ކޮވިޑް-19 އާ ގުޅިގެން ކަރަންޓީންގައި ނުވަތަ މޮނިޓަރިން ހާލަތަށް ގެނެއި ގެތަކެއްގައި ރައްޔިތުންގެ މަޖިލިހުގެ ހަތް މެމްބަރުން ތިއްބެވި ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގެ ހާޒިރީ އިއްވަވައި ދެއްވައި ނަޝީދު ވިދާޅުވީ ޖަލްސާ ފެށިއިރު، 29 މެމްބަރުން ތިއްބެވި ކަމަށެވެ. ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހުރިހާ މެމްބަރުންނާއި އިދާރީ މުވައްޒަފުން ތިއްބެވީ މާސްކް އަޅުއްވައިގެންނެވެ.

މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ގެތަކުގައި ހަތް މެމްބަރުން ތިއްބެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. މޮނިޓަރިން ހާލަތުގައި ގެތަކެއް ހުރުމުން، އެ ގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއިން ބޭރަށް ނިކުމުގެ ފުރުސަތު ނެތުމުން އެ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަލާމްގައި ހަތަރު މެމްބަރުން އެބަތިއްބެވިއެވެ.

ކަރަންޓީންގެ ހާލަތުގައިވާ ގެތަކުގައި ތިއްބެވީ ކޮން ހަތް މެމްބަރުން ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ. ނަޝީދު އިއްޔެގެ ޖަލްސާގައި ވިދާޅުވެފައިވާ ގޮތުގައި، ކަރަންޓީންގެ ހާލަތުގައިވާ ގެތަކުގައި ތިއްބެވީ ފަސް މެމްބަރުންނެވެ.

ރާއްޖެއިން ކޮވިޑް-19 އިން ފެނިގެން މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. އެހެންވެ، މިއީ މާލެ ފުރަބަންދުކޮށްފައި އޮއްވައި މަޖިލިހުގެ އިދާރާގައި ޖަލްސާ ބާއްވާ ދެ ވަނަ ފަހަރެވެ.

ކުއްލި ގޮތަކަށް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނަޝީދު ބޭނުންފުޅުވީ، ކައުންސިލްތަކުގެ ދައުރު ދަންމާލަން، ގާނޫނުއަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހުގެ މަސައްކަތާ ދިމާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު