އއ. ހިމަންދޫގައި މި ސަރުކާރުން ތަރައްގީ ކުރި ބަނދަރުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީންނެވެ. އެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ މިދިޔަ މަސް ތެރޭގައެވެ. އެ މަސައްކަތް ނިމުމާއި ގުޅިގެން ރަށުގެ ރައްޔިތުންގެ ވަނީ ހާއްސަ ޝުކުރެއް އެމްޓީސީސީގެ ޓީމަށް އަދާކޮށްފައެވެ. އެޓީމަށް އެރަށު ރައްޔިތުން ޝުކުރު އަދާކޮށްފައި ވަނީ ފަރިވަޅުންނެވެ.

ހިމަަންދޫގައި ކުރިން ބަނދަރެއް ނޯވެއެވެ. އެރަށުގައި ލަފާ ފުރަން ކުރިން އޮންނަނީ ޖެޓީއެކެވެ. އެއިރުު، އެކަމާއި ރަށުގެ ރައްޔިތުން އުޅުނީ ވަރަށް ބޮޑަށް ކަންބޮޑުވެގެންނެވެ.

ހިމަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެމްޓީސީސީން އެރަށުގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.

އެ މަސައްކަތުގެ ތެރެއިން 732 މީޓަރުގެ ތޮށިގަނޑެއްލައި، 405 މީޓަރުގެ އެއްގަމު ތޮއްޓެއްލިއެވެ. އަދި ބްރިޖް ރޭމްޕަކާއި ތިން މީޓަރު ފުޅާ މިނުގެ ޖެޓީއެއް ހެދިއެވެ. އަދި ހިމަންދޫ ބަނދަރުގެ 141 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހާފައެވެ.

އެރަށު ކައުންސިލް ރައީސް ޒައިނަލް އިބާދު "ވަގުތު" އަށް ވިދާޅުވީ، ރަށުގެ ބަނދަރުގެ މަސައްކަތް ނިންމާފައި، އެ މަސައްކަތުގައި އުޅުނު ހުރިހާ ބޭފުޅުން ފުރާވަޑައިގަތީ މިއަދު ކަމަށެވެ. އަދި "ރައްޔިތުން އެތައްދުވަހެއް ވަންދެން ދެކެމުން އައި ފޮނި ހުވަފެން މިއަދު މިވަނީ ﷲ ގެ ރަހުމަތް ފުޅުން ހަޤީގަތަކަށް ވެފައި" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ މަހު 20 ގައި ހުރިހާ މަސައްކަތް ނިންމާފައި ވަނީ، ދެން އެއްކޮށް މަސައްކަތް ނިންމާފައި ހުރިހާ ސާމާނެއް ހިފައިގެން މިއަދު އެ ފޭބީ، އެކަމާއި މިއަދު މިރަށުގެ ރައްޔިތުން ފަރިވަޅާއި، އެއްޗެހި ހަދިޔާކޮށްދެއްވި ޝުކުރު އަދާކޮށް".

އޭނާ ވިދާޅުވީ، އޭނާގެ އާއިލާގެ ފަރާތުންވެސް އެ ޓީމަށް ވަރަށް ހާއްސަ ފަރިވަޅެއް ހަދިޔާކޮށްފައިވާނެ ކަމަށާއި، އަމިއްލަ ފަރާތްތަކުންވެސް ފަރިވަޅު ހަދިޔާކޮށްފައިވާ ކަަމަށެވެ.

އެ ބޭފުޅުން އެ ކުރި ބުރަމަސައްކަތްތަކަށް ހިއްވަރު ދިނުމުގެގޮތުން ހިމަންދޫ ފައިންޝޭޑް ފެމިލީ އަދި ހިމަންދޫ ޕީ.ޕީ.އެމް ގެ ބޭފުޅުންނާއި ރަށުގެ ބައެއް ރައްޔިތުންގެ ފަރާތުން، އެހީތެރިވެދެއްވި ފަރާތްތަކާއި އެމްޓީސީސީގެ ބޭފުޅުންނަށް ކައުންސިލް ނަމުގަ އާއި ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ސުކުރެއް އަދާކުރާ ކަމަށް ޒައިނަލް އިބާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާނު

    ރައީސް ޔާމީނު ދައުރުގަ ހަވާލު ކުރި ބަނދަރެއް މީ ކޮށްމެހެން އޮޅުވާލަން އުޅޭނެ ކަމެއްނެއް އެމްޓީސީސީ އާ ހަދަން ހަވާލު ކުރީ 2018 ގަ މިސަރު ކާރު ހަދާ ބަނދަރަކަށް ހެދުމަށްޓަކާ މިސަރުކާރުން އަނެއްކާ ހަވާލު ކުރީ އެމްޓީސީސީ އާ މިކަހަލ އޮޅުވާލުންތަށް މުޅލިން ކުރަމުންދާނީ ތ. އޮމަދޫގަވެސް މިކަހަލަ ގޮތަކަށް ހިނަގާފަ ވަނީ އޮޅުވާލުމުގެ ތެރެއިން އީއައި އޭ ހަދާ ހުރިހާކަމެއްނިމި ފަ ހަވާލުކުރުމުގެ މަރުހަލާގަ އޮތްތަނެއް ދޯހަޅި ކައުންސިލް އާ ދާއިރާގެ އެމްޕީ އާގުޅިގެން ރަށުގެ ގޮޑުދަށުން ބަދަރު ހަދަނަފެށީ ކުރިން ބަދުރަރު ހަދަން ޕުޅޭން ނިމި ފަ އޮތީ ގޯޑުދޮށުން 70 ފޫޓް ދުރުން ނަމަވެސ ްމަކަރާހިލަތުން މިކަން އޯލުވާލައިގެން ކުރި

    5
    3