ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެ ކުރިން އެ ސަރަޙައްދަށް ނެރެފައިވާ ހުދު ސަމާލު ދަމަހައްޓައިފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އުތުރުގެ ހުރިހާ އަތޮޅަކަށް މި ސަމާލު ދަމަހައްޓާފައި ވަނީ ކުރިން ނެރުނު ސަމާލުގެ ވަގުތު މިރޭ 1:00 އަށް ހަމަވެފައި ވަނިކޮށެވެ. މޫސުމާއި ބެހޭ އިދާރާއިން ސަމާލު ދަމަހައްޓާފައި ވަނީ ފަތިހު 5:00 އާއި ހަމައަށެވެ.

މިރޭ ހުދު ސަމާލު ދަމަހައްޓާފައި ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި، ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

އުތުރުގެ ބޮޑު ބަޔަކަށް އިއްޔެ މޫސުން ގޯސްވުމާއި ގުޅިގެން، ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް އޮރެންޖު ސަމާލުވެސް ނެރެފައި ވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި އޮރެންޖު ސަމާލު ނެރުނު ދެވަނަ ފަހަރެވެ.

މީގެ އިތުރުން މިރޭ 9:30 އިން ފށިގެން 12:00 އާއި ހަމައަށް ހއ. އަތޮޅާއި ރ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ރީނދޫ ސަމާލުވެސް ނެރެފައި ވެއެވެ.

އުތުރުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ބޮޑު ސަރަޙައްދަކަށްވެސް މޫސުން ގޯހެވެ.