މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާއިރު އެކަމަށް ހައްލު ގެނައުމުގައި ދައުލަތުގެ ތިންބާރު މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިފަދަ މުހިއްމު ކަމެއްގައި ދައުލަތުގެ ތިންބާރުން މަޝްވަރާ ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ. އޭނާ ވަނީ މިއަދު މަޖިލީހުގައި ބަހުސް ކުރެވޭ އެކަމާއި މެދު އަވަހަށް ގޮތެއް ނުނިއްމިއްޖެ ނަމަ ގާނޫނީ ހުސް ކަމެއްގެ ތެރެއަށް އެކަން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

"މިކަން ވޯޓަކަށް ދާއިރުގައިވެސް އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ މުޅި ދއުލަތުގެ ބައިވެރިވުން މުޅި ދައުލަތުގެ ހިއްސާ އޮންނާނެ ގޮތަކަށް އަޅުގަނޑުމެން މި ވޯޓާއި މެދު ކަމެއް ކުރުމުގެ މައްޗަށް. އަޅުގަނޑު ތަކުރާރުކޮށް ކުރިންވެސް ދަންނަވަމުން ގޮސްފައިވާނެ މިއީ އަޅުގަނޑުމެންނަށް ދުސްތޫރީ މައްސަލައެއްގެ ތެރެއަށް ވަންނަމުން ދާތީއާ އެކުގައި އަޅުގަނޑުމެނަށް ގާނޫނީ ފަރުވާއެއް ހޯދުމުގައި ޝަރުއީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން މިއަށް ފަރުވާއެއް ހޯދަން ޖެހޭނެ ކަމަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް މިއަދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ގާނޫނުއަސާސީގައި އަދުލުވެރިކަމާއި އެކު ޝަރީއަތްތައް ކުރެވެން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަކީ ހަމަހަމަ ކަމާއި އެކުގައި ހިންގުނު ޝަރީއަތެއް ނޫން ކަމަށާއި އެ ޝަރީއަތް ހިންގިފައި ވަނީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ އަދުލުވެރިކަމާއި އެކުގައި ނޫން ކަމަށްވެސް އޭނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ދައްކަން އެމްއެމްޕީއާރްސީގެ ވާހަކަ. ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ސާބިތުވާން އޮތް ހަގީގަތެއް އެއީ، ރައީސް ޔާމީން ޖަލަށް ލާފައި އެވަނީ ސިޔާސީ ބޭނުމެއްގައިކަން. ރައީސް ޔާމީންގެ ހުކުމަކާއި އެމްއެމްޕީއާރްސީގެ މައްސަލައަކާއި ގުޅުވާފައެއް ނުވާނެ،" އާދްމަ ޝަރީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ހައްލު ނުކުރެވި ގިނަ ދުވަސްތައް ވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެފައިސާ ވީ ކިހިނެއްތޯ ވެސް ރައްޔިތުން ބަލަން ބޭނުންވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާދަނާ

    3 ބާރު ދެއްތޯ. 3 އެއީ އަންހެން ފިރިހެން ވަކިވާ ގޮތަކީ. 3 ބާރު؟ ކޮން ވައްތަރެއްގެ ތިން ބާރެއްތޯ؟

  2. ނނ

    އޯމައި ގޯޑު! އާދަނާ! ކިކޭ ތިކިޔުއްވަނީ. ތިންބާރު ތިންބާރާތޯ މަސްވަރާކުރާނީ. ރަގަޅުއެއްޗެއް ކިޔުއްވައްޗޭ؟ ހަރޯދަ ވެސް ނުނިމެނީސް ފަށަންވީ ދެއްތޯ.

  3. ދުންތަރި

    ޔާމީނު ޖަލުން ނެރޭށޭކިޔާފަ ކޮންމެހެން އަންނިއާއެކުޑިލުހަދާނެކަމެއްނެތް މީގެ ކުރިންވެސް ިހާ ޖަރީމާތައް ހިންގާފަ ހުރީ ސިޔާސީ މީހުން ޑީލްހަދައިގެން

    1
    1
  4. މަންނާނު

    މިއީވެސް ދެއުޅިއެއް ނުވާބުރާންޗެކެޗެ. ޙަމަ ވާހަކައެއް ނުދައްކައެވެ. މިމީހުން އުޅެނީ ކެނެރީގެ ބުއްޅަބޭ ބޮލަށްޢެތިގެންނެވެ.