މާލެ ސަރަހައްދުގައި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ހިލާފުވެގެން އިއްޔެ އެކަނި ވެސް 234 މީހުން ޖޫރިމަނާކޮށް، ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ޖޫރިމަނާ ކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެ އިން 211 މީހުންނާއި ހުޅުމާލެ އިން 20 މީހުންނާއި ވިލިމާލެ އިން ތިން މީހުންނެވެ. ފުރަބަންދުގެ އަމުރާ ހިލާފުވެގެން ހަ މީހުން ހައްޔަރު ކުރީ މާލެ އިންނެވެ.

މިހާތަނަށް އައިއިރު، ފުލުހުން 282 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި އޭގެ ތެރެއިން މިހާރު ތިބީ 121 މީހުންނެވެ. ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެ އިން 249 މީހުންނާއި ހުޅުމާލެ އިން 30 މީހުންނާއި ވިލިމާލެއިން ތިން މީހުންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 5،259 މީހެއް ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ މާލެ އިން 4،553 މީހުންނާއި ހުޅުމާލެ އިން 603 މީހުންނާއި ވިލިމާލެ އިން 103 މީހުންނެވެ.

ފުރަބަންދުގެ އަމުރާ ހިލާފުވާ މީހުން ޖޫރިމަނާ ކުރާނީ 1،000ރ. އިންނެވެ.

މާލެ ފުރަބަންދުކޮށްފައިވާތީ ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުންނަ ނަމަ، ފުލުހުންގެ ހުއްދަ ހޯދަން ޖެހެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައި ވަނީ ޒަރޫރީ ބޭނުމެއް ނެތި އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށެވެ.

ރާއްޖެ އިން މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުންގެ ގައިން ކޮވިޑް-19 ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު