ކޮވިޑް-19 މާލެ އިން ފެނުމާއި އެކު އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރުމާއި އެކު އެންމެ ބޮޑު ނުތަނަވަސް ކަމެއް ލިބުނު އެއްބަޔަކީ އުމުރުން ދުވަސްވީ މީހުންނެވެ. ކޮންމެ ދުވަހަކު ހިނގާލަން ނަމަވެސް ގެއިން ނިކުންނަ މީހުންނާއި، ތޮއްޖެހިފައި އޮތް ގެތަކުން ނިކުމެ ސާފު ވައި ހޯދަން ބޭނުންވާ އުމުރުން ދުވަސްވީ މީހުން ވެސް ގޭގައި ބަންދުވީއެވެ.

މާލެ ފުރަބަންދު ކުރިތާ ދޮޅު މަސްފަހުން ހާއްސަ ހުއްދައެއްގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ދޭން ފެށުމުން މިއަދު ބައެއް މީހުން ވަނީ ގެއިން ނިކުމެ، ގޭބަންދުން ނިކުމެވުމުގެ ހިތްހަމަޖެހުން ހޯދާފައެވެ.

ކޮވިޑް-19 ފެތުރޭތީ އިއުލާންކޮށްފައިވާ ފުރަބަންދަށް ދީފައިވާ ލުއިތަކުގެ މައުލޫމާތު ދޭން އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ފަތިހު 5:00 އާއި 8:00 އާ ދެމެދު ފުލުހުންގެ ހުއްދައާއެކު ބޭރަށް ނުކުތުމުގެ ފުރުސަތު ދޭއިރު ކޮންމެ މީހަކަށް ވެސް ދުވާލަކު ދޮޅު ގަޑިއިރު ބޭރުގައި އުޅުމަށް ހުއްދަ ދޭން ނިންމައިފައިވާ ކަމަށެވެ.

މިއަދު ގެއިން ނިކުތް އުމުރުން ދުވަސްވީ ބައެއް މީހުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ގެއިން ބޭރަށް ނިކުމެލަން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރުވަމުން ދާތީ ވަރަށް ބޮޑު ބިރުވެރިކަމެއް ހިތުގައި އެބައޮތް ކަމަށެވެ.

"ބޭރަށް ނިކުމެލާ، މޫދު ފެންނަ ހިސާބަށް އާދެވުމުން ވަރަށް އުފާވެއްޖެ. އެކަމަކު އަދިވެސް ވަރަށް ބިރުން މިހުރީ. މިކަން ނިމުމަކަށް އަންނާނެ ދުވަހެއް ނޭނގޭތީ. މާސްކް ވެސް އަޅައިގެން އަންގި ވެސް ލައްވައިގެން ބޭރަށް ވެސް މިނިކުތީ." ސުނާމީ ބިނާ ކައިރީގައި ހުރި އުމުރުން ދުވަސްވީ އަންހެނަކު ބުންޏެވެ.

އުމުރުން ދުވަސްވީ މަންމަ އާއި އެކު ގެއިން ނިކުތް ޒުވާނަކު ބުނީ ގެއިން ބޭރަށް ނިކުންނަން ފުރުސަތު ލިބުމުން މަންމަ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށެވެ. "މަންމަ ކޮންމެ ދުވަހަކު ވެސް އަންނާނެ ރަސްފަންނަށް. މިހާރު އެފުރުސަތު ނުލިބި ގޭގައި އަބަދު އިންނަން ޖެހުމުން ވަރަށް ކަންބޮޑުވެފައި އިންނަނީ. އެކަމަކު މިއަދު ވަރަށް ހިތްހަމަޖެހިއްޖެ." އޭނާ ބުންޏެވެ.

އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެހެން މީހެއްގެ އެހީތެރިކަމާ އެކު ނޫނީ ބޭރަށް ނުކުމެ ނޫޅެވޭ މީހުންނާ ހަވާލުވެގެން އިތުރު މީހަކަށް ބޭރަށް ނުކުމެވޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން މިހާތަނަށް 1591 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ 49 މީހަކު ހިމެނެއެވެ.

މިއަދު ހެނދުނު މާލޭ މަގުމަތިން ކޮންމެވެސް ވަރަކަށް ކުޑަކުދިން ވެސް ފެނުނެވެ. ނަމަވެސް އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ގެއިން ބޭރަށް ނިކުމެވޭނީ އަދި ދެހަފްތާ ފަހުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު