ހއ. އުލިގަމުގައި ބަނދަރުކުރާ ޓޫރިސްޓު އުޅަނދު ފަހަރުތަކުން ނަގަމުން އަންނަ ފީތައް ކުޑަކޮށްފިއެވެ.

މިފަދައިން ފީތައް ކުޑަ ކުރުމަށް ނިންމީ ކަސްޓަމަސް ސާވިސް އިން ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހާއި އެކުގައެވެ. އެ އިސްލާހުގައި ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ފީ ކުޑަ ކުރާނެއެވެ.

އިސްލާހުގައި ބުނެފައި ވަނީ އޭޖެންޓަކު ނެތި ހަފުތާއަކު ބަނދަރުގައި އޮވެވުމާއި އެޖެންޓަކު އައްޔަންނުކޮށް ރާއްޖެ އަންނަ މި ފަދަ އުޅަނދު ތަކަށް އޭޖެންޓުން އައްޔަން ކުރަން ދޭ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.

މި އިސްލާހާއި އެކު އުޅަނދުތަކުން ނަގާ ފީ 75 ޕަސެންޓު ކުޑަވާނެއެވެ. 15 މީޓަރަށް ވުރެން ކުޑަ ޓޫރިޒަމް އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ފީއެއްގެ ގޮތުގައި މީގެކުރިން 1000 ރުފިޔާ ނަގަމުން ދިޔަ ނަމަވެސް މީގެފަހުން ދެން ނަގާނީ 250 ރުފިޔާއެވެ.

އިސްލާހުގައިވާ ގޮތުން އޭޖެންޓަކު ހަމަޖައްސަން 72 ގަޑިއިރުގެ މުހުލަތެއް ދެވޭނެއެވެ. ނަމަވެސް އެ ވަގުތުގެ ތެރޭގައި އޭޖެންޓަކު ހަމަނުޖެއްސިއްޖެ ނަމަ އެ އުޅަނދުގެ ވެރިފަރާތް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އުލިގަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެން ވިދާޅުވެފައި ވަނީ އެރަށަށް ބަނދަރުކުރާ ޔޮޓު ފަހަރުތަކުން ނަގާ ބޮޑެތި ފީތައް ކުޑަކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު