ރާއްޖެ އިން ކޮވިޑް-19 ފެނުނުތާ ތިން މަހެއްހާ ދުވަސްވީ އިރު، ފުރަބަންދަށް ލުއިތަކެއް ދިނުމަށް ފަންނީ މާހިރުން ގަބޫލު ކުރި ނަމަވެސް، ރާއްޖޭގައި ކޮވިޑް-19 ނިމުމުގެ ސިއްކަ ނުޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދު މިދިޔަ މަހުގެ 15 ވަނަ ދުވަހު ފުރަބަންދަކަށް ދިޔައީ މާލެ އިން ފައްސިވި އެކަކު ފެނުމުންނެވެ. އާއްމުންގެ ތެރޭގައި ބަލި ފެތުރިގެން އައިއިރު، އެކަކާ ގާތުން ބައްދަލުވާ މީހުންގެ އަދަދު 30 އިން މަތީގައި އުޅުނު އިރު، އެ އަދަދު މިހާރު ވަނީ ހަ މީހުންނަށް ދަށް ކުރެވިފައެވެ. އޭގެ ނަތީޖާއަކީ، ކުރީގެ ލަފާކުރުންތަކަށް ވުރެން ބަލި ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށް ކުރެވި، ފުރަބަންދަށް ލުއިތަކެއް ދެވުމެވެ.

ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ކުރިން ހެދި ޕްރޮޖެކްޝަންސްތަކުން ދެއްކި ގޮތުގައި ޕީކަށް އަރާ ދުވަހު، ބަލި ޖެހިފައި 6،000 މީހުން ތިބޭނެއެވެ. އަދި އެދުވަހު އެކަނި ވެސް 400 މީހުން ފައްސިވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭރުގައި، ޕްރޮޖެކްޝަންސްތަކުން ދެއްކި ގޮތުގައި ބަލިމަޑުކަމުގައި 2،000 މީހުން ނިޔާވެ، އެއް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވުނެވެ. އެކަމަކު، ފަހުން ދެއްކި ޕްރޮޖެކްޝަންތަކުން އެ އަދަދު ވަރަށް ބޮޑަށް ދަށްވިއެވެ. އަދި ފިޔަވަޅުތަކާ އެކު، ސާޖު އައުން ވަރަށް ބޮޑަސް ލަސް ކުރެވުނެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރި ބައެއް ބިދޭސީން ދެނެގަންނަން އުނދަގޫވި: އަމީން

މިނިސްޓަރު އަމީން، އެންއީއޯސީގައި މީހަކާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ހެލްތު މިނިސްޓްރީ

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ ކުރީގައި ރާއްޖޭގައި އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ދިޔަ ނަމަވެސް، ކޮވިޑް-19 ރާއްޖެ އިން ނެތިގެން ނުދާ ކަމަށެވެ. މި ބައްޔަށް ވެކްސިނެއް ނުވަތަ ބޭހެއް ލިބެންދެން ދިވެހިން މީގެކުރިން ގެންގުޅުނު އާދަކާދަތަކަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

"ލުއިތަކާ އެކީގައި ވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ބަލި ޖެހޭ މީހުންގެ އަދަދަށް ބަދަލުތަކެއް އަންނާނެ. އެ ބަދަލަށް ތައްޔާރުވުމުގެ ގޮތުން ހޮސްޕިޓަލް އެނދުތައް އިތުރު ކުރެވިއްޖެ. ކްރިޓިކަލް ފަރުވާދެވޭ ތަންތަން އިތުރު ކުރެވިއްޖެ. ބައްޔަށް ފަރުވާ ކުރުމުގެ ތަޖުރިބާތަކެއް ހޯދައިފިން. އަދި ބަލީގައި ފަރުވާ ހޯދުމަށް އެހެން ގައުމުތަކުން ކުރާ ކަންކަން އަޅުގަނޑުމެން ހޯދައި އެ ތަޖުރިބާތައް ވެސް ބޭނުން ކުރެވޭ،" އަމީން ވިދާޅުވިއެވެ.

ލުއިތަކުގެ ތެރޭގައި ދުވަސްކޮޅަކު ތިބެން ޖެހޭނެ: އަމީން

"އަޅުގަނޑުމެންގެ އެބަހުރި އެސްއޯޕީތަކެއް. ފުރަބަންދަކަށް ދާން ޖެހިއްޖެ ނަމަ، ދެން ކަންކަން އިންތިޒާމު ކުރެވޭނެ ގޮތް އެބަހުރި. އެއީ ސަޕްލައި ޗެއިން މެއިންޓެއިން ކުރުމާއި ރަށްރަށަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން. މި ހުރިހާ ކަމެއްގެ އަލީގައި އަޅުގަނޑުމެން ލުއިތަކެއް މިދެވެނީ. ލުއިތަކާ އެކީގައި ބަލި ޖެހޭ އަދަދަށް ބަދަލުތަކެއް އަންނާނެ ކަމީ ސުވާލު އުފެދޭ ކަމެއް ނޫން،"

އަމީން ވިދާޅުވި ގޮތުގައި ފުރަބަންދަށް ލުއިތަކެއް ދިނުމަށް ނިންމީ، ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭ ވަރަށް ތައްޔާރުވެވިގެންނެވެ. އެ ހިސާބުން ވެސް އުނދަގޫ ހާލަތެއް އަތުވެއްޖެ ނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ހާލަތު އިތުރަށް ގޯސްވެގެން ވެސް ހިނގައިދާނެ ކަމަށެވެ. އަދި ރަނގަޅު ފިޔަވަޅުތަކެއް އެޅޭ ނަމަ، ހާލަތު ގޯސްވަމުންދާ މިންވަރު ކުޑަ ކުރެވި، މިކަމުން އަރައިގަނެވޭނެ ހިސާބަކަށް ދިއުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަމީން، ބައެއް ބޭފުޅުންނާ މަޝްވަރާ ކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 1،591 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ 554 ދިވެހިންނާއި 1،037 ބިދޭސީންނެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 231 މީހުންނެވެ. ކޮންމެ ދުވަހަކު ބައްޔަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 20-60 އާ ދެމެދުގައެވެ. އެންމެ ފަހުން، ހެދި ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި މި ބަލިމަޑުކަމުގެ ޝިކާރައަކަށް 70،000 އަށް ވުރެ ގިނަ މީހުން ވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި 700 އެއްހާ މީހުން ބަލީގައި މަރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ސާޖެއް އަންނާނެ ކަމަށް ބެލެވެނީ ފުރަބަންދަށް ލުއިތަކެއް ދިނުމުން: އަމީން

އަމީން ވިދާޅުވި ގޮތުގައި، ޕްރޮޖެކްޝަންސްތަކަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފައެވެ. އެ ބަދަލުތައް ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ބަލީގެ ހާލަތު ބަލައި، ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން މި ލުއިތައް ދޭން ނިންމައި މަސައްކަތް ފަށާފައި ވަނީ، ބައެއްގެ ފިއްތުންތަކާ ހެދި ނޫން ކަމަށް އަމީން ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހަމައިން ފެށިގެން މުޅި ސަރުކާރާއި ސިއްހީ ދާއިރާގެ ބޭފުޅުން މިކަމުގައި ދެމިތިބެ، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދަށް ނިންމުންތަކުގައި ބަރޯސާވާ ކަމަށް ވިދާޅުވިއެވެ.

"ރައީސް އަބަދުވެސް ތަކުރާރުކޮށް ވިދާޅުވޭ ސިއްހީ ކާރިސާގައި އެންމެ އިސްކަން ދޭނީ ޑޮކްޓަރުންނާއި ފަންނީ ބޭފުޅުންގެ ލަފައަށޭ. އެއާ ގުޅިގެން ދެން ހުންނަ ކަންކަމަށް އިދާރާތަކުގެ މަޝްވަރާ ހޯދަން. މި ނިންމުންތައް ނިންމަނީ ފަންނީ ބޭފުޅުންގެ ލަފާކުރުންތަކާ އެއްގޮތަށް. ބަލީގައި ފަރުވާދެމުންދާ ގޮތާއި ބަލި އިތުރަށް ފެތުރެމުންދާ ގޮތާއި މިހާތަނަށް ވެފައި ހުރި ތައްޔާރީތަކާ، އެ މައްޗަށް ފުރަތަމަ ބަލަނީ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ފުރަތަމަ ޕްރޮޖެކްޝަނާއި ދެ ވަނަ ޕްރޮޖެކްޝަންގައި ލަފާ ކުރި އަދަދަކަށް ބަލި ފެތުރިފައި ނެތެވެ. އެއީ ސަރުކާރުން ރޭވުންތަކާ އެކީގައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަބްދޫ

  ކޮވިޑް 19 އިން ގައުމު ސަލާމަތް ކުރަން ބޭނުން ވާނަމަ މަގުތަކަށް އެއްވެސް ބޭނުމަކު ވަކިން ދިރިއުޅަޭ ގޭބިސީއަކުން ނުކުމެވޭނީ 15 ދުވަހުން އެއްފަހަރު ގޭބިސީއަކުން އެކަކު ކަމަށްހަދާ 15 ދުވަހުގެ ކާބޯތަކެތި ނުކުންނަ ދުވަހު ގެއަށް ޖަމާކުރުން ނުވަތަ ޑެލިވަރީ ވެސް 15 ދުވަހުގެ ކާބޯތަކެއްޗާ އެހެން ޒަރޫރީ ތަކެތި ޖަމާ ކުރުމާއެކު ހުއްދަ ނުނަގާ މަގުތަކަށް ނިކުންނަ ހުރިހާ ފަރާތްތައް ބަންދުކުރާނެ މަރުކަޒެެއް ކަނޑައަޅާ އެތަނުގަ ބަންދު ކޮށްގެން މެނުވީ އަވަހަކަށް މިބަލިން ސަލާމަތް ވެވިދާނެ ކަމަކަށް ނުފެނޭ. ޢަދި މާލެ ސަރަހައްދު ތަކަކަށް ބަހާލާ ގެއަކުން ގެއަކުން ޗެކް ކޮށް ބަލިމީހަކު ފެނިއްޖެނަމަ އެކަހެރިކޮށް 28 ދުވަހުގެ ކަރަންޓީނު އެގެއަކާ ބަލިމީހާ ކުރުމުގެ މަސައްކަތް އަވަސް ކުރަން ފެނޭ .ތަރުތީބެއްނެތި ތިޔަނަގާ ސާމްޕަލް ބޭނުމެއްނޫން.ސާމްޕަލް ނަގަންޖެހޭނީ މުޅި މާލެޢާ ބަލި ފެނިފައިވާ ހުރިހާ ރަށެއް. އެއީ ގާތްގަނޑަކަށް އެއްލައްކަ ސާމްޕަލް .ނަތީޖާ ވެސް އަވަސް ކުރާނޭމަގު ހޯދަން ޖެހޭ.

 2. މަޖުބޫރީހާލަތް.

  ކައި ރިނުވޭއަދި 4 އަހަ ރު މަޑުކޮއްލާ އަދިކައި ރިނުވޭ

 3. ކޯވިޑް

  ދެން ކީންވެބާ ލުއިދީގެން މިއުޅެނީ. ރައްޔިތުންނަށް މިބަލި ޖައްސަންބާ.

  14
  1
 4. މާމިގިލީ މީހާ

  ދެން މިބަލި ފެތުރޭލެއް މާ ބާރު ވާނެ. ސަރުކާރުގެ ވަކި ބައެއްގެ ނުފޫޒުން ހުރިހާ ތަންތަން ތި ހުޅުވަނީ. ރައްޔަތުން ނައް ބެލުމެއް ނެތި. އަންދާ ގާނޫނު.

  20
  2
 5. ދިވެހިންދެކޭ އެންމެ އަނިޔާވެރި ސަރުކާރު

  ޢަމިއްލަ ހަލާލު މަސައްކަތުން އަނބިދަރިންނާ އާއިލާ ބަލަހައްޓާ އެންމެ ފަނާކުރަމުން ދީނީ. އާމްދަނީ ހޯދަން މަސައްކަތްކުރުން ހުއްޓުވާ ނިކަމެތިއެތައް އާއިލާ އެންމެ ފަނާކޮއްލައިފި. ދިވެހިރާއްޖޭގެ އިގްތިސާދު 8 އަހަރު ފަހަތައްސޮއްސާލައި އަންނަން އޮތްޖީލުވެސް އަނދަވަޅަކައް ވައްޓާލައިފި. ޙަލާލުގޮތުގައި އާމްދަނީހޯދަން މަސައްކަތްކޮއް އުޅުމުގެ ހައްގަކީ މާތްވެގެންވާއިސްލާމްދީންވެސް ބާރުއަޅާ އިންސާނީ އަސާސީ ހައްގެއް. މިހައްގު ނިގުޅައިގަތުމަކީ އިސްލާމްދީނާ އިންސާނިޔަތުކަމައް އަރައިގަތުން

  13
  1
  • ޢަހޮމަދު

   ޔާމީނުވަނީ ހަލާލުފައިސާއަކީ ކޮބައިކަން ވަރަށްރަގަޅަށް ބުނެދީފަ . ޢަދި ގެއަށްވަންނަ ފައިސާއަކީ ކިހިނެއްވަންނަ ފައިސާއެއްތޯ ބަލަންނުޖެހޭކަމަށް ބުނެފަ.

   1
   4
 6. ތާރަބޭ

  ރައްޔިތުންކޮޅު މިތިބަ ހަނާވަނީ! ފޮނި ބަސް ބުނާތި!

  16
  1
 7. ޒަބާދުކުޑޭ

  ކާކުތަ ބުނީ ކޮވިޑް19 ނިމުމުގެ ސިއްކަ ޖެހިއްޖޭ؟ ކަލޭމެން ތިހުރިހާ އެއްޗެއްވެސް ކިޔަނީ. މިމަސްނިމޭއިރު އެއްލައްކަ މީހުނަށް ބަލިޖެހޭނޭ. 2000 މީހުން މަރުވާނޭ. މީ އަހަރެމެން ދައްކާ ވާހަކައެއްނޫން. ކަލޭމެން ޣައިބުދަންނަ މީހުން ތިހުރިހާ ވާހަކައެއްވެސް ތިދައްކަނީ. އަނގަފުޅާކުރާއިރު ހީވަނީ ތިމަންނަމީ އެންމެމޮޅު މީހާއޭ. އެކަމަކު ތަނެއްދޮރެއްނޭގޭ.

 8. ސީދީ

  ނިމުމުގެ ސިއްކަ ޖަހަންވީ ތިޔަ އަނިޔާވެރިސަރުކާރުގަ.

 9. އަސީ

  ކޮބާހޭ ސަރުކާރުން ގެންނަންބުނި ވެންޓިލޭޓަރުތައް

 10. ވަކަބެ

  މި ގައްދޫ އަލަބުރިއަށް މިކަން ކުރަން ނޭގެންނާ އިސްތިއުފާ ދީފަ ދިޔައިމަ ނިމުނީ ނުން، ކޮންހާ ބޭކާރު ވާހަކައެއް ދައްކާކައްތަ