އިސްލާމީ މަރުކަޒު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބަރަކާތް ލިބުމުގައި އީމާންތެރިކަމާއި ތަގުވާވެރިކަމަކީ މުހިންމު ކަމެއް ކަމުގައި މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.

"ބަރަކާތް ލިބުމުގެ މަގުތަށް" މި މައުޟޫއަށް މިއަދު ރާއްޖޭގެ ރަށްތަކުގައި އިއްވާފައިވާ ހުތުބާގައި ވަނީ، ތަގުވާވެރިކަމާއި އީމާންތެރިކަމަކީ ދުނިޔެއާއި އާހިރަތުގެ ފޮނި މީރުކަން ހޯދުމަށް އޮތް މަގެއް ކަމުގައެވެ.

"އީމާނަކީ ހިތުގެ ގަބޫލުކުރުމާއި ދުލުގެ އިގްރާރާއި ގުނަވަންތަކުގެ އަމަލު. ތަގުވާއަކީ ﷲ ގެ ހަސްރަތުގައި ސަވާބަށް އެދި ހެޔޮ އަމަލުކުރުމާއި އެކު އެކަލާނގެ އަޒާބަށް ބިރުވެރިވެ އުރެދުންތަކުން ދުރުވުން. އީީމާންކަމާއި ތަގުވާވެރިކަމަކީ އުޑުތަކާއި ބިންތަކުގެ ބަރަކާތް އަހަރެމެންނަށް ލިބިގެންދާނެ ސަބަބެއް" ހުތުބާގައި ވެއެވެ.

އީމާންތެރިކަމާއި ތަގުވާވެރިކަމުގެ އިތުރުން ބަރަކާތް ހޯދުމަށް އޮތް އަނެއް މަގަކީ ހަލާލު ގޮތުގައި ކަންތަށްތަށް ކުރުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ބަރަކާތް ހޯދުމުގެ އަނެއް މަގަކީ ހުއްދަ، ހަލާލު ގޮތުގައި ކަންތަށްތަށް ކުރުން. ތިމާގެ ކެއުމާއި ބުއިމާއި އަންނައުނާއި ގެދޮރާއި ފައިސާއާއި، އެނޫންވެސް ހުރިހާ އެއްޗަކީ ހަލާލު ގޮތުގައި ކަމުގައި ހެދުން. މިއާ ހިލާފަށް ހަރާމްގޮތެއްގައި ހޯދާ ކޮންމެ އެއްޗަކީ ބަރަކާތް ކެނޑި ފުހެވިގެން ގޮސްފައިވާ އެއްޗެއް" ހުތުބާގައި ބުނެފައިވެއެވެ.

އަދި ބަރަކާތް ލިބުމުގެ ސަބަބުތަކުގެ ތެރޭގައި ރަހިމުގެ ގުޅުން ދެމެހެއްޓުންވެސް ހިމެނިގެންވާ ކަމަށް ހުތުބާގައި ބުނެފައިވެއވެ.

"ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހިވަސައްލަމަ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"އެމީހެއްގެ ރިޒުގު ތަނަވަސްވެ ބަރަކާތް ލެއްވިގެންވުމަށް، ނުވަތަ އޭނާގެ އުމުރު ދިގުކުރެއްވުމަށް އެދޭ މީހާ ފަހެ، އޭނާ ރަހިމުގެ ގުޅުން ދަމަހައްޓާ ހުށި ކަމެވެ" މި ބަސްފުޅުގައި އެވާ އުމުރު ދިގުވުމޭ ބުނެވޭ ވާހަކައިގެ މުރާދަކީ އެމީހެއްގެ ހަށިގަނޑު ދުޅަހެޔޮކަން މަތޯ ގިނަ ދުވަހު ހުރުން. އަދި އެއީ ތިމާ މަރުވުމަށް ފަހުވެސް ތިމާގެ ހަނދާންތަށް ދެމިގެންދިޔުން ކަމުގައި އިލްމުވެރިން ބުނޭ. މިހުރިހާ ކަމަކީވެސް ތިމާއަށް ލިބޭނެ ބަރަކާތް" ހުތުބާގައި ބުނެފައިވެއެވެ.

އަދި މާތް ﷲ ދެއްވެވި ނިއުމަތްތަކަށް ޝުކުރުވެރިވުމަށް ހުތުބާގައި ވަނީ އެންމެ ކަތުންނަށް ވަސިއްޔަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެޔޮލަފާ އަނބިން ބުނަނި ކީކޭ އެމީހުންގެ ފިރިން ކައިރީ... ހޯދުނު ގޮތަކަކަށް ރިޒުގު ހޯދާށޭތަ؟