ކޮވިޑް-19 އަށް ފައްސިވެގެން އައިސޮލޭޝަން ފެސިލިޓީއެއްގައި މީހަކު މަރުވެފައިވާ ކަމަށް ބުނެ އާންމު ފަރާތަކުން މީސްމީޑިއާގައި ދޮގު މަޢުލޫމާތު ފެތުރި މައްސަލަ، ފުލުހުންގެ އިދާރާއިން ބަލަން ފަށައިފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައި ވަނީ، އޮޅުވެލި އައިސޮލޭޝަން ފެސިލިޓީގައި މީހަކު އޭނާ އުޅޭ ކޮޓަރީގެ ބިލިގާތެރޭގައި މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ ކަމަށްބުނެ މީސްމީޑިއާގައި ފެތުރި ވާހަކަ އާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ފުލުހުން ވިދާޅުވީ، އޮޅުވެލި އައިސޮލޭޝަން ފެސިލިޓީގައި ހުރި ކޮވިޑް-19 އަށް ފައްސިވި މީހަކު ބިލިގާއެއް ތެރޭގައި މަރުވެފައި އޮތްކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރާ ފޮޓީއަކީ ހަޤީޤަތާއި ޚިލާފު ވާހަކައެއް ކަމަށެވެ. އަދި "މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީސްމީޑިއާގައި މިފަދަ ދޮގު މައުލޫމާތު ފެތުރި މައްސަލަ މި ސާވިސް އިން ތަހުޤީޤުކޮށް، ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ" ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފޭސްބުކްގައި ދައުރުވަމުންދާ ފޮޓޯ
ފޭސްބުކްގައި ދައުރުވަމުންދާ ފޮޓޯ

ފުލުހުން ވަނީ މި ޕޯސްޓު ޝެއާ ކުރި ފަރާތްތަކުން ވެސް ޕޯސްޓު ޑިލީޓުކޮށް އަދި އިތުރަށް ޝެއާ ނުކުރުމަށް އެދިފައެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ދޮގު މަޢުލޫމާތު ފަތުރާ މައްސަލަ އެ އިދާރާއިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުޤީޤު ކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ފޮޓޯ ދައުރުވުމާއި ގުޅިގެން ހެލްތު މިނިސްޓްރީން ވެސް ވަނީ އެކަން ދޮގުކޮށްފައެވެ. އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ، ދައުރުވަމުންދާ ފޮޓޯއަކީ މަރުވި ކަމަށް ބުނާ މީހާގެ އެކުވެރިއަކު "މަޖަލަކަށް" ނަގާފައިވާ ފޮޓޯއެއް ކަމަށް ބުނެފައިވާ ކަމަށެވެ.

އަހްމަދު މުއާޒް ނަމަކަށް ކިޔާ މީހަކު އާންމުކޮށްފައިވާ ފޮޓޯއިން ފެންނަނީ މީހަކު ބިލިގާއެއްގެ ތެރޭގައި އޮންނަ މަންޒަރެވެ. އެ ފޮޓޯއާއެކު ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ ފާތިހު އީސާ އޮޅުވެލި އައިސޮލޭޝަންގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށެވެ. އަދި އޭނާއަށް ހެޔޮ ރަހުމަތްލެއްވުން އެދި ދުޢާވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތާކިހާ

    ސާބަސް ތިކަން ވާނެބާ ހާދަ ހީނުވެޢޭ

  2. ޢަލިބެ

    މައްސަލަ ބަލަނީ. ފިޔަވަޅު އަލަނީ. މައްސަލަ ބަލަނީ. ފިޔަވަޅު އަލަނީ. ނިމުނީ. ތިޔެކޭ ވާދޫކަނޑުގަ އަޅާ ރޮނގެކޭ ތަފާއެއްނެތް. ޓި ނިމުނީ ތިކަންވެސް. ޖޯ ކަރުރާއްޖެ

    3
    2
  3. Anonymous

    އިސްލާމްދީނަށާއި މިއުއްމަތުގެ ނަބިއްޔާއަށް ފު ރައްސާ ރަ ކު ރިމީހުންނަށް އަދިވެސް ފިޔަވަޅު ނޭޅޭ، އަބަދުވެސް ކޮންމެވެސް ތާކުންތާކު ނުޖެހޭ ކަމަކާ އަޅައިގަނެގެން އުޅޭނީ.

    6
    1
  4. ޝިހާމްބެ

    ދޮގު ޚަބަރު ފަތުރާ މީހުންގެ މައުލޫމާތު އާއްމު ކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދެއްވާ.. އަނެއްކޮޅުން ގަޑަގަޑަ ޖަހާފަ އަންނާނެ ދޯ ހިއުމަން ރައިޓްސް ކުށްވެރިންގެ ހިމާޔަތުގަ..

  5. ރައިޔަތު އަހުމަދު

    ކޮބާ ރާފުޅި ހިފައިގެން މަޖާކުރި ފޮޓޯ ގެ މައްސަލަ، އޭގެން ފެންނަ ބޭފުޅުން އަދިވެސް މިތިބީ ހަމަ އެންމެ އިސްސަފުގައި ބަސްބުނަން..ތޯ؟

    ކޮބާ އެމީހުންނާއި އެބޭފުޅުންގެ މައްސަލަ ބަލަނީ ކޮންއިރަކު އެއީ ބޮޑުވެގެންވާ ހަރާމް ކަމެއްކުރަން ތިބިކަމަށް ބަޔަކު ތުހުމަތު ކުރާ ފޮޓޯތަކެއް..؟

    މީ ކަހަލަ ކުނި ތާކުންތާކު ނުޖެހޭ ކަންކަމަށް ދައުލަތުގެ ފައިސާ ޓެކްސްޕޭޔަރުންގެ ފައިސާ ޚަރަދު ނުކުރެއްވުމަކީ ލޯންނަށް ބަރޯސާވާއިރުގައި ވެސް ކުރަން މުހިއްމު ކަމަކީ ތޯ؟