ދުނިޔެއަށް ބޮޑު ސިއްހީ ކާރިސާއެއް ދިމާވެގެން އުޅޭ އިރު، ކައުންސިލަރުން ވަކިކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ކައުންސިލަރުންގެ ދައުރު ދެންމުމާ ގުޅޭ ގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ނިޔާޒް ވިދާޅުވީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު މި ވަގުތު ކައުންސިލަރުން ވަކިކުރުމަކީ ކޮންކަހަލަ ކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ޓާސްކް ފޯސްތަކާ އެކު ކައުންސިލްތަކުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު ކައުންސިލްތައް އުވާލުމުން ޓާސްކް ފޯސްތަކަށް ބަދަލު އަންނާނެކަން ފާހަގަ ކުރައްވައި ނިޔާޒް ވިދާޅުވީ އެއާ ވިދިގެން ރަށްރަށުގެ ހާލަތަށް އަންނާނެ ބަދަލު ވިސްނާލުން މުހިންމު ކަމަށެވެ.

"ސިޓީ ކައުންސިލް އަދި ރަށް ރަށުގެ ހުރިހާ ކައުންސިލްތަކަށް ވެސް މިކަމުގައި މަސައްކަތް ކުރާކަން އެއީ ދެ ބަސް ވެވެން ނެތް ހަގީގަތެއް. މާދަމާ މީގެ އެއް ހަފްތާ ފަހުން އެ މީހުން މަގާމުން ދުރުކޮށް، އެ ޓާސްކް ފޯސްއިން ބޭރު ކުރީމާ ދެން އެ ރަށުގެ އާންމު ހާލަތަށް ވެގެންދާނެ ގޮތާއި، އާންމު މަސްލަހަތަށް ވެގެންދާނެ ގޮތާ މެދު އަޅުގަނޑުމެން ވިސްނަން އެބަ ޖެހޭ. އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް އަޅުގަނޑުމެން މިއަދު އެ މީހުން މަގާމުން ދުރުކޮށް އެހެން ވަޒީފާތަކަށް ދާށޭ ބުނުމަކީ ކޮންކަހަލަ ކަމެއްތޯ އަޅުގަނޑުމެން ވިސްނަން އެބަ ޖެހޭ،" ނިޔާޒް ވިދާޅުވިއެވެ.

އެހެންވެ، ކައުންސިލަރުން މަގާމުގައި ބޭތިއްބުމަކީ މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

" ބައެއް ފަރާތްތަކުން އެބަ ބުނޭ މިހާރު ތިބި ކައުންސިލަރުންނަށް އެނގޭނެ ނޫންހޭ ތިނެއް ޖޫންއަށް މުއްދަތު ހަމަވާކަން. އާދެ އެނގޭނެ. ނޭނގޭ އެއްޗަކީ، މިހާލަތު ދުނިޔެއަށް އައިސްދާނެކަން ނުވަތަ ރާއްޖެއަށް ކުރިމަތިވެދާނެކަން، މިއީ އެއްވެސް މީހަކަށް އެނގުނު ހާލަތެއް ނޫން. އެހެންވީމަ މި ޚާއްސަ ގޮތްތަކުގެ ތެރޭގައި މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކޮށްދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމަ އަދި އުސޫލު،" އޭނާ ވިދާޅުވިއެވެ.

ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، މިހާރު އިއުލާންކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށާއި، ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރައްވާ ކޮންމެ ވަގުތެއްގައިވެސް ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލަފާ އަރުއްވަިއފައެވެ.

ފިލްޒާ އެގޮތަށް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ކައުންސިލް އިންތިހާބު ނުބޭއްވުމުގެ ސަބަބުން މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ޙަލީމް ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހާ ގުޅިގެން މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޯދަ މުބާރިކް

    ޤަބޫލު ކުރެވޭ ދެ ނުގުތާ އެއް!

  2. ޙަސަނާ

    ދަންނަވަންތޯ ރައީސް އައްވެސް ގެއްލިގެންމިދާދުވަސްތައް އިއާދަކޮއްދެއްވަން ޖެހޭނެ ވައުދުފުއްދަން 2020 ގުނިގެންނުވާނެ މިއޮތީ ކުއްލިހާލަތެއްއައިއްސަ ސުވާލަކި ތިފަދަނިންމުމެއް މިއަދުނިންމީސް ބާއޭ އިދިކޮޅު ކައޔންސިލަރުންތަކެއް މެޖޯރިޓި ރައްތަކުގައޮތްނަމަ ސިޔާސީ ކަންކަންއަބަދުވެސް ދެމިގެންދާނީ ބަރު ބެހިފަ އޮންނަގޮތެއްގެ މަތިން ނޫންތޯ

  3. އަލީ

    އެއްބައިފަހަރު މަސްލަހަތު. އަނެއްބައި ފަހަރު ޤާނޫން އަސާސީ. ހާވާނެ ގޮތަކަށް ހާވަމުން ގެންދޭ. ކަލޭމެންގެ ބާރު ތިއޮތީ.