ޤާނޫނު އަސާސީ އިސްލާހް ކުރަން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދާއި ހިލާފަށް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕްރޮގްރެސިވް ޕާޓީން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ޤައުމަށް ދިމާވެފައިވާ ސިއްޙީ ކާރިސާއާއި ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ޙައްލު ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކަމާގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދީފައިވާ އިސްތިޝްރީ ލަފާގެ ރޫޙާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް ޕްރޮގްރެސިވް ކޯލިޝަނުން ތާއިދު ނުކުރާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 93 ވަނަ މާއްދާއާއި 94 ވަނަ މާއްދާ ބުނާގޮތުން، މަޖިލީހުން އިސްލާޙު ކުރެވޭނީ ނުވަތަ އެއްވެސް އުނި އިތުރެއް ގެނެވޭނީ އެވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ނުވަތަ އެ ހުށަހެޅިފައިވާ އިސްލާހެއް އެކަންޏެވެ. އިސްލާހަށް ހުށަހެޅިފައި ނުވާ މާއްދާއެއް ނުވަތަ އަކުރެއް އިސްލާޙު ކުރުމަކީ، ނުވަތަ ހުށަހެޅިފައި ނުވާ މާއްދާއަކަށް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އިސްތިޝްރީ ލަފާގައިވެސް، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާޙުން، ކުރިމަތިވެފައިވާ ދުސްތޫރީ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، އަދި އެކަން ޙައްލު ކުރެވޭނީ ޤާނޫނުއަސާސީގެ އެހެން މާއްދާއެއް އިސްލާޙުކޮށްގެން ނުވަތަ އަކުރެއް އިތުރުކޮށްގެން ކަން ވަރަށް ސާފު ބަހުން ބަޔާންކޮށްފައި ވާކަމަށެވެ.

ބަޔާނުގައި ބުނީ ސުޕްރީމް ކޯޓުގެ އިސްތިޝްރީ ލަފައަށް ބިނާކޮށް، މަޖިލީހަށް އައު ބިލެއް ހުށަހަޅައިގެން ކުރިއަށް ދެވިދާނެކަމަށް ޕްރޮގްރެސިވް ކޯލިޝަނަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ހަމައެއާއެކު، ޤާނޫނުއަސާސީ އިސްލާހުކުރުމާއެކު، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިރުންގެ ދައުރު ދެމިގެންދާއިރު، ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް އަލަށް އެކުލަވާލާ ބިލްގައިވެސް ކަންބޮޑުވާ ކަންތައްތައް ހުރިކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

"އެ ބިލް ބައްޓަންވެފައިވާ ގޮތުން ރައްޔިތުންގެ ބާރު އެއްކޮށް ކެނޑިގެންގޮސް، ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެން ދާނެކަން ވެސް ފާހަގަކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ސަބަބުން ދިމާވެދާނެ ދުސްތޫރީ މައްސަލަ ޙައްލު ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، އެކަން ނުކޮށް ލަސްކޮށްފައިވަނީ މިސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ތިބި ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި ރިޔާސަތުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމުގައި ފާސްކުރާ ބިލެއްގައި، އެ ގެންނާންވީ އިސްލާޙަކާއި އެ އިސްލާޙަކާ ގުޅިގެން ކުރާންޖެހޭ ކަންތައް ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ހިމަނައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބަޔާންކޮށްފައިވީނަމަވެސް، ސުޕްރީމް ކޯޓުގެ އިސްތިޝްރީ ލަފައާއި ޤާނޫނުއަސާސީގެ 266 ވަނަ މާއްދާގައި ބުނާ ގޮތާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅޭނެ އަދި ޤާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެ، ކަމާއި ގުޅުން ނެތް ބިލެއް މަޖިލީހަށް ހުށަހަޅައިގެން ވަގުތު ބޭކާރު ކުރަމުން ގެންދާކަންވެސް ފާހަގަ ކުރާކަމަށް ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު