ކައުންސިލްތަކުގެ ދައުރު ދިގު ދަންމަން ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ދިން ލަފާގައި ސުޕްރީމްކޯޓުން ކުއްލި ނުރައްކަލުގެ ހާލަތަކީ ސިޔާސީ މީހުން ހައްޔަރު ކުރާ ހާލަތުކަމަށް ވިދާޅުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމްކޯޓުގެ ލަފާ ވަރަށް ސާފުވާ ކަމަށާ، މިއީ މިހާ އާދައިގެ ބަހުން ސުޕްރީމް ކޯޓުގެ ލަފައެއް ނެރުނު ފުރަތަމަ ފަހަރުކަމަށެވެ.

ސުޕްރީމްކޯޓުގެ ލަފާގައި ފުރަތަމަ ފާހަގަކޮށްފައިވާ ޤާނޫނު އަސާސީ އިސްލާހު ކުރާނަމަ ސީދާ އެކަން ކުރުމަށާ، އޭގެ ވަށައިގެންވާ ޤާނޫނުތައް އިސްލާހު ނުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ދެވަނަ ކަމަކަށް ކުއްލި ނުރައްކަލުގެ ހާލަތަކީ ސިޔާސީ މީހުން ހައްުޔަރު ކުރާ ހާލަތު ކަމަށް އެ ލަފާއިން އެނގޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެ ބޭފުޅުން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އެއީ ހާލަތެއް ނޫނޭ. އެއީ ވަކި ހާލަތެކޭ. އެއީ ސިޔާސީ މީހުން ހައްޔަރު ކުރާ ހާލަތެކޭ. ސިޔާސީ މީހަކު ހައްޔަރުކޮށްފިއްޔާ ޤާނޫނު އަސާސީ އިސްލާހުކުރުމުގެ ހާލަތެއް ނޫނޭ. އެ ބޭފުޅުން އެބަ ވިދާޅުވޭ އެ ބޭފުޅުންގެ ޔައުމިއްޔާ އާއި އެތަކެތި ބައްލަވައިގަނެގެން އެހެން ކަމަށޭ އެ ބޭފުޅުންނަށް ފާހަގަވަނީ. ދެން އަޅުގަނޑު އެ ބޭފުޅުން ދައްކާ ވާހަކަ ޤަބޫލުކުރަނީކީއެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އިސްލާހު ކުރުމަށް މި ވަގުތު ރަނގަޅުކަމަށް ވަރަށް ސާފުކޮށް ވިދާޅުވި ނަމަވެސް ކައުންސިލްތަކުގެ ދައުރު ދަންމަން ބިލަކުން ހައްލު ނުލިބޭނެ ކަން ސުޕްރީމްކޯޓުގެ ލަފާއިން އެނގޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޤާލީ ބައެއްގެ ގޮތުގައި ވެސް ކައުންސިލްގެ ދައުރު އިތުރު ކުރެވިދާނެ ކަމަށް އެ ލަފާގައިވާކަމަށް ރައީސް ނަޝީދު ވަނީ އެމަނިކުފާނު ދެކިވަޑައިގަންނަވާގޮތުގައި ސުޕްރީމްކޯޓުގެ ލަފާއަކީ ކޮބާކަން ޚުލާސާކޮށްދެއްވަމުން ވިދާޅުވެފައެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނު އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނު އަސާސީ އިސްލާހުކުރަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާދީފައެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ލަފާދެއްވާފައި ވާއިރު އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ލަފާދެއްވީ މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޯބޯޖަލީލު

    އަވަހަށް ނަސީދު ހައްޔަރުކުރޭ ބަގާވާތަކުން އިބޫގެ ވެރިކަން ވައްޓާލަން ރާވަމުން ނަސީދު ދަނީ ބޮޑުވަޒީރު ކަން ބޭނުންވެގެން ނުލަފާ މީހެއް މިއީ ...

  2. ކޮރަލް

    ބޭކާރު ވާހަކަ ވަރަށް ގިނަ އިން ދައްކާ މީހެކެވެ.

  3. ޑައެލޯގް

    މިހާރު ތިޔަކޯޓުގައި ތިތިބީ ރީދޫކުދިން އަންޔަންކޮށްފައިވާ ޕަޕެޓް ގާޒީންނެވެ. އެއްވެސް ފެންވަރެއްބަލާފައެއްނޫން ނެގީ. އަދި އިސްލާމީ ޝަރީއަތާ ޚިލާފަށް އަންހެނުންވެސް ސްޕްރީމް ކޯޓުގެ ގާޒީންނަށް ނަގާފައިވޭ ދެންކޮންފެންވަރެއް ހުންނާނީ

  4. މުޖޫ

    ރައީސް ނަޝީދު ބޯ ވަރަށް ތަލަފުޅުވެއްޖެއެވެ.