މުދާއުފުލާ ބޯޓު ފަހަރުތަކާއި އޮޑި ދޯނި ފަހަރުތަކުން މާލެއަށް ކުރާ ދަތުރުތަކުގައި، ފަޅުވެރިން މާލެއަށް ފައިބައިފިނަމަ 14 ދުވަހަށް ކަރަންޓީނުވާން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް ރޭ ދަރުބާރު ގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، މާލެއަށް ދަތުރުކުރާ އުޅަނދު ފަހަރުތަކުން މާލެއަށް އަރާ ފޭބުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ފަޅުވެރިންނާއި، އުޅަނދުތަކުގެ ވެރިންވެސް ސަމާލުކަން ދޭން ޖެހޭނީ މާލެއަށް ނުފައިބާ ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިސާލަކަށް މާލެއަށް ދަތުރު ކުރާ އުޅަނދުފަހަރުތައް، މިހާރުވެސް އެ މައްސަލަ ދިމާވޭ އަޅުގަނޑުމެންނަށް. މާލެއަށް އަރާ ފޭބުމަކީ މަނާ ކަމެއް. އެހެން ނަމަވެސް، ވަަރަށް މަދު ހާލަތެއްގައި ފަޅުވެރިއަކަށް މާލެ ފޭބިއްޖެކަމުގައި ވެއްޖެއްޔާ ދެން އޭގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވެގެން ދާނެ، އެފަރާތެއް ދެން ދާން ޖެހޭނީ ކަރަންޓީން ކުރެވިގެން އެރަށަށް އެރެން ޖެހޭނީ، އެއީ މާލޭގައި އެހެން ފަރާތަކާއި ކޮންޓެކްޓްވެފައި ހުރެއްޖެކަމުގައި ވެއްޖެއްޔާ ހުއްދަ ލިބިގެނެއް ނުވޭ ކަރަންޓީން ކުރުމެއް ނެތި އެހެން ރަށަކަށް ދިއުމަކަށް" ޝަރީފް ވިދާޅުވިއެވެ.

ސަޕްލައި ހޯދުމަށް މާލެއަށް ކުރާ ދަތުރުތަކަށް ހުއްދަ ހޯދަން ޖެހޭނީ ކައުންސިލުންނެވެ.

"މާލެއަށް ވަރަށް ގިނަ އުޅަނދު ފަަހަރު ދަތުރު ކުރަން ޖެހޭނެ މާލެއިން ސަޕްލައި ހޯދުމަށަށާއި، ސަޕްލައި ގެންދިއުމަށް އެކަންކަމުގައި އުޅަނދާއި، ދަތުރުކުރެވޭނެ ދަތުރު ކުރާ ފަޅުވެރިންނާއި ކެޕްޓަނުންނާއި ކައުންސިލްގައި މިހާރު އޮތް އިންތިޒާމްގެ ތެރެއިން ހުއްދައިގެ ކަންކަން ކުރިއަށްގެންދާނެ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ފަޅުވެރިން އެއްވެސް ރަށަކަށް ކައުންސިލާއި، ފުލުހުންގެ ހުއްދަ ނެތި ނޭރުމަށް ނަސޭހަތްތެރިވެފައެވެ

"އެހެންވީމަ ހުއްދައިގެ ތެރޭގައި އެއްވެސް ރަށަކަށް ދެވުނު ކަމުގައިވީނަމަވެސް، ކުރިން މި ދެންނެވި ދެ ފަރާތުގެ (ފުލުހުންނާއި، ކައުންސިލް) ކުރެ ފަރާތެއްގެ ހުއްދަ ނެތި އެރަށަށް އަރާ ފޭބުމަކީ ހުއްދަ ލިބިގެންދާ ކަމެއް ނޫން، އެއީ ކޮންޓްރޯލް ކުރެވިފައިވާ ކަމެއް" ޝަރީފް ވިދާޅުވިއެވެ.

މީގެކުރިންވެސް މި ހާލަތުގައި އަތޮޅުތަކުން، މުދާ ބަލައި މާލެ އަންނަ އެއްވެސް ފަރާތަކަށް މާލެއަށް ފޭބުމުގެ ހުއްދަ ނުދެވޭނެކަން ސަރުކާރުން ވަނީ އަންގާފައެވެ. ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުން އޭޓީއެމް އާއި ހަމައަށް ދިއުމުގެ ހުއްދަ ދޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މާލެ ސިޓީއަށް އަންނަ ބޯޓު ފަހަރުތަކާއި އޮޑި ދޯނި ފަހަރުތަކުގައި އުޅޭ ފަޅުވެރިން މާލެ ނޭރުމަށް ނަސޭހަތްތެެރިވަމުން އަންނައިރު، މާލެ ސިޓީގައި ކޮވިޑް-19 ފެތުރި އެ ބައްޔަށް ގިނަ ބަޔަކު ދަނީ ފައްސިވަމުންނެވެ.