ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، އުތުރުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށީގެން ޅ. އަތޮޅާއި ހަމައަށެވެ. މި ސަރަޙައްދުތަކަށް ސަމާލު ނެރެފައި ވަނީ މިރޭ 8:30 އިން ފެށިގެން 1:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި މި ސަރަޙައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

އުތުރަށް މޫސުން ގޯސްވުމުގެ ސަބަބުން މިއަދު އިރުއޮއްސުނު ވަގުތު އޮރެންޖު ސަމާލު ވެސް ނެރެފައި ވެއެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ނެރެފައިވާ އެ ސަމާލަކީ ރާއްޖެއަށް ނެރުނު ދެވަނަ އޮރެންޖު ސަމާލެވެ.

އުތުރުގެ ސަރަޙައްދުތަކުގެ އިތުރުން ދެކުނުގެ ބޮޑު ބަޔަކަށްވެސް މިރޭ 10:00 އާއި ހަމައަށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ.