މިސްރުގައި ކުރި ކައިވެންޏަށް ފަހު ޚާލިދާއި ޕެރީ މާޗް މަހުގެ ހަ ވަނަ ދުވަހު ހަނީމޫނަށް ފުރީ މެކްސިކޯއަށެވެ. އޭރުގައި ކޮވިޑް-19 ގެ ބިރުވެރިކަން ކޮންމެވެސް ވަރަކަށް ދުނިޔޭގެ އެކި ގައުމުތަކުގައި އޮތެވެ. އޭރުގައި ބައެއް ގައުމުތަކުގެ ބޯޑަރުތައް ދިޔައީ ބަންދުކުރަމުންނެވެ. އެތައް ބަޔަކު، ބަލީގެ ޝިކާރައަކަށްވެ، ބައެއް މީހުން ދިޔައީ ދުނިޔެއާ އަލްވަދާއު ކިޔަމުންނެވެ. ޗައިނާ އިން ފެނުނު ބަލި ދުނިޔޭގައި ފެތުރެން ފަށައިފިއެވެ.

ހަނީމޫނަށް މެކްސިކޯއަށް ގޮސް ހޭދަކުރި ހިތްގައިމު ދުވަސްތަކަކަށް ފަހު މާޗް މަހުގެ 19 ވަނަ ދުވަހު އުމުރުން 36 އަހަރުގެ ޚާލިދާއި 35 އަހަރުގެ ޕެރީ ދަތުރުފެށީ ދިރިއުޅެމުން އަންނަ މަންޒިލް ކަމަށްވާ ދުބާއީއަށެވެ. އެކަމަކު، ދެމަފިރިންނަށް ދެން ދިމާވީ ކުރިން ހީކުރި ގޮތެއް ނޫނެވެ.

ތުރުކީ މަގުން އެނބުރި ދުބާއީއަށް ދަތުރު ފެށިއިރު ކޮވިޑް-19 ގެ ހާލަތު ދުބާއީގައި އެހާ ގޯސްވެފައެއް ނުވެއެވެ. ނަމަވެސް ދަތުރުމަތީގައި އޮއްވައި ދުބާއީގެ ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލިއެވެ. އެހެންވެ، ދެމަފިރިން ދަތުރު ކުރި ފްލައިޓު ޖައްސަން ޖެހުނީ ތުރުކީގައެވެ.

ޚާލިދާއި ޕެރީ

ދެ ދުވަސް ވަންދެން ތުރުކީ އެއާޕޯޓުގައި ދެމަފިރިން ތާށިވި އިރު، ތުރުކީ އަށް އެތެރެވުމުގެ ފުރުސަތެއް ވެސް ނުލިބުނެވެ. ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން ތުރުކީގެ ސިޓީތަކަށް އެތެރެވުން ވެސް އޮތީ މަނާކޮށްފައެވެ. ލަގެޖު ވެސް ނުލިބި، ބޯޑިން ޕާހެއް ނެތުމުން އެއާޕޯޓު ތެރޭގައި ވިޔަފާރި ވެސް ނުކުރެވި އެ ދެމަފިރިންގެ ދެ ދުވަސް ހޭދަކުރަން ޖެހުނީ އެއާޕޯޓުގެ ގޮނޑިތަކުގައި ނިދައިގެން ކަމަށްވެއެވެ.

"ފްލައިޓުގައި ތިބި އިރު އިންޓަނެޓަށް ވަދެވޭތީ މެސެޖުތައް އަންނަން ފަށައިފި، ދުބާއީ އަށް ދެވޭތޯ އެހީ. އަދި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން އެތެރެވުން މަނާކޮށްފި ކަމަށް ބުނީ،" ބީބީސީއަށް ދިން އިންޓަވިއުއެއްގައި ޕެރީ ކިޔައިދިނެވެ.

ތުރުކީ އަށް އެތެރެވުމުގެ ފުރުސަތު ނެތުމާއި ދުބާއީ އަށް ދެވެން ނެތުމުން، ދެމަފިރިން ދެން ހޯދަން ޖެހުނީ އެހެން ގޮތެކެވެ. އޮން އެރައިވަލް ވިސާއެއްގައި އެތެރެވެވޭނެ ގައުމެއް ހޯދަން ފެށިއިރު، އެތެރެވެވެން އޮތް ހަމައެކަނި ގައުމަކަށް ފެނުނީ ރާއްޖެއެވެ.

