ކޮވިޑް-19 އާއި ގުޅިގެން ފްލައިޓްތައް ކެންސަލްވުމުން އެނބުރި ޤައުމަށް ނުދެވިފައި ތިބި ފަތުރުވެރިން އަދިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ތިއްބެވެ. އެގޮތަށް ރާއްޖޭގައި ތާށިވެފައި ތިބި ފަތުރުވެރިންގެ އެންމެ ބޮޑު އުންމީދަކީ އެނބުރި ޤައުމަށް ވީއެންމެ އަވަހަކަށް ދެވުމެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފަތުރުވެރިކަމާއި ބެހޭ އިދާރާތަކުން އެހީތެރިން ފޯރުކޮށްދީފައިވާއިރު، ރާއްޖޭގައި ތާށިވެފައި ތިބި މުއްދަތުގައި ބައެއް ފަތުރުވެރިންނަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ފުރަބަންދުގެ ސަބަބުން ރާއްޖެއިން ބޭރަށް ނުދެވި ތާށިވެފައި ތިބި ފަތުރުވެރިންގެ ތެރެއިން މާފުށީގައި ތިބި 20 ވަރަކަށް ފަތުރުވެރިންނަށް ވަނީ އެކި ކަހަލަ ދަތިތަކާއި ހުރެ، އެމީހުން ތިބި ގެސްޓް ހައުސްތަކުން ނުކުންނަން ޖެހިފައެވެ. އެގޮތަށް ތާށިވެފައި ތިބި ފަތުރުވެރިންގެ ތެރޭގައި އަލްޖީރިއާ، ސްޕެއިން، ޖަރމެނީ، ޗިލީ، އާޖެންޓީނާ، އުޒްބަކިސްތާން، ކްރޮއޭޝިއާ އަދި އިނގިރޭސިވިލާތުގެ މީހުން ހިމެނެއެވެ.

އެ ފަތުރުވެރިންގެ ތެރެއިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ މީހުން އުންމީދުކޮށްގެން ތިބީ ކުޑަ ލަސްވުމެއް އައިކަމުގައި ވީނަމަވެސް، މޭއި ނޫނީ ޖޫން ހިސާބުގައި އެ މީހުންނަށް އަނބުރާ ޤައުމަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އަހަރުމެން އުންމީދުކޮށްގެން ތިބީ ލަސްވި ނަމަވެސް ކުޑަ ދުވަސްކޮޅަކުން ފުރޭނެ ކަމަށް. ފްލައިޓްތައް ކެންސަލްވަމުން ދިޔައީ މޭއިގައި ވެސް ޖޫންގައި ވެސް. މިހާރު އަޑު އެބަ އިވޭ ޖުލައިގެ ފްލައިޓްތައް ވެސް ކެންސަލްވާ ވާހަކަ. އަހަރުމެން އައީ ކޮވިޑް-19 ޓީމާއި ވާހަކަދައްކަވަމުން. އެމީހުން ބުނޭ މިނިސްޓްރީ އާއި މައުލޫމާތު ހިއްސާ ކުރީމޭ." އޭނާ ކިޔާ ދިނެވެ.

މާފުށީގައި ތާށިވެފައި ތިބި ފަތުރުވެރިންގެ ފޮށި ތަންމަތި: ފޮޓޯ ކިޔުންތެރިއެއް

ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އަށް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާ ކުރީ މީގެ 20 ވަރަކަށް ދުވަސް ކުރިން ކަމަށް އޭނާ ބުންޏެވެ. އެ އިދާރާއިން ވަކި ގޮތެއް ނިންމާނެ ކަމަށް ބުނި ނަމަވެސް އަމަލީ ސިފައެއްގައި އެކަން ނުކުރެވި ލަސްވުމަކީ އެ ފަތުރުވެރިންގެ ކަންބޮޑުވުމެކެވެ. "ވަގުތު" އަށް މައުލޫމާތު ދިން ފަތުރުވެރިޔާ ބުނީ އެ މީހުންގެ ތެރެއިން ގިނަ މީހުން ތިބީ ގެސްޓް ހައުސްގައި ކަމަށެވެ.

