ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިން އިރު، އެ ލުއިތަކުގެ ތެރޭގައި ދުވަސްކޮޅަކު ތިބެން ޖެހޭނެ ކަމަށާއި ހާލަތު ގޯސްވާ ނަމަ، އަލުން އެ ލުއިތައް ނަގަން ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19 ގެ ފުރަތަމަ ވޭދަނަ (ކޭސް) މާލެ އިން ފެނުމާ ގުޅިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި އިއުލާންކުރި ފުރަބަންދުގެ މުއްދަތު މާދަމާ ހަމަވާތީ ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އޭގެތެރޭގައި ހިމެނޭ ބައެއް މުހިންމު ލުއިތަކަކީ ފުރަތަމަ ދެ ހަފްތާގައި ފުލުހުންގެ ހުއްދައާ އެކު، ގޭބިސީއަކުން ތިން މީހުންނަށް ހަފްތާއަކު ދެ ފަހަރު، ދެ ގަޑިއިރަށް ބޭރަށް ނިކުމެވުމާއި ފަތިހު 5:00 އާއި 8:00 އާ ދެމެދު އުމުރުން 60 އަހަރުން ފެށިގެން މަތީ މީހުންނަށް ފުލުހުންގެ ހުއްދައާ އެކު ބޭރަށް ނުކުމެވޭ ގޮތް ހެދުމާއި ކުޑަކުދިން ވެސް އެ ގަޑީގައި ބޭރަށް ނުކުމެވޭ ގޮތްވުމެވެ.

ލުއިތައް ދޭ އިރު ވޭދަނަ އިތުރުވިޔަސް މެނޭޖް ކުރެވިދާނެ: ޑރ. ޝީނާ

ނަމަވެސް ކުޑަކުދިންނަށް ހުއްދައާ އެކު ބޭރަށް ނުކުމެވޭނީ ދެ ހަފްތާ ފަހުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި އެ އުމުރުގެ މީހުންނަށް ހުއްދަ ދިނުމުގެ ބޭނުމަކީ އެއްފަހަރާ މަގުމަތީގައި އުޅޭ މީހުންގެ އަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓުމެވެ. އެކަމަކު، އާއިލާ އާއި ރައްޓެހިން އެއްވުމާއި ގޭގެއަށް ޒިޔާރަތް ކުރުމަށް ހުއްދަ ނުދޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ލުއިތަކާއި އެކު މާލެ އިތުރު ދެހަފްތާއަށް ފުރަބަންދު ކުރަން ނިންމައިފި

މީގެއިތުރުން ވިޔަފާރިތަކާއި މަސް މާރުކޭޓު ފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ އެޗްޕީއޭ އިން ވަނީ ދީފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އާ އާންމު ހާލަތަކަށް ދިއުމަށްޓަކައި ރާއްޖެ އިން ދަތުރު ކުރަން ޖެހޭ ކަމަށެވެ. އަދި އިހުގައި ތިބި ހާލަތުން އެހެން ހާލަތަށް ދިއުމަކީ ކުއްލިއަކަށް ވާނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެކަން ކުރެވޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ތިބި ހާލަތުން އާ އާންމު ހާލަތަކަށް ދިއުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ފިޔަވެއްސަކީ މިހާރު ތިބި ހާލަތުން ލުއިތަކެއް ދިނުން. އޭގެ މާނައަކީ ލުއިތައް ދެމުން، ހުޅުވެމުން ގޮސް އަޅުގަނޑުމެން އާ ހާލަތަކަށް ދެވޭނީ،" އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަމީން ދަރުބާރުގޭގައި މަޝްވަރާ ކުރައްވަނީ. ---

