މިހާރު ދިމާވެފައިވާ ކޮވިޑް-19އިގެ ހާލަތާއި ގުޅިގެން، ކައުންސިލްތަކުގެ ދައުރު ދިގުދަންމާލި ނަމަވެސް ހާލަތު ނިމުމުން އެ އިސްލާހު އުވާލަން ޖެހޭނެ ކަމަށާއި ނޫން ނަމަ ފަހުން ނިކުންނާނެ ނަތީޖާ ހިތި ވެދާނެ ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެެވެ.

ކައުންސިލް އިންތިޚާބު ނުބޭއްވުމުން ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ޤާނޫނު އަސާސީ އިސްލާހު ކުރަނީ ވަގުތީ ހައްލެއް ހޯދަންކަމަށް ވާއިރު، ވަގުތީ ގޮތުން ކަމެއް ކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ސައުދު ވިދާޅުވިއެވެ. ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރުމަށް ޤާނޫނެއް ފާސްކުރި އިރު، ކައުންސިލަރުންގެ ދައުރާއި މެދު ގޮތެއް ނިންމާފައި ނުވަނީ މަޖިލީހުގެ ފަރުވާކުޑަ ކަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަގުތީ ގޮތުން މި މައްދާ ލައިފި ނަމަ މި މާއްދާއަކީ ދެން އަންނަ ހުރިހާ ކައުންސިލްތަކުން ވެސް ހަމަ ދެން އަންނަ ކައުންސިލެއް އަންނަން ދެން މި މާއްދާ އޮންނާނެ. ރިޔާސީ އިންތިޚާބުވެސް ބާއްވާފާނެ މިގޮތަށް ފަސްކޮށްގެން. އިއްޒަތްތެރި ރައީސް ރިޔާސީ އިންތިޚާބާއި ދިމާކޮށްފައި މި ރާއްޖޭގައި ބަލިމަޑުކަމެއް ފަތުރާލުމަކީވެސް މާބޮޑު އުނދަނގޫ ކަމަކަށް ނުވާނެ. ދުނިޔޭގައި ޓެކްނޮލޮޖީ އެބަހުރި. ހަމަ ވަގުތީ ހައްލެއް ހޯދަން ޖެހިދާނެ." އޭނާ ވިދާޅުވިއެވެ.

ދިވެހި ރާއްޖެއަކީ ޑިމޮކްރަސީ ޅަފަތުގައި އޮތް ޤައުމެއް ކަމަށާއި އެ ހާލަތުން ގައުމުގެ ޑިމޮކްރެސީއަށް އަރައި ނުގަނެވެނީ ވެރިން މަޤާމުތަކުގައި ތިބެން ކޮންމެކަމެއްވެސް ކުރަން ތައްޔާރަށް ތިބުމުން ކަމަށް ސައުދު ވިދާޅުވިއެވެ. ޤާނޫނު އަސާސީގައި ނެތް ހާލަތްތައް ބޭނުންކޮށްގެން، ނޫނީ ވަގުތީ ގޮތުން ކުރާ ކަމެއްގެ ނާޖައިޒް ފައިދާ ނެގުމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަކީ ވެރިން މަޤާމުތަކުގައި ދެމި ތިބުމަށްޓަކާ ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ ބައެއްކަން ދިވެހި ތާރީހު، ދައްކުވައިދީފައިވޭ. ބަލަމާ ހިނގާ މީގެ ކުރީގެ ޤާނޫނު އަސާސީގެ ދަށުން ދިގު މުއްދަތެއްގެ ވެރިކަމެއް ބަދަލުވެގެން ދިޔައީ އަޅުގަނޑުމެން އާ ޤާނޫނު އަސާސީގައި 2008ގައި. އޭގެ ފަހުން އެއައި ބަދަލުތަކާއި އެކީގައި އަދިވެސް މި އުޅޭނީ ހަމަޖެހުމެއް ނުލިބިގެން،" ސައުދު ވިދާޅުވިއެވެ.

އޭރެއްގައި އޮންނަ ސަރުކާރަކާއި، މަޖިލީހާިއ، ޖުޑީޝަރީން ޤާނޫނު އަސާސީއަށް އިހުތިރާމް ނުކުރާނަމަ ރައްޔިތުންވެސް ޤާނޫނު އަސާސީ އަށް އިހުތިރާމް ނުކުރާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

އޭނާ ވަނީ ކައުންސިލަރުންގެ ދައުރު އިތުރު ކުރާނަމަ، އެއީ ހަމައެކަނި މިހާރު ދިމާވެފައިވާ ހަލާތާއި ގުޅިގެން އަންނަ އިސްލާހަކަށް ހެދުމަށް ގޮވާލައްވާފައެވެ. އަދި އެކަން ޤާނޫނު އަސާސީއަށް ގެންނަ އިސްލާހުގައި ސާފުކޮށް އެނގެން އޮންނަން ވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.