ބައެއް މީހުންނަށް ފައިސާގެ ދަތިކަން ދިމާވެފައިވާކަމަށާ، އެ ނޫނަސް އެހެން ދަތިތައް ވެސް ދިމާވާ ކަމަށް އޭނާ ކިޔާދިނެވެ. އެގޮތުން އެ މީހުންގެ ތެރޭގައި މާ ބަނޑު ދެ މީހުން ތިބި އިރު މިރޭ ވެސް ނިދާނެ ތަނެއް ނެތި ތިބެން ޖެހުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ކިޔާދިނެވެ.

މާފުށީގައި ތާށިވެފައި ތިބި ފަތުރުވެރިން: ފޮޓޯ ކިޔުންތެރިއެއް

"އަހަރެން ނުކުންނަން ޖެހުނީ އެ ގެސްޓް ހައުސް ބަންދު ކުރާތީ. 2 ޖެހިއްސުރެން ފޮށި ތަންމައްޗާއި އެކު ކޮވިޑް-19 އޮފީހުގައި މި ތިބީ. އަހަރުމެން ބޭނުމީ ވީ އެންމެ އަވަހަކަށް ތިބޭނެ ތަނެއް ލިބުން. އަހަރުމެންގެ ތެރޭގައި މާބަނޑު 2 މީހުން އެބަ ތިބި. އޭގެ ތެރެއިން އެކަކަށް ލޭ އައުމުގެ މައްސަލަ ދިމާވި. މި ރަށުން ނުލިބޭ ބޭސް އެ މީހުންނަށް ބޭނުންވޭ. އެ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބުން އެއީ އެންމެ އިސްކަމެއް ދޭކަން." އޭނާ ކިޔާދިނެވެ.

އެ މީހުންނަށް ދިމާވެފައިވާ ދަތިކަމަށް މާދަމާ ހައްލެއް ހޯދަދޭނެ ކަމަށް މާފުށީ ކައުންސިލުން ބުނެފައިވާކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މާފުށީ ކައުންސިލްގެ ދެ މެމްބަރަކަށް "ވަގުތު" އިން ގުޅައިގެންނާއި މެސެޖް މެދުވެރިކޮށް މަސައްކަތް ކުރި ނަމަވެސް، ޖަވާބެއް ނުވާތީ ކައުންސިލްގެ ބަހެއް ރަސްމީކޮށް މިކަމާއި ގުޅިގެން ވަނީ ލިބޭ ގޮތް ނުވެފައެވެ. ކައުންސިލަރުންނާއި ހަވާލާދީ "ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ބުނީ، މީގެ މަހެއްހާ ދުވަސް ކުރިން އެ ރަށުގައި ތިބި ފަތުރުވެރިންގެ މައުލޫމާތު ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އޮފިޝަލަަކު ވަގުތަށް ވިދާޅުވީ 18 ވަރަކަށް ފަތުރުވެރިން މާފުށީގައި ތިބި ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެ ފަތުރުވެރިންނަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާދިނުމަށް ކައުންސިލާއި އެކު ކޯޑިނޭޓް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މާފުށީގައި ތިބި ފަތުރުވެރިންނާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް އޮފިޝަލް ހިއްސާ ކުރައްވާފައެއް ނުވެއެވެ.

މިގޮތަށް އެކި ތަންތަނުގައި ތާށިވެފައި ތިބި ފަތުރުވެރިންނަށް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ޚާއްސަ އިސްކަމެއް ދެއްވާކަން ވުޒާރާއިން ދެއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމްސިއްޔާ

    މާފުށީ ކައުންސިލް އެއްކޮށް އިސްތިއުފާ ދޭންފެނޭ. ހަމަ ކިރިޔާ ބާރެއްލިބެން އުޅޭހެން ހީވިއަސް ހީވަނީ އެހެން ފަދަކަމެއްހެން. ކަނޑުފަޅުވެސް އަމިއްލަ ތަނަކަށް ހަދައިގެން ސަފާރީތައް ނަގަން އަންގަން އަންގަން ތެޅިގަތް ގޮތުން. ކަމަކާ ޖެހުނީމަ ފޯނުގަނޑު ނަގާލަންވެސް ނުކެރޭ.

    11
  2. މާފުށީ ރައްޔިތު

    ޑޮލަ ރު ނުލިބޭތީ އިންސާނިއްޔަތު ކަންވެސް ނެތީތަ.ކޮބާތަ މާފުށީގެ މުއްސަނދިން ކުއްލިއަކައްތަ ފަގީ ރުވީ، އުސްމާނައް ވ ސަލާމް ތިހު ރީ އަންނަ ދައު ރައްވެސް ހޮވިފަ.