ކ.އަތޮޅު މާފުށީގައި ހިންގަމުން ގެންދާ ކާނި ގެސްޓްހައުސް އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފިއެވެ. "ވަގުތު" އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި ކާނި އިން ހިންގަމުން ގެންދާ ހުރިހާ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ ވަރަށް ސީނިއާ ބައެއް މުވައްޒަފުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ އަދަދު 100 އަށް ވުރެ ގިނަ ވާނެ ކަމަށް ވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވެއެވެ.

މުވައްޒަފުން ވަޒީފާ އިން ވަކިކުރިއިރު މުވައްޒަފުންނަށް މުސާރަ ނުދޭތާ ވެސް ދެމަސް ދުވަސް ވެއްޖެއެވެ. މުވައްޒަފުން ވަޒީފާ އިން ވަކިކުރީ ކުންފުނި ބަނގުރޫޓް ވެއްޖެ ކަމަށް ބުނެއެވެ.

"ވަޒީފާ އިން ވަކިކުރިކަން އަންގާފައި ވަނީ މެސެޖަކުން. ވަޒީފާ އިން ވަކިކުރި ކަމުގެ ލިޔުން ދޭން މެނޭޖްމަންޓުން ވަނީ ދެކޮޅު ހަދާފައި. ނަމަވެސް ލިޔުން ނުލިބި، ސަރުކާރުން ދޭ އެލަވަންސަށް އެދެވޭނެ ގޮތެއް ވެސް މުވައްޒަފުންނަށް ނެތް. މިހާރު ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތް." ވަޒީފާ ގެއްލުނު ކާނިގެ މުވައްޒަފަކު ބުންޏެވެ.

ކާނިގެ ތިން ގެސްޓްހައުސްއެއް މާފުށީގައި ހިންގައެވެ. އެއީ ކާނި ބީޗް ހޮޓެލް، ކާނި ވިލެޖް އެންޑް ސްޕާ އަދި ކާނި ގްރާންޑް ސީވިއުއެވެ.

ކާނިގެ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު ބުނީ މުވައްޒަފުންނަށް ދެން އެކޮމަޑޭޝަން ވެސް ނުދެވޭނެ ކަމަށާއި، މިހާރު ގެސްޓްހައުސް އިން ހަމަޖައްސައި ދީފައިވާ އެކޮމަޑޭޝަންގައި ތިބޭ މުވައްޒަފުންގެ ތިބުމުގެ ޚަރަދާއި ކެއުމުގެ ޚަރަދު މުސާރަ ދޭއިރު ކަނޑާނެކަން މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ މިއީ އެންމެނަށް ވެސް ދަތި ދުވަސްތަކެއް ކަން. އެހެންވެ މުސާރަ ނުލިބި ދެމަސް ދުވަސް ވެގެން ދިޔައިރު ވެސް އެއްވެސް ޝަކުވާއެއް ނުކޮށް ތިބީ. ނަމަވެސް ވަޒީފާ އިން ވަކިކޮށްލާފައި މިވަނީ ވަރަށް ދެރަގޮތަކަށް. އެންމެ ކުޑަމިނުން ވަކިކުރި ކަމުގެ ލިޔުން ވެސް ނުލިބުނު." އެމުވައްޒަފު ބުންޏެވެ.

އިތުރު މުވައްޒަފަކު ބުނީ ވަރަށް ސީނިއާ މުވައްޒަފުން ވަޒީފާ އިން ވަކިނުކޮށް މިހާރު ތިބީ އަލުން ގެސްޓްހައުސްތައް އޮޕަރޭޝަނަށް ގެންނަން ޖެހުނު ނަމަވެސް އެކަން ކުރުމަށް ކަމަށެވެ.

"ކުންފުނި ބަނގުރޫޓު ވެއްޖެކަމަށް ބުނެ ހަދަނީ ދޮގު. މިއަދު ސަރުކާރުން ހުއްދަ ދިން ނަމަވެސް އޮޕަރޭޝަނަށް ގެނެވޭ ވަރަށް ގެސްޓްހައުސްތައް ހުރީ ތައްޔާރުގައި." މުވައްޒަފަކު ބުންޏެވެ.

މުވައްޒަފުން ވަޒީފާ އިން ވަކިކުރުމާއި ގުޅޭ ގޮތުން ކާނިގެ ބަހެއް ހޯދަން ގުޅުމުން އެތަނުގެ އިސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ ގެސްޓްހައުސްގެ ބަހެއް ނުލިބުނެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮކީ

    ރާއްޖޭގެ މަހުޖަނުން އުޅެނީ ވަރަށް ހާލުގަ.

