ފުވައްމުލަކުގައި މިދިޔަ ހޯމަ ދުވަހު ހިނގި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު ފިރިހެން މީހާ އޮޕަރޭޝަނަށް ފަހު އިއްޔެ ހޭ އަރައިފި ކަމަށް އާއިލާ އިން ބުނެފިއެވެ.

ފުވައްމުލަކު ރަށު ނައިބުތުއްތު މަގުގައި ދެ ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިސްމާއިލް ސައީދުގެ އާއިލާ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިހާރު އިސްމާއިލްގެ ހާލު މިހާރު ރަނގަޅުވަމުން ކަމަށެވެ.

"މިހާރު ވަރަށް ބޮޑަށް ހާލު ރަނގަޅު ވަމުން އަންނަނީ. ކޮންމެވެސް ވަރަކަށް ވާހަކަ ވެސް ދައްކަން ފަށައިފި،" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އިސްމާއިލްގެ ބޮލަށް އަނިޔާވުމުން އިތުރު ފަރުވާ ދޭން މާލެ ގެނައީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އެކުސިޑެންޓް ހިނގާފައިވަނީ ހޯމަ ދުވަހު މެންދުރު ފަހު ވަގުތެއްގައި ފުނާޑު އަވަށު ޕެޓްރޯލް ޝެޑް ކައިރިންނެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ތާރުމަގުން ބާރު ސްޕީޑްގައި އެއްކޮޅައް ދުއްވާފައި ދިޔަ ދެ ސައިކަލު އެކަތި އަނެކައްޗާ ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ އަންހެނަކަށް ވެސް އިތުރު ފަރުވާ ދޭން މާލެ ގެނައެވެ. ސީޓީ ސްކޭނެއް ހެދުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.