގޭގައި ނަމާދުކޮށް އުފާވެރި މުނާސަބަތުގައި ހިތްހެޔޮކަމާއި ދީލަތިކަން ފާޅުކޮށް ގާތް ތިމާގެ މީހުންނާއި އަވަށްޓެރިންނާއި ރަހްމަތްތެރިންނަށް އީދު ސަލާމާއި ތަހުނިޔާ ފޮނުވައި އީދުގެ އުފަލުގައި އެމީހުން ބައިވެރި ކުރަންވާނެއެވެ،" ފިތުރު އީދުގެ ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކާ ދުރުހެލިވުމަށް އަޒުމް ކަނޑައަޅަން ގޮވާލައިފައެވެ. އަދި ކޮންމެ މީހަކު ވެސް އެނެކާގެ ހައްގު އަދާކުރުމަށާއި ފުރަތަމަ އަދާ ކުރަންވީ ﷲ ގެ ހައްގުތައް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ކާށިދޫ މިސްކިތެއްގައި ނަމާދު ކުރުމަށް ފަހު، ބަޔަކު މިއަދު މިސްކިތުން ފައިބަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މީގެއިތުރުން އީދު ދުވަހު އަރަމުންދާ އިރުގެ އުޖާލާ ކަމާ އެކުގައި ތިބާގެ މޫނު މަތިން އުފާވެރިކަން ފާޅުކޮށް، ލޯތްބާއި ކުލުނާއި އަހްވަންތަކަމުގެ ޝުއޫރުތަކުން އެކަކު އަނެކަކަށް ހަދިޔާ ކުރުމަށް ވެސް ހުތުބާގައި ގޮވާލިއެވެ. އަދި ރަހިމުގެ ގުޅުން ކެނޑިފައިވާ އެންމެންގެ މެދުގައި އެ ގުޅުން އާ ކުރުމަށާއި ރަހްމަތްތެރިންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް ވެސް ހުތުބާގައި ވަނީ ގޮވާލައިފައެވެ.

ހުތުބާގައި ބުނި ގޮތުގައި ރޯދަ މަސް ވަކިވެގެން ދިޔައީ މުސްލިމުންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައެވެ.

"އަޅުކަމާއި ހެޔޮ އަމަލްތަކާ ދުރުހެލިވެ ހަމައެކަނި ކެއުން ބުއިމުން މަހްރޫމްވީ މީހުންނަށް އެމީހުން ހިފި ރޯދައަށް ލިބޭނީ ހައިހޫނުކަމާއި ކަރުހިއްކުން އެކަންޏެވެ،" ހުތުބާގައި ބުންޏެވެ.