ޚާލިދު

"އަހަރުމެން ގޫގުލް ބޭނުންކޮށްްގެން ހުރިހާ ގައުމުތަކެއް ބެލިން، މިސްރު މީހުންނަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ ގައުމެއް. އަދި ފްލައިޓެއް އޮތްތޯ ވެސް ބެލިން. އަހަރުމެންނަށް ފެނުނީ އެންމެ އޮޕްޝަނެއް. އެއީ ރާއްޖެ،" ޕެރީ ބުންޏެވެ.

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ރާއްޖޭގެ ދޮންވެލި ބީޗުތަކާއި ފަރުތަކުގެ ނަލަކަން ފެނިފައި ދެމަފިރިންނަށް އުފާވެރިކަން ލިބުނަސް، ދެ މީހުން ތިބީކީ އެ ރީތިކަމާ ހިތްގައިމުކަން އެންމެ ފުރިހަމަ އަށް ލިބިދޭ ހާލަތެއްގައެއް ނޫނެވެ.

"އަހަރެމެންނަށް އިމިގްރޭޝަނުން އެތެރެވެވުނު އިރަށް އެކަކު އަނެކަކު މޫނަށް ބަލައި ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެއާޕޯޓު ގޮނޑިތައް ދޫކޮށް ހަމަޖެހިގެން އެނދެއްގައި ނިދާލެވޭނެ ކަން ހިތަށް އަރާފައި،" ޕެރީ ބުންޏެވެ.

ޚާލިދު ރިސޯޓެއްގެ މުވައްޒަފުންނާ އެކު.

"އެއާޕޯޓުން ލަގެޖުތައް ފެނުނީމަ ވެސް ވަކިން ބޮޑު އުފަލެއް ލިބުނީ،" ޚާލިދު ބުންޏެވެ.

ރާއްޖޭގެ ރީތި މޫދުގައި ފީނާލައި، ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދެމަފިރިންނަށް ލިބުނަސް، ފައިސާގެ ދަތިކަން ކުރިމަތިވިއެވެ.

މިހާރު ދެމަފިރިން ކަރަންޓީން ފެސިލިޓީ ހިންގަމުންދާ އޮޅުވެލި ރިސޯޓުގައި ތިބިއިރު، އޮޅުވެލީގައި ވެސް މިހާރު ތިބީ މަދު ބައެކެވެ. ހަތްދިހަ ވަރަކަށް މީހުން ތިބި އިރު އޭގެ ތެރޭގައި ވެސް ގިނައީ ހަނީމޫނަށް އައިސް އުޅޭ މީހުންނެވެ. ރިސޯޓުން ޗާޖްކުރަނީ ވެސް އާންމުކޮށް ދައްކަން ޖެހޭ އަގަށްވުރެ ކުޑަ އަގެކެވެ. އެހެންވެ، މިއީ ދެމަފިރިންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

މި ދެމަފިރިންގެ ދިގު ހަނީމޫން ދަތުރުގައި ރާއްޖޭގައި ތާށިވެފައި ތިބޭތާ އެއް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އަދި ދެ މަފިރިން މިހާރު މަސައްކަތް ކުރަމުން ދަނީ ރާއްޖެ ދޫކޮށް ވީހާވެސް އަވަހަށް ދުބާއީ އަސް ދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ ލެއި

    މައްސަލައެއްނެއް ކިތަންމެ ގިނަ ދުވަހަކަށް ތިއްބަސް ސަރުކާރުން ހެސް ކިޔާފަ ހަރަދު ކޮށްލާނެ.

  2. ބަޯޑަރުބޫން

    މިއެނގެނީ ރާއްޖޭގެ ބޯޑަރު ބަނދުކުރި ގޮތް. މުޅިދިނިޔެ ހުއްޓި ދެން އަންނާނެ ފުލައިޓެއްވެސް ދިރޭފުރާނައެއްވެސް ނެތި ހުއްޓުމަކަށް އައުމުން އާނ ބޯޑަރު ބަންދުކުރީއޭ ގޮވީމަ ވާނެހާއެތި މިވަނީ.