މި މެއި މަހުގެ ތެރޭގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވި ދެޙާދިސާއަކާއި އަދި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ހަތަރުމަހުގެ ތުއްތު ކުއްޖަކު ނިޔާވީ ހިތާމަވެރި ޙާދިސާތައް ހިނގާފައި ވާތީ މި ތިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ތަޙްޤީޤު ކުރުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ މެއި މަހުގެ 14 ވަނަ ދުވަހު އއ. ތޮއްޑޫ މާބަނޑު އަންހެނަކު އެއަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އަދި ތޮއްޑޫގައި މާބަނޑު މީހާއަށް ފަރުވާލިބޭނެ ގޮތެއް ނުވެ ދަރިފުޅު ބަނޑަށް ނިޔާވި ކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މެއި މަހުގެ 25 ވަނަ ދުވަހު ށ. ނަރުދޫ މާބަނޑު އަންހެނަކު ވިހަންދާނެ ހޮސްޕިޓަލެއް ހަމަނުޖެހި، ފުނަދޫ ހޮސްޕިޓަލުން އޭނާ ވިހެއިމަށް ގެންދަން ހުއްދަ ނުލިބި އެންމެ ފަހުން ށ. މިލަދޫއިން އޭނާ ކުޅުދުއްފުށީ ހޮސްޕިޓަލާއި ހަމައަށް ގެންދެވުނުއިރު ދަރިފުޅުވަނީ ބަނޑުގައި ނިޔާވެފައެވެ.

މީގެ އިތުރުން މެއި މަހުގެ 22 ވަނަ ދުވަހު ބަލިވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ހަތަރުމަހުގެ ކުއްޖާ ނިޔާވެފައިވަނީ ފަރުވާ ދިނުމުގައި އިހުމާލުވެގެން ކަމަށް އެކުއްޖާގެ ޢާއިލާއިން ތުހުމަތު ކުރާކަމަށާއި ކުއްޖާއަށް ދިމާވި ހާލަތަކީ ވަގުތުން ސާޖަރީ ކުރަންޖެހޭ ހާލަތެއް ކަމަށް ޑޮކްޓަރުންގެ ފަރާތުން މަޢުލޫމާތު ލިބުނީ ކުއްޖާ ނިޔާވި ފަހުން ކަމަށާއި، އެހެންކަމުން އެކުއްޖާއަށް ބޭނުންވި ފަރުވާ ވަގުތުން ނުދެވި ގިނައިރު ވެފައިވާ ކަމަށް ޢާއިލާއިން ބުނެފައިވާ ކަން ވެސް ޝިޔާމްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންނެވީ މި ތިން މައްސަލަ ތަޙްޤީޤު ކޮށްދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާރި

    މިއީ ތަހުގީގު އިދާރާއެއްތޯ؟

    1
    1
  2. މިނެކިރުން

    މި މަރުތަކުގެ އިތުރުން މިސަރުކާރުގައިކިތައް ގޮތްނޭގޭ މަރާ ގެއްލިފައިވާ މީހުން ވެއިތަ އެކަން ނުބަލައި ކޮމެޓީހަދައިގެން ކުރާނެކަމެއްނެތިގެން ސަރުކާރުގެ ބަޖެޓުހުސްކުރަނީ ރައްޔިތުންނަށް އަޅައެއްނުލައި

  3. ހަސަންތަކުރު

    ޔާމީނުގެކަމަކައްވެދާނެ

  4. އެމަންޖެ

    ފެއިލްވެފަ އޮތް ތަނަކައް އެއްވެސް ކަމެއެއްވާނެތަ ، ތިޔަތާ އަދި މިގައުމުގަވެސް ހުރިހާކަމެއް ހިނގާނީ ކެނެރީ ނަސީދު ބުނާގޮތަކައް.

  5. މަޖާ

    މަޖިލީހުގެ ކަމަކީ ދޭތެރެއަކުން ފަނޑުޔާރެއް، މިނިސްޓަރެއް، މުއައްސަސާއެއްގެ ވެރިއެއް ގެންގޮސްގެން ތަހުގީގުކުރުން އެތަނުގެ ބޭނުމެއްނޭގުނު.