މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ ބަޔަކު ކަމަށް ޝައްކު ކުރެވޭ 12 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ 12 މީހުން ބަންދުކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެގޮތަށް އެދިވަޑައިގަތުމުންނެވެ.

ކޮވިޑް-19 ޖަލުގައި ފެތުރުނަ ނުދިނުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 30 މީހުން ޝަރުތުތަކަކާ އެކު ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުތަކުގައި ވަނީ އެދިލައްވާފައެވެ. އެ ޚަބަރު ރީޓްވީޓް ކުރެވުމަށް ފަހު ޤާނޫނީ ވަކީލް ޝަޒީމް ވަހީދު ވަނީ އިއްޔެ އެކަނިވެސް ޕީޖީ އޮފީހުގެ އެދުމަށް 12 މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ޓެގްކުރައްވާ އޭނާ ކުރެއްވި އެ ޓްވީޓަށް ޖަވާބުދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވަނީ އިއްޔެ ބަންދު ކުރި މީހުންނަކީ މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ މީހުން ކަމަށެވެ.

https://twitter.com/HuShameem/status/1264903683038277632

އެކަމާއި ގުޅޭ މައުލޫމާތު "ވަގުތު" އާއި ހިއްސާކުރައްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މީހުންނަކީ ގިނަ އަަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކަކާއި ގުޅުން ހުރި ބައެއްކަމަށެވެ.

" އެކަހަލަ މީހުންނަށް ލުއިދޭކަަށް އެއްވެސް އިރަކު އެދިފައެއް ނުވާނެ. 70 އަށް ވުރެ ގިނަ ކިލޯ މަސްތުވާތަކެތި އަތުލައިގަތް. 11 މީހުންނޭ އަޅުގަނޑު ހަނދާން ވަނީ." އޭނާ ވިދާޅުވިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވިކަން މީގެ ކުރިން ޓްވިޓާ މެދުވެރިކޮށް ޕީޖީ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެ ހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން މިދިޔަ މާޗް 20 ގައި "އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 11 މީހަކަށް ދައުވާ ކުރުމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅިކަން ޕީޖީ އޮފީހުން ހާމަކުރެއްވީ އިއްޔެއެވެ.

ފުލުހުން ކުރިން ވަނީ އެ އެންމެންގެ ވެސް ކުށުގެ ރެކޯޑް އޮތްކަން ހާމަކުރައްވާއެވެ.، އެ މީހުން ހިންގާފައިވާ ކުށްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ފޭރުމާއި، ހެކި ނައްތާލަން އުޅުމާއި، ވައްކަން ހިމެނެއެވެ.

މިމައްސަލަ އާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ޖުމުލަ ހަތަރު ގެއެއް ބަލާފާސްކުރި އިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ވަނީ ހޯދައިފައެވެ.

ފުލުހުން ހޯދި މަސްތުވާތަކެތީގެ މަގުމަތީ އަގު 72 މިލިއަން ރުފިޔާ އަށް އަރާކަމަށް ފުލުހުން ވިދާޅުވިއެވެ.

ހައްޔަރު ކުރި މީހުން

- އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް
- މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ
- މުހައްމަދު މާއިޝް/ މ. މާކޮޅު
- މުހައްމަދު ޝާމިން/ މއ. ވިރާހު
- އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4
- އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ
- ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ
- ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން
- މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ
- މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު
- މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ

މީގެ ކުރިން ވެސް ރާއްޖެ އަށް ކަނޑުމަތުން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ބައެއް މީހުން ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕީޖޭ

    މަޖިލިސް މެޖޯރިޓީ ނަޝީދަށް ލިބިފައި އޭނާ މަސައްކަތް ކުރަނީ މަސްތުވާތަކެތި ބޯމީހުންގެ ދިފާއުގައި މިސާލަކަށް ފިލްމު ކުޅޭ އަންހެން ކުއްޖެއް މާމިގިލިން ހައްޔަރު ކުރީމަ އެއޮޕަރޭސަނަށް ފުލުހުން މާގިނައިން ހަރަދު ކުރީއޭ ބޭކާރު ކަމެކޭ ބުނީ..އެދެވުނީ ކުށުގެ ތުޙުމަތުގައިވާ ކުއްޖާއަށް ހިއްވަރު..ނަތީޖާ އެކުއްޖާގެ މަސްތުވާތަކެތީގެ މައްސަލަ ނުނިމެނީސް 11 ފިރިހެނުންނާއި އެކު ބަނގުރާ ބޮއެ ބުފޭ ކުރި ތުޙުމަތު ހައްޔަރު،...ދެން ދާނީ ފަރުވާއަށް އެއަށް ފަހު ދެން އަތުވީއާ ދެވަނަ ފުރުސަތު..އެއަށްފަހު ފުލުހުންނަށްް އަތުވިޔާ ފުރުސަތުގެ ފުރުސަތު.. ކުއްވެރިންގެ ލާދީނީ ޕަޕެޓް ގަވްމުގެ ހަލާކު

  2. އަހުމަދު

    މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު ، މީ ދޫކޮށްލަން ހެޔޮވާވަރުގެ އާދަމުގެ ދަރިއެއް ނޫން ، މުލީ ރަށް ހަލާކުކޮށްލާފައި އޮތީ