އައްޑޫގައި އުމުރުން ދުވަސްވީ މީހަކު ރޭޕް ކުރަން އުޅުނު ޒުވާނާ، ދުވަސްވީ އިތުރު ދެ މީހަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ވިދާޅުވީ އައްޑޫ މީދޫގައި އުމުރުން 64 އަހަރުގެ ދިވެހި އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެ އަމަލު ހިންގަން އުޅުނު މީހާ އިއްޔެ އިތުރު ދެ މީހަކަށް ޖިންސީ ގޯނާ ކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ 65 އަހަރުގެ އަންހެނަކަށާއި 66 އަހަރުގެ އަންހެނަކަށެވެ.
މި ހުރިހާ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެއިތުރުން މިމަހުގެ 23 ވަނަ ދުހުވަހުގެ މެދު ރާއްޖެ ތެރޭގެ ރަށެެއްގައި ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ވެސް ފުލުހުންނަށް ހުށަހެޅިއެވެ. އެގޮތުން އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ ކުއްޖާ ގޭ ތެރޭގައި ހުއްޓާ ގޮވާ ނެރެގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ ދުވަސްތަކެއް ކުރިން މަސްތުވެގެން ހުރި މީހަކު ލ.އަތޮޅުގައި ގެއަކަށްވަދެ ގަދަކަމުން މީހަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ވެސް މި ހަފްތާގެ އަންގާރަ ދުވަހު ފުލުހުން ވަނީ ބަލަން ފަށައިފައެވެ. އެ މައްސަލާގައި އުމުރުން 28 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ގާނޫނުލްއުގޫބާތުގައި ޖިންސީ ގޯނާ ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ވަނީ ހިމަނައިފައެވެ.
ހާދަ ވަރެއް ވެފަ ހުރި މީހެކޭ ދޯތި.