އައްޑޫގައި މިއަހަރު ފަގީރުންގެ ގޮތުގައި ހާހަކަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ ޒަކާތާ ބެހޭ ތަފުސީލުގައި ބުނެފައިވަނީ މިއަހަރު 1،031 މީހަކު ގަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު އެ އަތޮޅުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 893 މީހުންނެވެ. އެހެން ކަމުން މިއަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މި އަދަދަކީ މިދިޔަ އަހަރާއި ބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ.

ފިތުރު ޒަކާތުގެ ގޮތުގައި އައްޑޫން މި އަހަރު 349،079.37ރ. ދެއްކާފައިވާ ކަމަށް އެ ތަފްސީލް ގައި ވަނީ ބުނެފައެވެ.

ފަގީރުންގެ ގޮތުގައި ހިތަދޫއިން 541 މީހަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އާބާދީގެ ގޮތުން އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ހިތަދޫއިން ފައިސާ ދައްކާފައިވަނީ 6،348 މީހެކެވެ. އެ އަވަށުން ޖުމަލް ލިބިފައިވަނީ 182،430.61 ރުފިޔާއެވެ. އެއީ ބޮލަކަށް ބަލާއިރު 337.21 ރުފިޔާއެވެ.

މަރަދޫން 72 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރި އިރު، ފައިސާ ދެއްކީ 1،554 މީހުންނެވެ. އަދި ޒަކާތުގެ ގޮތުގައި އެ އަވަށުން ލިބުނު ފައިސާގެ އަދަދު 42،403.68ރ. އަރާ އިރު، ބޮލަކަށް ޖެހިފައި ވަނީ 588.94ރ. އެވެ.

މަރަދޫފޭދޫން ފަގީރުންގެ ގޮތުގައި 62 މީހުން ރަޖިސްޓްރީކުރި އިރު، ޒަކާތް ދެއްކީ 840 މީހުންނެވެ. އަދި ޖުމްލަ 21،494.39ރ. ލިބުނު އިރު، ބޮލަކަށް ޖެހުނީ 341.18ރ. އެވެ. ފޭދޫން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރީ 111 އެވެ. އަދި ޒަކާތް ދެއްކީ 2،118 މީހުންނެވެ. ޖުމްލަ އަދަދުގެ ގޮތުގައި 63،132.69ރ. ލިބުނު އިރު، ބޮލަކަށް ޖެހުނީ 568.79ރ. އެވެ.

ހުޅުމީދު އަށް ބަލާއިރު، ހުޅުދޫއިން 136 މީހަކު ވަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައެވެ. އެ އަވަށުން ޒަކާތް ދެއްކި މީހުންގެ އަދަދަކީ 560 އެވެ. އަދި ލިބުނު ފައިސާގެ އަދަދު 14،835ރ. އަށް އަރާ އިރު، ބޮލަކަށް ޖެހިފައިވަނީ 109.08ރ. އެވެ. މީދޫން ފަގީރުންގެ ގޮތުގައި ރަޖިސްޓްކުރީ 109 މީހުންނެވެ. ޒަކާތް ދެއްކީ 1،074 މީހުންނެވެ. ލިބުނު ފައިސާގެ އަދަދަކީ 24،783ރ. އެވެ. ބޮލަކަށް ޖެހުނީ 227.37ރ. އެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ފައިސާ ޖަމާކުރެވޭނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު