ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝްގެ އިތުރު 195 މީހުން އަނބުރާ އެ މީހުންގެ ގައުމަށް ފޮނުވާލައިފިއެވެ.

އެ 195 މީހުން ގައުމަށް ފޮނުވާލާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިހާތަނަށް ހާހަކަށްވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލައިފައިވާއިރު، މިއީ އެގައުމަށް މީހުން ފޮނުވި ހަތްވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ ތިން ދުވަސް ކުރިންވެސް ވަނީ އެގައުމަށް 200 އެއްހާ މީހުން އަނބުރާ ފޮނުވާލާފައެވެ.

މިހާރު ފެތުރެމުން އަންނަ ވައިރަހާއި ގުލިގެން ދަނީ ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންވެސް ހޯދައި އެމީހުން ގައުމަށް ފޮނުވަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދު ފުރަބަންދަކަށް ދިއުމާއި އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

މީގެއިތުރުން ތޮއްޖެހިގެން އުޅޭ ބިދޭސީން އެއަށް ވުރެ ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރުނު ގޮތަށް ބަލާ އިރު، އެންމެ ގިނަ އަދަދަކަށް މި ބަލި ޖެހިފައި ވަނީ ވެސް ބަންގްލަދޭޝް މީހުންނަށެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި ދިވެހިންނަށްވުރެ ގިނައީ ބިދޭސީންނެވެ.