ރައީސުލް ޖުމްހުރިއްޔާ ޔާމީން އަބްދުލް ގައްޔޫމްގެ އަރިހުގައި އެމަނިކުފާނު ދެވަނަ ދައުރަކަށް ވެސް އިންތިހާާބު ކުރުމަށް ހުންނަވާނެ ކަމަށާއި އެކަން ހާސިިލު ކުރުމަށް ކަނޑައަޅާފައި ހުރި އަޒުމެއް ގުޑުވާވެސް ނުލެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިންތިޒާމު ކުރައްވައި ފުވަންމުލަކު ސިޓީގައި މިހާާރު ކުރިއަށް ގެންދާ "އެކަލަސް މިކަލަސް ދެނަސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ޖެހޭ ރައީސް ޔާމީން ހޮވުމަށްޓަކައި އެންމެން މިއީ އަމިއްލަ ފަރުދީ މަސައްކަތެއްގެ ގޮތުގައި ދެކިވަޑައިގެން އެ މަސައްކަތް ކުރުމަށް. އެ މަސައްކަތް ކުރުމުުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސާބިތުކަމާއެކު ތިބޭނަން. އަޅުގަނޑުމެންގެ އަޒުމެއް ގުޑުވައެއް ނުލެވޭނެ." ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި މިނިސްޓަރު ވަނީ ރައީސުލް ޖުމްހޫރިއްޔާާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކޮށް އެކަމަނާއަށް ޝުކުރު ދަންނަވާފައެވެ. މިނިސްޓަރު ސިފަ ކުރެއްވީ އެކަމަނާ ކުރައްމުން ގެންދަނީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ޔާމިންގެ ޒައާމަތުގައި ފުވަންމުލަކަށް ގެނެސްދީފައިވާ ތަރައްގީގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގެ މަދު ދުވަސްކޮޅުގެ ތެރޭގައި ފުވަންމުލަކުުގައި 41 މަޝްރޫއު ކުރިއަށް ގެންދަވާފައިވާ ކަމަށެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް އެ ރަށުގައި ކުރިއަށް ގެންގޮސްފައި ވަނީ އެންމެ ނުވަ މަޝްރޫއުކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"އެހެން ވީމާ އަޅުގަނޑުމެން ދަންނަވަމުން މިދަނީ ދިވެހި ރާއްޖެ މިދެކޭ ޒަމާނީ ތަރައްގީގެ ބާނީއަކީ، މިއަދުގެ މި ތަރައްގީގެ މޭސްތިރިއަކީ ރައީސް ޔާމީނޭ." މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ރައީސް ޔާމިން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އަދި އެހެން ދީނެއް ރާއްޖެއަށް ގެންނަން "ޑީލް" ހަދައިގެން ތިބި ބަޔަކަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނުދެމެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވަން މި ޖެހެނީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެކޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި އޮތީ ހަލަބޮލިކަން ކަމަށެވެ. ނަމަވެސް މިއަދު އެމަނިކުފާނު ގިނަ އިޖްތިމާއީ މައްސަލަތައް ވަނީ ހައްލު ކުރައްވާފައި ކަމަށާއި ހަމަޖެހޭ ރަނގަޅު ދިރިއުޅެއް ދިވެހި ރައްޔިތުންނަށް ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަދީހު

    މިހާރު އަޒުމެއް ނުގުޑާނެ. ވެރިކަން ބަދަލުވި ދުވަހަކުން އިންސާފުގެ ކުރިމަތިން ތި ޢަޒުމް ގުޑުވާލާނަން އިންޝާﷲ. މީ ވަރަށް ވާހަކަ.

  2. ވގ

    އެހެންނޫނިއްޔާ ހައްޔަރުކުރާނެ