އަމީން ވިދާޅުވީ ލުއިތައް ދޭ އިރު، މިހާރު ހުރި ކެޕޭސިޓީއަށް އެކަށީގެންވާ ވަރުގެ ފުރުސަތުތަކެއް ދޫކުރަމުން ދާނެ ކަމަށެވެ. އަދި ލުއިތައް ދެމުން ދާއިރު، ކެޕޭސިޓީ އިތުރު ކުރަން ޖެހޭތޯ އާއި އިތުރު ލުއިތައް ދިނުމާ ބެހޭ ގޮތުން ވިސްނަވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި އިހުގެ ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް އައި ކަމަށްވި ނަމަވެސް، ދިވެހިންގެ ތެރެއިން ކޮވިޑް-19 ނެތިގެން ދިޔައީކީ ނޫނެވެ. އަދި މި ބަލިން ފަރުވާ ލިބި، ނުރައްކަލެއް ނެތް ކަމަށް އަދި ނުނިންމޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ލުއިތަކާ އެކު އަންނަ ބަދަލުގެ ސަބަބުން އަނެއްކާ ވެސް ކުރިން އޮތް ގޮތަށް ފުރަބަންދުގައި އޮންނަން ޖެހިދާނެ. އެހެން އޮތް ކަމެއް އެކަމަކީ. ކުރިއަށް އޮތް ދުވަސްތަކުގައި ބައްޔަށް ވެކްސިނެއް ލިބި، ބައްޔަށް ބޭހެއް ލިބުމާ ހިސާބުން އަޅުގަނޑުމެންގެ އާ އާންމު ހާލަތެއްގައި ހުންނަން ޖެހޭނެ ތަފާތު ކަންކަން،" ކޮވިޑް-19 ގެ ކަންކަމުގައި ރާއްޖޭގައި އެންމެ އިސްކޮށް އުޅުއްވާ އެއް ވަޒީރު ވިދާޅުވިއެވެ.

ވޭދަނަ އިތުރުވިއަސް ހިފެހެއްޓުމުގެ ގާބިލްކަން އެބަހުރި: ޑރ. އަލީ ލަތީފު

އަމީން ވިދާޅުވީ އާންމު ހާލަތަކަށް ދާއިރު އެއް ބަޔަކު، އަނެއް ބަޔަކާ ބައްދަލުވާ ހިނދުގައި އާއި ވިޔަފާރި ކުރާ ހިނދުގައި އާއި ކިޔަވައި ދިނުމުގައި ތަފާތު ގޮތްތަކެއް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. މީގައި އެންމެ މުހިންމު ކަމަކީ ރައްކާތެރިވެ ތިބުން ކަމަށް އަމީން ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ފަރުވާއަކާ ހިސާބަކަށް ދެވެން ދެން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ކުއްލި ގޮތަކަށް ފުރަބަންދު އުވާލައި ލުއިތައް އެއް ފަހަރާ ދިނީމަ، ކުރިމަތިވާ ގޮންޖެހުންތައް ވަނީ ފެނިފައެވެ. ކުއްލި ހުޅުވުމަކަށް ވުރެ ބޮޑަށް ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުރަބަންދު މުޅިން އުވާނުލައި ލުއިދޭން ނިންމީ އަދިވެސް ކޮވިޑް-19 އާއްމުންގެ ތެރެއިން ފިލައިގެން ނުދާތީ ކަމަށެވެ. ފުރަތަމަ ދެ ހަފްތާ އަށް ލުއި ދެނީ ބަލީގެ ހާލަތު ވަަރަށް ބޮޑަށް މޮނިޓަކުރާ ގޮތަށް ކަމަށާއި ހާލަތު ގޯސްވެއްޖެ ނަމަ، ފަރުވާ ދެވޭ ވަރަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލުޑް

    ވަކި ހިސާބަކަށް ގައުމުގެ ހާލަތު ދިއުމުން ގައުމުގައި ވަރަށް ނުރައްކާތެރި އިޖްތިމަޢީ ކަންކަން ފެތުރިގެންދާނެ. މީގެ ތެރޭގައި ފައިސާ ހޯދުމަށް އަންހެން ކުދިން ހަށިވިއްކަން ފެށުން ކަހަލަ ނޭދެވޭ ކަންކަން އިތުރުވެގެންދާނެ. ކޮވިޑްގެ ބަލިން މަަރުވެ ދިއުންތޯ ނުވަތަ ހިތްދަތި މާޔޫސް ދިރިއުޅުމެއްގައި އުޅުންތޯ ރައްޔިތުން ސުވާލު ކުރަން ފަށާނެ. ޑޮކްޓަރުން ބިރުން މިއުޅެނީ މިބަލީގެ މީހަކަށް ގާތް ނުވެވޭނެ ހުރިހާ ގޮތެއް ހަދަން. އަދި ގާތް ނުވާ ތާންގާ ފްރަންޓް ލައިނޭ ކިޔައިގެން އިތުރަށް ފައިސާ ވެސް ހޯދަން. ބޮލެއް ހުރި މީހެއް ވެއްޖެއްޔާ އެނގޭ ގައުމުގެ ކަންކަން އެނބުރެމުން މިދަނީ ކޮން ދިމާލަކަށް ކަން. އަހަރުމެން ކޮމެންޓް މިކުރަނީ މީ އަހަރުމެންގެ ވެސް ގައުމުކަމަށްވާތީ.

