މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިއަހަރު ދައުލަތަށް ލިބޭނެކަމަށް ބެލެވެނީ 8.95 ބިލިއަން ރުފިޔާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

މީރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުހުﷲ ޖަމީލް ވިދާޅުވީ، މިހާރު ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން އިޤްތިސާދަށް ކުރަމުންދާ އަސަރުތަކާއެކު މީރާ އަށް ލިބޭ އާމްދަނީ އާއި ގުޅޭ 5 ސިނާރިއޯ އެއް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން ކަމާއި ގުޅުންހުރި އިދާރާތަކާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

މިއަހަރަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަރައި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ އަހަރެއްގެ ގޮތުގައި ލަފާކޮށްފައިވާ އަހަރެއް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއިއެކު އިޤްތިސާދު ހުއްޓުމަކަށް އައިސް ޓޫރިޒަމް ދާއިރާވެސް ވަނީ ހުއްޓިފައެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރިއިރު 17.2 ބިލިއަން ރުފިޔާ ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މީގެ ކުރިން ވަނީ ލަފާކޮށްފައެވެ. އެހެން ނަމަވެސް ސިނާރިއޯ ތިނެކަށް ބަލާއިރު، މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 8.95 ބިލިއަން ރުފިޔާއެވެ.

"2019 ވަނަ އަހަރަށް ވުރެ އާމްދަނީ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވިގެން ބަޖެޓް އެކުލަވާލެވިފައި ވަނީ. އެގޮތުން 17.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަޅުގަނޑުމެން އަންދާޒާ ކުރިން،" ފަތުހުﷲ ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް އައި ލޮޅުމެއްގެ ސަބަބުން ޖެނުއަރީމަހު އާމްދަނީގެ ގޮތުގައި 1،8 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކޮވިޑްގެ އަސަރާއެކު އޭޕްރީލް މަހު ލިބުނު އާމްދަނީ ވަނީ 527 މިލިއަން ރުފިޔާ އަށް ވެއްޓިފައިވާ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އަދި މި މެއިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް މީރާ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 109 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.