މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ހިލާފަށް ހުއްދަ ނެތި މަގުމައްޗަށް ނިކުމެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު 6،000 އަށް އަރާފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފުރަބަންދުގައި މާލެ އިން އެކަނި ވެސް ޖޫރިމަނާ ކުރި މީހުންގެ އަދަދު 5،303 އަށް އަރައެވެ. ވިލިމާލެ އިން 107 މީހަކު ޖޫރިމަނާ ކުރިއިރު، ހުޅުމާލެ އިން 675 މީހުން ޖުރިމަނާ ކުރިއެވެ.

މިއާ އެކު، ޖޫރިމަނާ ކުރި މީހުންގެ އަދަދު ވަނީ 6،085 އަށް އަރައިފައެވެ.

ހުއްދަ ނެތި މާލޭގައި އުޅުނު މީހުންގެ ތެރެއިން އިއްޔެ މާލެ ސިޓީން 155 މީހަކު ޖޫރިމަނާ ކުރިއެވެ. އެއީ މާލެ އިން ޖޫރިމަނާ ކުރި 137 މީހުންނާއި ހުޅުމާލެ އިން 18 މީހުންނެވެ. ވިލިމާލެ އިން އެއްވެސް މީހަކު ޖޫރިމަނާކޮށް، ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ހުއްދަ ނެތި ބޭރުގައި އުޅުނު 345 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ މާލެ އިން ހައްޔަރު ކުރި 305 މީހުންނާއި ހުޅުމާލެ އިން ހައްޔަރު ކުރި 37 މީހުންނާއި ވިލިމާލެ އިން ހައްޔަރު ކުރި ތިން މީހުންނެވެ.

މާލެ އިން އިއްޔެ އެކަނި ވެސް ހަތް މީހަކު ހައްޔަރު ކުރިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު އިއުލާން ކުރުމަށްފަހު އެޗްޕީއޭ އަދި ފުލުހުންގެ ހާއްސަ ހުއްދައެއް ނެތި ބޭރުގައި އުޅޭ މީހުން ފުރަތަމަ ފަހަރަށް 1000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އަދި ކުށް ތަކުރާރުކޮށްފި ނަމަ ހައްޔަރުކޮށް، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވާނެއެވެ.

މިހާތަނަށް ޖޫރިމަނާކުރި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު، ޖޫރިމަނާ ފައިސާގެ ގޮތުގައި ހަ މިލިއަން ރުފިޔާ ލިބޭނެއެވެ.

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަކީ އެކަށީގެންވާ ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވާއިރު މި ބައްޔަކީ ގައިންގަޔަށް އެރުން ފަސޭހަ ބައްޔެއް ކަމުން، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގޭގައި ތިބުމަށް އިލްތިމާސްކުރަމުންނެވެ. އަދި މި ބަލިމަޑުކަމުން ރާއްޖެ ސަލާމަތް ކުރެވެން އޮތީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދަށް އާންމުން ފުރިހަމައަށް ބޯލަނބައިގެން ކަމަށް އެފަރާތްތަކުން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު