ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭއިރު ވިޔަފާރިކުރަން ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ހުއްދަ ދޭގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ، މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ މިވަގުތުތަކުގައި ކަމަށެވެ. މި ވަގުތުގައި ފިހާރައަށް ގޮސްގެން ވިޔަފާރިކުރުމާއި ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.

ފައިރޫޝް ވިދާޅުވީ މި ހުއްދަ ލިބިދޭ ފިހާރަތަކުން ޤަވާއިދާ ޚިލާފުވާނަމަ ހުއްދަ ބާތިލުކުރާނެ ކަމަށެވެ.

މާދަމައިން ފެށިގެން ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާއިރު، އާ ހުއްދައިގެ ދަށުން ހަފްތާއަކު ދެ ދުވަހު ކޮންމެ ގެޔަކުން ތިން މީހަކަށް ބޭރަށް ދިއުމުގެ ހުއްދަ ލިބޭނެއެވެ. ކުރިން އެ ހުއްދަ ލިބެނީ ހަފްތާއަކު އެއް ދުވަހު، ގެޔަކުން އެންމެ މީހަކަށެވެ. މި ހުއްދަ ލިބޭނީ ކުރިންވެސް އޮންނަ ގޮތަށް ދެގަޑިއިރަށެވެ.

ގެއިން ބޭރަށް ދިއުމުގެ ހުއްދަ ނެގޭނީ ކުރިންވެސް އޮންނަ ގޮތަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ. ރެއިން ފެށިގެން މި ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ގޭބިސީގެ ކަރަންޓި މީޓަރުގެ ނަމްބަރު ފުލުހުންނަށް ފޮނުވަން ޖެހޭނެއެވެ. މިގޮތަށް ނިންމާފައި ވަނީ ހުއްދައަށް އެދޭ މީހުންނަކީ އެގޭބިސީގައި ދިރިއުޅޭ ބައެއްކަން ޔަޤީންކުރުމުގެ ގޮތުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ، ލުއިތަކާއެކު އާންމުންނަށް ބޭރަށް ނިކުމެވޭ ގަޑި ކަނޑައަޅަމުންދާނީ ކުރިއެކޭވެސް އެއްގޮތަށް އޮޓޮމެޓިކް ނިޒާމެއްގެ ތެރެއިން ކަމަށެވެ. މިގޮތުން ހުއްދައަށް އެދޭ ފަރާތްތަކަށް މި ހުއްދަ ލިބޭނީ އެކި ދުވަސްދުވަހުގެ އެކި ގަޑިތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ލުއިތަކާއެކު މާދަމައިން ފެށިގެން އާ ހުއްދަ ދޫކުރާއިރު، ކުރިޔާއި ޚިލާފަށް ހުއްދައިގެ ދަށުން މުޅި މާލޭގައި އުޅެވޭނެއެވެ. ކުރިން އޮންނަނީ ފުލުހުން ކަނޑައަޅާ ވަކި ސަރަޙައްދެއްގައި ހުއްދައިގެ ދަށުން އުޅެވޭ ގޮތަށެވެ. އާ ހުއްދައާއެކު މިގޮތަށް ވަކި ސަރަޙައްދެއް ކަނޑައެޅިގެން ނުދިޔަނަމަވެސް މާލެ ސަރަޙައްދުގެ އެއްރަށުން އަނެއް ރަށަށް ދަތުރެއް ނުކުރެވޭނެއެވެ.

މި ހުއްދަ ލިބިދިން ނަމަވެސް ހުއްދަ ލިބޭ ފަރާތްތަކުން އަމަލުކުރަން ޖެހޭނީ ކޮވިޑް-19 އާއި ގުޅިގެން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށެވެ. އެގޮތުން މީހުން ގިނައިން ތިބޭ ތަންތަނުގައި ގައިދުރުކަން ބަހައްޓައި މާސްކު އަޅަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނ

    ވިޔަފާރި ކުރާތަންތަނުގެ ހުއްދަ ބާތިލް ކުރުމުގެ ބާރު ފުލުހުންނަށް ލިބުނީ ކޮން ގާނޫނެއްގެ ދަށުންތޯ.

  2. މާމީ

    ތިއައީ ގަވާޢިދާ ޚިލާފު ވެއްޖެ ކަމަށް ބުނެ ބޮޑެތިޖުރުމާނާ ތަކެއް ކުރަން ވެގެން ގަޑި ބަދަލުކުރީ. އަދި ރައްޔިތު މިއައްވުރެ ބޮޑައް ހަނާއަރުވާލަން ވެގެން.

  3. ކާނިވާއިން

    މަޢްލޫމާތު ރަންގަޅުތޯ ބަލާލަންޖެހޭ

  4. ާއަލީ

    މާތްﷲ މިކަމުން އަވަހައް ސަލާމަތް ކުރައް ވާދޭވެ. މިހާލަތުގަ މާތްﷲ އަޅަމެންގެ މައްޗަށް ލައްވާފާތިއްބެވި ވެރިން މިދަނީ އަޅުގަނޑު މިހާލަތުގެ އަނބިދަރީންގެ ބަނޑުފުރާނަ މުއްތި ކުރަން ކުރާމަސައްކަތް ހުއްޓުވާ އަތުގަ ފައިސާ އެއް ނެތުމުން ސަލާންޖަހަން މަގައްވެސް ނުނިކުމެވޭ ގޮތަށް ބަންދު ކޮއްފަ ﷲ ގެ ހެޔޮރަޙުމަތުން މި ވަބާއިން އަޅަމެން ސަލާމަތް ކުރައްވާފާދޭވެ.އާމީން.

