ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ކުރާ މީހުން ބޭތިއްބުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަރަންޓީނު ފެސިލިޓީތަކަށް ސްޓެލްކޯއިން ފަސް މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރާއި ގުޅިގެން އެހެން ކުންފުނިތަކުން ވެސް އަންނަނީ މިކަމުން އަރައިގަތުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުޣުނީ ވިދާޅުވީ، ސަރުކާރުން ގާއިމު ކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކަށް އެ ކުންފުނިން ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ފަސް މިލިއަނެއްހާ ރުފިޔާ ހަރަދުވެފައިވާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ފަސް މިލިއަނެއްހާ ރުފިޔާ. ފަސް މިލިއަނާ ހަ މިލިއަނެއްހާ ރުފިޔާގެ ދޭތެރޭގެ އަދަދެއް ސްޓެލްކޯގެ ފަރާތުން މިކަމަށް ކޮންޓްރިބިއުޓް ކުރެވިފައިވޭ" މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ، އެފަދަ ހަރަދެއް އެކުންފުނިން ކޮށްފައިވީ ނަމަވެސް، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން އެކުންފުނިން މިއަހަރު ފެށުނީއްސުރެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެކުންފުނިން ހިންގަމުން އަންނަ ބޮޑެތި ޕްރޮޖެކްޓްތައް ވަގުތީ ގޮތުން މަޑު ޖައްސާލާފައިވާ ކަމަށާއި ހަރަދު ކުޑަ ކުރެވެން ހުރި އެހެން ހިސާބުތަކުންވެސް ހަރަދު ކުޑަ ކޮށްފައިވާ ކަމަށެވެ.

"ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް މަޑުޖައްސާލައިފައި މިވަނީ ހަރަދު ކުޑަ ކުރަން. މީގެ އިތުރުން ވެސް ހަރަދު ކުޑަކުރެވެން ހުރި އެހެން އޭރިއާތައް ކަނޑައަޅައި، އެ އޭރިއާތަކުން ވެސް ހަރަދުތައް ކުޑަ ކުރެވިފައި މިހާރު ހުރީ،" އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މީހުން ކަރަންޓީން ކުރުމަށް ސަރުކާރުން ވަނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި 25 އަށްވުރެ ގިނަ ތަން ބޭނުންކުރަން ފަށާފައެވެ. މި ތަންތަން ބަލަހައްޓަމުން ދަނީ ސިފައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އެމީހުންގެ ބޮޑެއް ނޫނީ ގުޅުން އޮންނަ ކޮންމެވެސް މީހެއްގެ ޖީބަށް ފަސް މިލިއަން ރުފިޔާ ވަތްވާހަކަ މީގަ މިއޮތީ!

  2. ވިޔަފާރި

    މީގެ މާނައަކީ މީހުންނޫޅޭ ގޭގެއާއި އެޕަރޓްމަންޓުތަކަށް ބިލުކުރުންބާ! ނުވަތަ 500 އަރާ ބިލުތަށް ތިންގުނަ ބޮޑުކޮށް ކޮވިޑޭކޮޔާފަ 40 ފަސަންޓުކެނޑުންބާ!

  3. އާދަނު

    ތީ ސަރުކާރު ކުންފުންޏެއް ވީމަ މިފަދަ ހާލަތެއްގަ ކުރަންޖެހޭ ކަމެއް ތިއީ.

  4. އަހްމަދު

    ސްޓެލްކޯއިން ރައްޔިތުންނައްދޭޚިދުމަތުގެއަގުބޮޑުކޮށްގެން ތިބާވަތުގެޚަރަދުކުރުމަށްވުރެ ރައްޔިތުންނައްދޭކަރަނޓުގެޚިދުމަތުގެ އަގުހެޔޮކޮށް ރައްޔިތުންނައް ދޭޚިދުމަތުގެއަގު ކުޑަކޮށްދިނުން ރައްޔިތުންނައްއެދުމަކީ