އެކެއް ފެބްރުއަރީގައި ރައްޔިތުންގެ މަޖިލީހުގެ ބައެއްް މެންބަރުންނާއި އެހެނިހެން އިދިކޮޅު ސިޔާސީ ލީޑަރުން ރާވައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި އިރު ދިވެހިރާއްޖޭގައި ރައީސް ޔާމީން ނޫން އެހެން ވެރިއަކު ހުރި ނަމަ މިއަދު މި ގައުމުގައި އޮންނާނީ މިލިޓަރީ ވެރިކަމެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިންތިޒާމު ކުރައްވައިގެން ފުވައްމުލަކު ސިޓީގައި މިރޭ ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަމުންނެވެ.

"އެކެއް ފެބްރުއަރީގައި ރައީސް ޔާމީން ނޫން ދެވަނަ ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ނަމަ މި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެހެން މީހަކު ވެރިކަމުގައި ހުރި ނަމަ އަޅުގަނޑުމެން މިހާ ހިސާބަށް އަންނަ އިރުގައި އޮންނާނީ އަސްކަރީ ވެރިކަމެއްގެ ދަށުގައި. އަޅުގަނޑުމެން އުޅެން ޖެހޭނީ އެހެން މީހުން ބުނިހާ ގޮތަކަށް ހެދިގެން. އަޅުގަނޑުމެން އަޅުކަން ކުރަން ޖެހޭނީވެސް އެހެން މީހުން ދެއްކި ތަނަކަށް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ރައީސް ޔާމިން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އަދި އެހެން ދީނެއް ރާއްޖެއަށް ގެންނަން "ޑީލް" ހަދައިގެން ތިބި ބަޔަކަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނުދެމެހެއްޓޭނެ ކަމަށާއި އެކަން ކުރެވޭނީ މިއަދު ރައީސް ޔާމީނަށް ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވަން މި ޖެހެނީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެކޭ." މިނިސްޓަރ ވިދާޅުވިއެވެ.

އެކެއް ފެބްރުއަރީގައި ހިނގައި ދިޔަ ކަންތަކާއި ގުޅިގެން އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށް ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވާއިރު މިރޭ ޑިފެންސް މިނިސްޓަރު ވިދާޅުވީ ބޭބެެއެއް ކަމުގައި ވިޔަސް އަދި ކޮއްކޮއެއް ކަމުގައި ވިޔަސް މި ވެރިކަމުގައި ގާނޫނު އެމީހަކާ އަރާ ހަމަ ކުރާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އެބަ ގަބޫލު ކުރަން ޖެހޭ ކޮންމެ މީހަކުވެސް ސިޔާސީ މަގުމަތީގައި ހަރަކާތްތެރިވަމުންދާއިރުގައި ގާނޫނު އަރާ ހަމަ ކުރާނެކަން. ބޭބެއެއް ކަމަށް ވިޔަސް ކޮއްކޮއެއް ކަމަށް ވިޔަސް، ގާނޫނު އަރާ ހަމަ ކުރާނެ. އެމީހަކު ފޭހުނު އިލޮށިގަނޑެއް އެމީހެއްގެ ލޮލަށް ހެރޭނެ. އެކަން މިއަދު އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ މިއަދު މިދެކޭ ޒަމާނީ ތަރައްގީގެ ބާނީ އަކީ ރައީސް ޔާމީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ގިނަ އިޖްތިމާއީ މައްސަލަތައް ވަނީ ހައްލު ކުރައްވާފައި ކަމަށާއި ހަމަޖެހޭ ރަނގަޅު ދިރިއުޅެއް ދިވެހި ރައްޔިތުންނަށް ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޒަައާމަތުގައި ވަޒީފާގެ ތަފާތު ގިނަ ފުރުސަތުތަކެއް ޒުވާނުންނަށް ފޯރުކޮށްދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޒުވާާނުން ކުށް ކުރާ މިންވަރު ދަށް ވެފައިވާ ކަމަށެވެ. އަދި އެކަން ރެކޯޑުތަކުން ފެންނަން އެބަ އޮތް ކަމަށެވެ.

އެހެން ކަމުން މި އަހަރު ފަހުކޮޅު ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ކޮންމެ ރައްޔިތަކުވެސް ފަރުދީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރަން ޖެހޭ ކަމަށް މިނިސްޓަރު ޝަރީފު ވިދާޅުވިއެވެ. އަދި އެއީ ކޮންމެ މަސައްކަތެއް ވިޔަސް ސާބިތު ކަމާއެކު ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބިިރުވެތި

    ގައުމުގެ ރައްޔަތުން ގެ ކަރާމަތައް އޮހައްޅެކީ ފޫނެއްފަޔައް ފެންފުރުން

  2. ސުންބުލި

    ޢޮޅިއްޖެ.... މިހާރު މިއޮތީ ކޮންކަހަލަ ވެރިކަމެއް ؟

  3. އަސްލުހާލަތު

    މިލިޓަރީ ވެރިކަމެއް ނޫންތަ މިހާރު މިއޮތީ؟

  4. އޭއެމް

    އެފުރުސަތުނުލިބުނީމަ ދެރަފުޅުވަނީތޯ .

  5. އާމިނާފުޅު

    އޯލްރެޑީ