ވެރިކަން ކުރާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވަރަށް ހުދުމުހުތާރު ކަންކަން ނިންމަމުން ގެންދާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ މިހާރު އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންގެ ދައުރު ދިގު ކުރަން ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު، ހުށަހެޅި ގޮތައް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ބޮންޑޭ ރޭ ވިދާޅުވީ ޤާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު އެގޮތައް ފާސްކުރަން ބައެއް މެމްބަރުން އޭނާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ.

ޤާނޫނު އަސާސީ އިސްލާހް ކުރުމަށް ހުށަހެޅި އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް ނެރުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ދުވަހަކު ވެސް ނުކުރާ ފަދަ ނުބައި ކަމެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ. "ރޭ ހުށަހަޅާފައި އޮތީ، ޔައުގޫބު ހުށަހަޅައި، ރޮޒޭނާ އާދަމް ތާއިދުކޮށްފައި އެ އޮތީ ދުވަހަކު ވެސް ޕާލަމެންޓްރީ ގްރޫޕުގައި ނުކުރާފަދަ ނުބައި ކަމެއްކޮށްފަ އެ އޮތީ." ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބަހުސްތަކާއި ނިންމުންތަކާމެދު ފާރަލާންޖެހޭ ކަމަށާއި މަޖިލީހަށް ހުށަހަޅާ ބިލެއް އުނިއިތުރު ނުގެންނަން، ޕާލަމެންޓްރީ ގްރޫޕުން ނިންމުމަކީ ހުދުމުހުތާރު ގޮތެއް ކަމަށެވެ.

"ޕާލަމެންޓްރީ ގްރޫޕުގައި ބަހުސް ކުރާއިރު، ވަރަށް ނޭއްގާނީ ވަރަށް ހުދުމުހުތާރު ކަންތައްތައް އެބަ ނިންމާ. (އަޅުގަނޑުމެންނަކީ) ރައްޔިތުންގެ ވަކީލުން. ރައްޔިތުންގެ މަޖިލިހަށް ފޮނުވާ ބިލެއް، އުނިއިތުރު ނުގެންނަން ވިޕްލައިނެއް ނެރެފައި، މިއޭ ކަންކުރަންޖެހޭ ގޮތަކީއޭ ބުނެ ކަންކުރުމަކީ ވަރަށް ހުދުމުހުތާރު ގޮތެއް،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުމަށް އަމަލު ނުކުރައްވާ ކަމަށް އިމްތިޔާޒު ފަހުމީ ވިދާޅުވުމުން، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެ ދަރަޖައަށް ކަންކަން ދިޔައީ ޕީޖީ ގްރޫޕުގައި ނޭއްގާނީ ކަންކަން ހިނގާތީ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ "ޖީބަށް ފުންމާލައިގެން" ހެދުނު ގޮތެއް ހަދަމުންދާ ކަމަށް ވެސް ބޮންޑޭ ތުހުމަތު ކުރެއްވިއެވެ.

"ކޮންމެ މެމްބަރަކު ވެސް އައިސް ސަރުކާރުގެ ޖީބަށް ފުންމާލައިގެން، ނުވަތަ ކޮންމެ ވެސް ކުންފުންޏެއްގެ އެމްޑީއެއްގެ ޖީބަށް ފުންމާލައިގެން ތިމާމެން ހެދުނު ގޮތެއް ހަދައި، ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރަން ކޮން ކަމެއްތޯ މިކުރަނީ،" ބޮންޑޭ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ބޭއްވިފައި ނުވާތީ ކައުންސިލަރުންގެ ދައުރު ދިގު ކުރުމުގެ ބަހުސް ފެށިފަހުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ދެންމެތަ އެ ރެޔަކާލީ! އެންމެ ފުރަތަމަ ދެލޯއުނގުޅާލާފަ ދިމާ ކުރިމަތީގައި އިންނަ މީހާއަށް ބަލާބަލަ! އެއީ ހިޓްލަރު! ހިޓްލަރު ފަހަތުގައި ތިބޭ މީހުންނަށް ބަތްކެވޭނީވެސް ޚުދުމުޚުތާރު ލައިގެން!

    28
  2. ބޮންދު

    ކަލޭ ތިތަނަށް އަރާތިހިރީ ކޮންތަނެއްގެ ނަމުގަ؟ ޖަވާބަކީ އެމްޑީޕީ. އެމްޑިޕީ ވިޔަށް ޕީޕީއެމް ވިޔަސް އެބައެއްގެ ޕާލަމެންޓްރީ ގުރޫޕުގަ ވިޔަސް އެހެން ގުނަވަނެއްގަ ވިޔަސް އެޕާޓީއެއްގަ އޮންނަ އުސޫލުން އެކަން ނިމުނީމަ ދެން ހުދުމުޚްތާރެއް ރަތްމުޚުތާރެއް ނޫންނާނެ. ތިރީ ލައިނެއް، ފޯލައިނެއް ނޯންނާނެ، އެގޮްތް ޤަބޫލުކުރާނެތީ ޕަޓީގެ ޓިކެޓުގަ ނިކުތީ. ކީއްވެ މިނިވަން މީހަކަށް ނުނިކުތީ މަޖިލީހަށް. އަހަރެން ހީކުރީ ޖޭމްސް ބޮންޑޭ ކަމަށް. އެކަމަކު ހަމަ މިވަނީ ބޮންދަށް.

    4
    1