ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައގައި މާލެއަށް އެކަނި 1.4 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޝިފާ ވިދާޅުވީ ވިއްސާރައިގައި މާލެ ސިޓީ އަށް އެކަނި ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ގެއްލުންތަކުގެ އަގު 1.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވިދާޅުވިއެވެ.

ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިފާ ވިދާޅުވިއެވެ.

ވިއްސާރައިގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު ތަންތަނުގެ ތެރޭގައި ރަސްފަންނާއި ބައެއް މައިޒާންތައް ހިމެނެއެވެ.

އެގޮތުން އެތަނުގެ ބިންގަނޑު ކަނޑައިގެން ގޮސް މުޅި ރަސްފަންނު އަލުން ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އުދަ އެރުމާއެކު، މާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައްވެސް ވަނީ ވެއްޓިފައެވެ. މިހެން ގަސްތައް ވެއްޓުމުގެ ތެރޭގައި ގޭގެއަށާއި ފިހާރަތަކަށް ވަނީ ގެއްލުން ވެފައެވެ.

އަދި މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.