މި ވަގުތަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތު ނޫން ކަމަށާއި މިއީ ހެޔޮ ހިތަކައިގެން އެމީހުންނަށް މަރުހަބާ ކިޔަންވީ ވަގުތު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (ޔޫއެން ޑަބްލިއުޓީއޯ) ގެ މާކެޓް އިންޓެލިޖެންސް އެންޑް ކޮމްޕެޓިޓިވްނެސް ޑިޕާޓްމަންޓްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އަގުނުކުރެވޭ މިންވަރެއްގެ ގެއްލުން ވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުން ހުއްޓީ އިޤްތިސާދުވެސް ހުއްޓިފައިވާ ކަމަށެވެ.

އެހެން ކަމުން އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް މިހާރު ތައްޔާރުވަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިގްތިސޯދު އަލުން ހުޅުވާލުމަށް ކަމަށާއި ނަމަވެސް މިހާރު ހުރިހާ ގައުމަކުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ބަލީގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ، އެއާޕޯޓުތަކާއި ޓޫރިސްޓު ފެސިލިޓީތަކުގައި ބައިނަލްއަގުވާމީ އެއް މިންގަނޑަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ރައްކާތެރިކަމުގެ އިތުބާރަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބިންގާ ކަމަށާއި، މާތްﷲގެ އިރާދަފުޅާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ އެ އިތުބާރާއެކު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވާލާ އިރު ކޮވިޑް ޓެކްސްގެ ގޮތުގައި، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 8 ޑޮލަރު ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ލަފާ ދިނުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ފަތުރުވެރިކަން އަލުން ހުޅުވާލާއިރު، އަމަލު ކުރާނެ ގައިޑްލައިންއެއް އެކުލަވާލާ އެއަށް ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ ހިޔާލު ހޯދުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައިވަނީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢާދޭސް

    އައްޔަމެން މިހާރު އިޤތިސޯދޭ ، އަނެކެއްޗެކޭ ތިކިޔަނީ މިހާރު އައްޔަމެން ޖީބުތަކަށް ލުއިވާ އިހްސާސް ކުރެވެންފެށީމަ ، ތިމާމެންގެ މުސާރަ ކުޑަކުރަންހެދީމަ ، މީގެ ކުރިން އެތަށް ނިކަމެތި ރައްޔިތަކު ތިހާލުގައި އުޅެފި ، އައްޔަމެންނަށް އަޑެއްނީވޭނު ، މިހާރު ހަމަ މަރަށްތެޅޭ މަހެއްހެން ވެރިން ތިޔަ އުޅެނީ ، ހެޔޮވާނެތޯ

    18
  2. ރަބަރޭ

    މަނިކުފާނު ތިޔަވިދާޅުވަނީ “ ކާއިގެންނޭ ފުރާނީ ނުކައެއް ނުފުރާނަމޭތޯ”

    19
    • ހހހހ

      ހަމައިގަތޯ ހުރިބަލަން ކުޑަކަމުދާ އެއްޗެހި ޗެކްކޮށްލަންވީ.

  3. ރޯދަ މުބާރިކް

    ވީއިރު ޕްރިލިމިނަރީ ކަރުދާހުގައި ފައިސާ ނަގަން ޖެއްސެވީ ކީއްވެ ބާޥައޭ ހަމަ ހިތަށް އަރާތީ އަހާލީ....!

    18
  4. ނަހުލާ

    މިވަގުތު އެއްމެ ރަގަޅުވާނީ އިރުމަތިފަރާތާއިދިމާލަށް ދިދަނަގައިގެން އިނުން

    19
  5. މުހަންމަދު

    ބަލަގަ އަލީވަހޭދެއް ނޫންތަ އުޅުނީ ފީތަކާ އެއްޗިހި ބޮޑުކުރަން.. މިއީ ސޭލްސް ޑިސްކައުންޓު އަދި ޚާއްސަ އޮފާތައް ދީފަ ގެނެވެސް ހުރި ޓޫރިސްޓަކު ގެންނަންޖެހޭ ދަނޑިވަޅު. މަދު ރިސޯޓަކައް ނޫނީ އެއްކަލަ ބިލިޔަނަރުންތަކެއް އަގުބޮޑުކޮށެއް ނުގެނެވޭ.. ގިނަ ރިސޯޓުތަކައް 40 ހަކައް ޓޫރިސްޓުންނަމަވެސް ކޮންމެ ރަށަކައް އަގުހެޔޮ އޮފާތަކުގައި ގެނެވުނަސް ކޮންމެވެސް ކޭޝްފުލޯއެއްހިނގާނެ.

    11
  6. ލައިލާ

    އައްޔާ ގާސިމް އަށް ގާނޫނާއެއްގޮތަށް ސްޓަރފުންނަށް އިނާޔަތާއި ނުދީ ހުރި މުސާރަދޭން ބުނެބަލަ

    14
  7. މޮޔަ ޖިއްސުމީ ވިސްނުން

    އޭ. އަދި ހިނގާބަ ފަތުރުވެރިނަށް ޑޮލަރު ބަހަން. މާ ރަނގަޅު ގޮތެއް/

    14
  8. Anonymous

    އަހަރެމެން ދިވެހިންތަ ފެލްންވީ!!

    15
  9. ނާބެ

    މިކަހަލަ މީކުނަށް ދިވެހި ބަހުން ރޯނުއެދުރު ކިޔްނީ.

    17
  10. އުސައިދު

    އެއްކޮޅުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ބައިނަލް އަގްވާމީ ހަމަތަކުގެ މަތިން ދައުލަތުގެ ފައިސާއިން ޚަރަދު ކުރަން މަޖްބޫރުވެފަ އަނެއްކޮޅުން އަންނަ ފަތުރުވެރިނަށް ރައްޔިތުންވީ ޓިޕްސްއާ ބޯނަސް ދޭން..ދެން ހުރި ފައިސާއެއް މަޖިލިސް މެންބަރުންނާ ދެންވެސް ތިބި ސިޔާސީ މީހުނަށް ބަގާލާފަ އަހަރެމެން ނިކަމެތި ރައްޔިތުންވީ ބަނޑަށް ތިބެން...ނޫވޭވާ ސަރުކާރެއް މިއޮތީ..

    11
  11. ބޭރުމީހާ

    މި ޓޫރިޒަމް މިނިސްޓަރު މާވަރަކަށް މަޝްހޫރުވާންވެގެން ކޮންމެދުވަހަކު ދެކޮޅުނުޖެހޭ ކޮންމެވެސް ވާހަކައެއް އެބަދައްކައެވެ. މި މީހާގެ ވާހަކަތަކުން މި މިމީހާގެ ޢިލްމީ ގާބިލްކަން ކުޑަމިންވަރު ހާމަވެގެންދެއެވެ.

  12. Anonymous

    ގޮތްކުޑަ މީހެއްދޯ. މީނަ އެޕްރޫވްކޮށްގެނެއްނޫންތަ ޓޫރިޒަމްގެ ގައިޑްލައިން ނެރުނީ.

    11