ސަދަގާތް ދިނުމަކީ ސިއްރާއި ފާޅުގައި ކުރެވިދާނެ ކަމެއް ކަމަށާއި އެކަމުގައި މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ކުރުން ކަމަށް މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ބައެއް ރަށްރަށުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގައި ބުނެފައި ވަނީ ﷲ ގެ މަގުގައި ހޭދަކުރުމަކީ ވަރަށް މަތިވެރި އަޖުރަކާއި ސަވާބެއް އެކަމުގައި އެކުލެވިގެންވާ ކަމެއް ކަމަށާއި އެއީ ﷲ ގެ ރުހިވޮޑިގަތުމާއި މަގްފިރަތު އެމީހަކަށް ލިބެން އޮތް މަގެއް ކަމަށެވެ. މިއީ ވަކި މަހަކަށް ހާއްސަ ކަންކަމެއް ނޫން ކަމަށް ހުތުބާގައިވެއެވެ.

"ﷲ ގެ މަގުގައި ހޭދަކުރުމާއި ހެޔޮ އަމަލުތަކަކީ މުޅި އަހަރުތެރޭގައި ވެސް ކުރަން ވާނެ ކަމެކެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނި ގޮތުގައި މުދަލަކީ ވެސް އިމްތިހާނެކެވެ. އެއީ ވަގުތީ އުފަލެއް ދީ ފަނާވެދާ އެއްޗެއް ކަމަށާއި ތިމާއަށް ފައިދާ ކުރާނީ ޝަރީއަތުގައި އެ މުދާ ހޭދަކުރަން ޖެހޭ އެންމެހައި ކަންކަމުގައި ހޭދަކުރުމުން ކަމަށް ވެސް ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެންނަށް އޮތީ މީހުންނަށް ހެޔޮ ފޯރުކޮށްދީ ހެޔޮ ގޮތުގައި ﷲ ގެ މަގުގައި ހޭދަކޮށް އުޅުމަށް އަވަސްވެގަތުމެވެ. މިކަމުގައި ލަސްކުރުމެއް ނެތެވެ. އެހެނީ ލޯ މަރާލަން ޖެހެނީ ކޮންއިރަކު ކަމެއް އެއްވެސް ނަފްސަކަށް ނޭނގޭނެއެވެ.

ސަދަގާތް ކުރުމުގެ އެންމެ މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ކުރުން ކަމަށާއި، ދެއްކުންތެރިކަމަށް ސަދަގާތް ކުރުމަކީ އަޒާބު ލިބެނިވި ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ބުނީ، އިހްލާސްތެރި ނޫންކޮށް، ކުރާ ސަދަގާތަކީ ބާތިލު ސަދަގާތެއް ކަމަށެވެ. އިހުލާސްތެރިކަމެއް ނެތި ރަން ފަރުބަދައެއް ސަދަގާތް ކުރިއަސް އެއީ އަގެއް ހުރި ސަދަގާތެއް ނޫން ކަމަށް ބުނެފައިވެއެވެ.

ގިޔާމަތް ދުވަހު ނަރަކައަށް އެއްލާލެވޭ ތިން ބާވަތެއްގެ މީހުންގެ ތެރޭގައި ދެއްކުންތެރިކަމަށް ސަދަގާތް ކުރާ މީހުން ހިމެނޭ ކަމަށް ބުނާ ގުދުސީ ހަދީސެއް ހުތުބާގައި ފާހަގަކުރިއެވެ.

"ﷲ ތައާލާ އަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު ހަތް ބާވަތެއްގެ މީހުންނަށް ހިޔާވަހިކަން ދެއްވާނެއެވެ. އޭގެ ތެރޭގައި ކަނާތުން ކުރާ ސަދަގާތް ވާތަށް ވެސް ނޭނގޭހާ ސިއްރުން ސަދަގާތް ކުރާ މީހާ ހިމެނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.