  5. އާދަމުގެދަރި

    މިހާރު މިހިންގަނީ ޖަރީމާއެއް. ލޮކްޑައުންއެއް ނޫން. ވަކި ބަޔަކަށް ވިޔަފާރިކުރަން ހުއްދަ ދީފައި، ހުއްދަ ދިން މީހުން ދިން ފާހުން އެތައް ފާހެއް ހަދައިގެން، އެތަންތަނުގެ ނަމުގައި އެތެރެކޮށްފައި، ރަޖިސްޓަރީކޮށްފައި ނެތް ބިދޭސީން ލައިގެން ވިޔަފާރިކުރަމުންދަނީ. މިކަން ބަލަނީކީއެއް ނޫން. އެކަމަކު ގަވާއިދުން މީހުން ގެނެސްގެން ރަޖިސްޓަރީކޮށްގެން ހިންގާ މީހުންނަށް ވިޔަފާރި ކުރުމުގެ ހުއްދަ ނުދީ ހިފަހައްޓައިގެން މިތިބެނީ ވަކިބަޔަކު މުއްސަދިކުރުމަށް ގަސްދުގައި. ބިދޭސީންނަށް ފާސް ދޭއިރު އެއީ އެތަނެއްގައި މަސައްކަތްކުރަން ގެނެސް އެތަނުގައި ނުވަތަ އެކުންފުނީގައި ރަޖިސްޓަރީކޮށްފައި ތިބި ބައެއްތޯ ނުބަލައި ކުރަނީ ގަސްދުގައި އެމީހުން މުއްސަނދިކުރުމުގެ ބޭނުމުގައި.

    • ނ

      މީ ސީދާ ގޭސް. ހަވަ ދަނޑިމަތި އަބުރަނީ. ސީދާ ނޫހައްޤުން އަނިޔާ މިކުރަނީ.

  6. ގުނޭ

    ވިޔަފާރިތަށް ފުޑުފުޑުކޮށްލާނެމިފަހަރު. ކޮންމެވެސްބަހަނާއެއްދައްކައިގެން.

  7. ނާނު

    ކުރިން ވިއަފާރި ކުރި ގަޑި ތައް ބަދަލު ކުރިގޮތެއް އޮޅުން ފިލުވާ ދެވިދާނެތޯ؟

  8. ޝިއުނާ

    ހުރިހާ ފިހާރައެއް ހުޅުވާ ގަޑި ދުވާލު 9 އިން ރޭގަޑު 9 އަށް ބަދަލު ކުރިކަން ކުރިން ޕޮލިހުން ވެސް އަދި ސަރުކާރުން ބޭއްވި އެއްވެސް ނޫސް ކޮންފަރެންސަކުން ވެސް އަޑެއްނީވޭ ވީމާ މީ ކިހިނެއް ވީ ކަމެއްތޯ؟ އަދި ޕޮލިހުން ދީފަ ހުރި ވިއަފާރި ކުރަން ދާ ހުއްދަ ރޭގަނޑު 11އިން12 އަށް ވެސް ދީފަ އެބަހުރި އެއީ ކޮންތާކުން ވިއަފާރި ކުރަންތޯ؟

  9. އައްޑޫ މީހާ

    ތިގަޑިތަކަކީ ހަމަ އާންމު ހާލަތުގައިވެސް ވިޔާފާރި ކުރަމުން ގެންދިޔަ ގަޑިތައް ދެން އެއްކޮށް ލުއި ނުކޮށް ހިފަހައްޓަން އުޅެނީ ކީއްކުރަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަން ވެއްޖެ ކުރާނެ ނުކުރާނެ ކަމެއް ނޭގި ތެޅެނީ މިވެނި ކަމެއް އެވެނި ކަމެއް ކުރީމޭ ބުނަންވެގެން ތިސަކަރާތް ޖެހުމުގެ އެއްވެސް ބޭނުމެއްނެތް ލާރިކޮޅެއް ކާލަންވެގެން ކުރާ ކަންތައްތައް ބަލިން ރައްކާވެ ތިބުމަކީ އެމީހެއްގެ އަމިއްލަ ޒިންމާއެއް

  10. މަރިޔަމް

    ރާއްޖޭގައި ކާފިއު އިޢުލާން ކުރީމަ އެއްވެސް މީހަކު ކާއެއްޗެއް ގަންނަން ވެސް ބޭރަކަށް ނުނިކުންނާނެ ގޭތެރޭގަތިބެ ބަނޑަށް މަރުވިއަސް އެންމެނަށް ވެސް އެގޭނެ ނިކުމެއްޖެއްޔާ ޝޮކުގަންގެ ހަމަލާ އަންނާނެ ކަން.

  11. އައިމަން

    ތިއައީ ގަވާޢިދާ ޚިލާފު ވެއްޖެ ކަމަށް ބުނެ ބޮޑެތިޖުރުމާނާ ތަކެއް ކުރަން ވެގެން ގަޑި ބަދަލުކުރީ. އަދި ރައްޔިތު މިއައްވުރެ ބޮޑައް ހަނާއަރުވާލަން ވެގެން މީ ހަމަ ތެދުފުޅެއް ކޮންމެވެސް ވަރެއް ލިބޭނެތާ