    13
  2. ރައްޔިތުމީހާ

    މުޅިޤައުމު ލޮކްޑައުންކޮށް ސަރުކާރުބަންދުކޮށް މީހުން ތަންތަނުގަ ބަންދުކޮށްގެން ގެންގުޅޭއިރު ވިސްނާލިބާ ރައްޔިތުންގެ ނިކަމެތިހާލަށް އެންމެނަކީ ސަރުކާރުން މުސާރަދޭ ބައެއްނޫން އެކިމީހުން ކާންބޯންކުރަނީއެކިމަސައްކަތް ރެއާދުވާލު މަސައްކަތްކޮށްލިބޭ މަދު ފައިސާކޮޅުން ކުލި ދައްކައި ކަރަންޓުބިލާ ފެންބިލްދައްކައ އެހެނިހެން ޒަރޫރީބޭނުން ތައްކުރަމުން ދަނިކޮށް 3 މަސްވަނދެއްމަސައްކަތެއްނުކޮށް ތިބެންޖެހިފައިމިވަނީ ސަރުކާރުން ޒައްރެއްގެ މިންވަރުވެސްދެނީކީނޫން ކުލިނުދެއްކި ކުއްޔަށްއުޅުން ތަނުން ނުކުންނަންޖެހިފަ ކާނެއެއްޗެއްނެތް އަދިވެސް ބަނދުގައި ބައިތިއްބަނީ މަގުމަތިކޮށް ބަނޑަށް މަރަންތަ؟ ޕާޓީކުދިންނަށް ދައުލަތުގެ ބަޖެޓުން ފައިސާދިނަސް ގިނަ ބަޔަކަށް އެއްވެސް އެހީތެރިކަމެއްނުލިބޭ

    11
  3. ޝޭހު ހަށީނާ

    ކޮން ލުޔެއް ލިބިގެން ނުވަތަ ދެވިގެން ތި އުޅެނީ.. އެއްވެސް ލުޔެއް ނުލިބޭ..ކު ރިޔެކޭ އެއްގޮތަށް ހަފްތާޔަކު 1 ދުވަހު 1 ގަޑި އި ރަށް ނިކުމެވޭ ގޮތް އަދިވެސް އޮތީ..އޮޅުވާލަން ނޫޅޭ...ކަލޭމެން ތީ ކަމެއް ރާވައި ހިންގޭނެ ބައެއްނޫން..ލުއިދީފީމޭ ބުނި އި ރު އަދި ލުއިތައް ދަނީ ލިޔެވެމުން ތައްޔާ ރުވަމުން ސިސްޓަމް ތަކަށް އަޅަމުން...މިކަމުންވެސް ފެއިލް..ލުއިދިނީޔޭ އަ ރާއިނދެ އެބަކިޔައެއްނު..

    15
  4. ނަޖީ

    ކާކައް ކޮންތަނަކައް ދިންލުއިކަމެއްގެ ވާހަކަތޯ މުޅިއާއިލާ މަލޭގަ ތިބެގެން ކާނެ އެއްޗެނުލިބި ބޭނުން ވާއެއްޗެ ނުގަނެވި އުޅެމުން މިދާނިކަމެތި ހާލު ހަމަނުފެންނަނީތޯ މުޅިއުމރައް މަށާމަގޭއާއިލާގެ ވޯޓެ އެމްޑީޕީ އައްހަރާން

  5. ޖަހންގިރި

    ލޮކްޑައުން ނެތް ރަށްރަށުން އަނެއް ރަށްރަށަށް ދަތުރުފތުރުގެ ނިޒާމް ނެތީ ކީއްވެގެންބާ؟އެމްޓީސީސީން މިކަމުގަ މިގެންގުޅެނީ ކޮންކަހަލަ އުސޫލެއްބާ؟އެރަށްރަށުން އަނެއްރަށްރަށަށް އެކިބޭނުންތަކުގަ ދާންބޭނުންވެފަތިބި މީހުން އެބަތިބި.ފެރީގަ މީހުން ނުގެންދޭ އެކަމަކު ވަރިހަމަ ލޯންޗް ކުއްޔަށް ނަގައިގެންދިޔަސް. މީތޯ މިއަދުގެ ހާލަތަކީ.ލޮކްޑައުންއޭ ކިޔައިގެން ހަމަ ގޭތެރޭގަ ކާއްޓާއި މަހާއި ކައިގެން ތިބެންވީތޯ.