މޮހޮނަށް އޮޑިދޭހެން ނަމެއްގައި ކައުންސިލްތަކުގެ ދައުރު ދިގުދަންމައެއް ނުލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ނުކުރެވި، އަތާއި ފައި ބުރިކޮށްފައި މަޤާމު ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެ ޚިޔާލް ފާޅުކުރުމުން އޭނާ އަކީ ޖަންގަލީގެ އުސޫލަށް ތަބާވާ މީހެކޭ، މިނިކާވަގެކޭ ބުނެ ފާޑު ކިޔާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ ޚިޔާލު ފާޅުކުރުމުން އޭނާ ހުރީ ސަރުކާރަށް ވިކިފައިކަމަށް ވެސް ބުނަމުންދާކަމަށެވެ.

" ކައުންސިލްތައް ދެމިތިބޭނެ ކަމަށް ސުޕްރީމްކޯޓުން ބުނެފައި އޮތީމާ، މޮހޮނަށް އޮޑިދޭހެނެއް އެ މީހުންނަކަށް މިކަމެއް ނުދެވޭނެ. ޑޮމޮކްރަޓިކް އުސޫލަކީ އެއީ. ޑޮމޮކްރަސީގެ ހަމައަކީވެސް އެއީ. މިހާރުވެސް އެބައޮތް ލާމަރުކަޒީ ޤާނޫނެއް. ކައުންސިލް ތަބާވާން ޖެހޭ އުސޫލެއް އެބައޮތް. އެ ބާރުތަކާއި އެކު ދޭން ވާނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު އިންތިގާލީ އުސޫލުން އެއްވެސް ބާރެއް ނެތި ކައުންސިލްތަކުގެ މަޤާމު ދިގު ދެންމުމާއި ދެކޮޅަށް ބައެއް ކައުންސިލަރުންވެސް ދަނީ އަޑު އުފުލަމުންނެވެ.

އަދި އެއްވެސް ބާރެއް ނެތްގޮތަށް މަޤާމު ދިނުމުން ރައްޔިތުންނަށް ޚިދުމަތް ނުކުރެވޭނެ ކަަމަށާ އެގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކައުންސިލްތަކުގެ ދައުރު ދިގުދަންމާލަން ޤާނޫނު އަސާސީ އިސްލާހުކުރުމާއި މެދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލް ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.