ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް ސަރަޙައްދުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައި ވާތީ، އެ ސަރަޙައްދަށް ނެރެފައިވާ ހުދު ސަމާލު ތިންވަނަ ފަހަރަށް ދަމަހައްޓައިފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށެވެ. މި ސަރަޙައްދުތަކަށް ތިންވަނަ ފަހަރަށް ސަމާލު ދަމަހައްޓާފައި ވަނީ މިރޭ 5:00 އިން ފެށިގެން ހެނދުނު 10:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލު ނެރެފައިވާ ވަގުތުތަކުގައި، ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

އުތުރަށް މޫސުން ގޯސްވުމާއި ގުޅިގެން ރޭ 8:30 އިން ފެށިގެން އުތުރުގެ ހުރިހާ އަތޮޅަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އޭގެ ކުރިން އެ ސަރަޙައްދަށް ރީނދޫ ސަމާލުވެސް ނެރެފައިވާއިރު، އުތުރުގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް އިއްޔެ އޮރެންޖު ސަމާލުވެސް ނެރެފައި ވެއެވެ.

އުތުރުގެ އިތުރުން މި ދުވަސްވަރު ދެކުނުގެ ބައެއް ސަރަޙައްދުތަކަށްވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހެމުން ދެއެވެ.

މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

"އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ" މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވަނީ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.