ރާއްޖެ އިން ކޮވިޑް-19 ޖެހުނު ބިދޭސީންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އިން މިހާތަނަށް 1,591 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލިން ޝިފާ ލިބިފައި ވަނީ 232 މީހުންނަށެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 554 ދިވެހިންނާއި 1،037 ބިދޭސީންނެވެ. ބަލި ޖެހިގެން ފަސް މީހަކު ނިޔާވެފައިވާ އިރު، އެކަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮވިޑް-19 އެންމެ ގިނަ އިން ޖެހިފައި ވަނީ ބަންގްލަދޭޝް މީހުންނަށެވެ. ބަންގްލަދޭޝްގެ 835 މީހަކަށް ބަލި ޖެހިފައިވާ އިރު، ދެ ވަނަ އަށް އެންމެ ގިނަ އިން ބަލި ޖެހުނީ އިންޑިއާ މީހުންނަށެވެ. އެއީ 152 މީހުންނެވެ.

މީގެއިތުރުން ނޭޕާލްގެ 23 މީހަކާއި އިޓަލީގެ 11 މީހަކާއި ސްރީ ލަންކާގެ ނުވަ މީހުންނާއި ޕާކިސްތާން ތިން މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި އެހެނިހެން ގައުމުތަކުގެ ހަތަރު މީހަކަށް ބަލި ޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭގެ މައުލޫމާތުތަކުން އެނގެއެވެ.

ރާއްޖޭގައި ކޮވިޑް-19 ގިނަ އިން ޖެހިފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހޭ އަދަދުތައް ވަރަށް ބޮޑަށް މަދެވެ. އުމުރުން ދުވަސްވީ މީހުންނަކީ މި ބަލީގައި އެންމެ ނުރައްކާ ބޮޑު މީހުންގެ ތެރެއިން އެއް ބައެވެ.

ރާއްޖޭގައި މި ބަލި ގިނަ އިން ޖެހިފައި ހުރީ ފިރިހެނުންނަށެވެ. އެގޮތުން 1،000 އަށް ވުރެ ގިނަ ފިރިހެނުންނަށް ބަލި ޖެހުނު އިރު، އަންހެނުންގެ ތެރެއިން ބަލި ޖެހިފައި ވަނީ 200 އަށް ވުރެ ގިނަ މީހުންނަށެވެ.

ކޮވިޑް-19 ޖެހިގެން މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެއްސަކާއި ދެ ބިދޭސީންނެވެ.

މިހާތަނަށް ފަރުވާއެއް ކޮވިޑް-19 އަށް ބޭހެއް އަދި ފަރުވާއެއް ހޯދިފައި ނުވާ އިރު، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހެއްގެ ގޮތުގައި ރިކޯޑު ކުރެވިފައި ވަނީ 92 އަހަރުގެ މީހެކެވެ. އެކަމަކު، އެމީހާ އަށް ކޮވިޑް-19 ޖެހުނު ގޮތެއް އަދި ހޯދިފައެއް ނުވެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާތަނަށް ހަ މިލިއަނަށް ވުރެ ގިނަ މީހުންގެ ގައިން ކޮވިޑް-19 ފެނިފައިވެއެވެ. އަދި ތިން ލައްކަށް އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވާ އިރު، ބަލިން ރަނގަޅުވެފައި ވަނީ 2.6 މިލިއަނަށް ވުރެ ގިނަ މީހުންނެވެ.

ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ގައިދުރުވުމާއި ގިނަ ގިނައިން ސާފުތާހިރުވެ، ސައިބޯނިލައިގެން އަތް ދޮވުމެވެ. މި ބަލީގައި މިވަގުތު އޮތް ހަމައެކަނި ފަރުވާއަކީ ގޭގައި ތިބުން ކަމަށް ސިއްހީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު