ކޮވިޑް-19 އާ ގުޅިގެން ކޮމަންވެލްތުން ސިލްސިލާކޮށް ބާއްވަމުން އަންނަ ވަރޗުއަލް ސެމިނަރ "ދި އިކޮނޮމިކްސް އޮފް ކޮވިޑް-19" ގެ ދަށުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނަރގައި، ޕެނަލިސްޓެއްގެ ގޮތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް ޢަލީ ވަޙީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މިއަދު ބާއްވާ ވެބިނަރ އަކީ "ކޮވިޑް-19ސް އިމްޕެކްޓް އޮން ޓޫރިޒަމް، ޑެޓް، އެންޑް ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް" ގެ ނަމުގައި ބާއްވާ ވެބިނަރއެއް ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މި ވެބިނަރ ފަތުރުވެރިކަމާއި، ދަރަނި އަދި ކާރިސީހިރާސް ބެލެހެއްޓުމާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސެމިނަރގެ ޕެނަލިސްޓުންގެ ގޮތުގައި މިނިސްޓަރ ޢަލީ ވަޙީދުގެ އިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް އޮނަރަބަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް، މާލްޓާގެ ކުރީގެ ބޮޑުވަޒީރު ޖޯސެފް މުސްކަޓް، ނެމީބިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ނެޓުމްބޯ ނަންޑިންޑައިޓްވާ އަދި ބާބަޑޯސްގެ ފިނޭންސް މިނިސްޓަރ ރަޔަން ސްޓްރޯންގ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މިވެބިނަރ ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިއަދު 18:00 ގައެވެ.

މީގެ ކުރިން ކޮވިޑް-19 ފުރަބަންދާއި ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކުރިއަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލުން ބޭއްވި މިވެބިނަރގައި މިނިސްޓަރު އަލީ ވަހީދު ބައިވެރިވަޑައިގެންނެވިއެވެ.