    39
    1
  2. ސަންދޯ

    ޒަކާތް ލިބެންޖެހޭ ލިސްޓުގަ ހިމަނާާ ކާނިގެ ވެރިމީހާއާ ބުރުމާ ގާސިމު. އާންމު ރައްޔިތުންނަށްވުރެ މިމީހުން ފަޤީރު ?

    25
    2
  3. އަހާ

    މީ ކޮންމަހުޖަނަކު ހިންގާތަނެއް

    16
    1
    • ށ

      “ޥަގުތު” އަކައްވެސް ނުކެރުނެންނު އެނަން ޖަހާލާކައް! އެހެންނޫނީ ނަމާ އެކީގަ ޖަހާލާނެ ވަރައް ފޯރިއަރުވާފަ.

      12
      3
  4. ކާނި

    ތީހަމަ %100 ތެދު ހަބަރެއް.
    ކާނި ހޮޓެލްސް އަކީ ހަކަތަ އާއިލާއަށް ނިސްބަތްވާ އަބުދުﷲ ނަމަކަށް ކިޔާ މީހަކު ހިންގާ ތަނެއް.
    އޭނާ އަކީ އާއްމު ހާލަތުގައި ގައުމު އޮތް އިރުވެސް ހަމައަށް މުވައްޒަފުންނަށް މުސާރަ ދޭ މީހެއްނޫން.

    21
    1
  5. ގްރައުންޑް

    ކާނި ހޮޓެލްސް އިން 5 ގެސްޓްހައުސް ހިންގާ، ގެސްހައުސްއޭ ބުންޏަސް ތިން ގެސްޓުހައުސްގައި 50 ޢަށްވުރެ ގިނަ ކޮޓަރި އަނެއް 2 ތަނުގައި 30 ކޮޓަރި އަދި 20.

  6. މުހަންމަދު

    ސަރުކާރުން ކާނި ގެސްޓްހައުސްތަކާއި ދެކޮޅައް ފިޔަވަޅު އަޅައި އެތާގެ މުއައްޒަފުންގެ ހައްގުތައް ކަށަވަރު ކުރަން ގޮވާލަން. އަދި ހިއުމަން ރައިޓުސް ކޮމިޝަނުންވެސް މިކަމާއި މެދު ފިޔަވަޅު އެޅުމައް ގޮވާލަން. އަދިވަޒީފާއާއި ބެހޭ އޮތޯރިޓީއިންވެސް މިކަމާއި މެދު ފިޔަވަޅު އެޅުމައް ގޮވާލަން. ތިމަންނާ މެންނައް ރިޕޯޓެއް ނުކުރެއޭ ކިޔާފަ އަނގައިގަ ހައްޕު އަޅައިގެން ނުތިބުމައް މި މުއައްސަސާތަކައް ގޮވާލަން.. އެ މުއައްސަސާއެއްގެ އިހުތިސޯސުގެ ތެރެއައް ވަންނަ މިފަދަ ކަންކަމުގެ ޚަބަރު އިވުމުން ކަންކަން އޮޅުންފިލުވައި ހައްލު ކުރުނުގެ މަސައްކަތް ކުރަންޖެހޭނެ އެއީ ރެގިއުލޭޓާއެއް ނުވަތަ ވޮޗްޑޯގް އެއް ކަމައް ވާނަމަ. ވަރައް ގިނަ ފަހަރު އިވޭ އަޑަކީ ތިމަންނާމެންނައް ރިޕޯޓެއް ނުކުރެޔޭ.. އެކަމަކު އެ ޚަބަރުތައް މީޑިޔާގައި އުތުރިއަރާއިރުވެސް.

    • ޙަމަ

      ސަރުކާރަކައް ނުކެރޭނެ އެއްވެސް ފިޔަވަޅެއް އަޅާކައް. ސަރުކާރުގެ ބޯޅަ އޮތީ ފަޅައިގެންގޮއްސައޭ.

  7. ނ

    މާފުށިން ކުއްޔައް ހިފައިފާ ހުރި ބައެ ގޯތި ތަކުގެ ކުލިވެސް ކާނި ގެސްޓް ހައުސް ހިންގާ ފަރާތުން ނުދައްކާތާ 2 މަސް ދުވަސް ވެއްޖެ... މިކަން ވަރައް ރަނގަޅައް އެނގޭތީ މިބުނީ...