މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައި ހުރި ނަފްސާނީ މައްސަލަތަކުގެ އަދަދު ތިންގުނައަށް އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗް އިން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނެޝަނަލް އެމެޖެންސީ އޮޕަރޭޓިން ސެންޓަރ (އެންއީއޯސީ) އިން ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސެންޓަރ ފޯރ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލަޖިސްޓު ޑރ. އާފިޔާ އަލީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އަކީ މި ބަލިމަޑުކަމުގެ ސަބަބުން އެތައް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވާނެ ބައްޔެއް ކަމަށް ވީނަމަވެސް އަދި ރާއްޖޭގައި ނަފްސާނީ މައްސަލަތައް ހުރި މިންވަރު ދެނެގަތުމަށް އެއްވެސް ދިރާސާއެއް ކޮށްފައި ނުވާ ކަމަށެވެ.

ޑރ. އާފިއާ ވިދާޅުވީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ މާހިރުންނާއި އަދި ދުނިޔޭގެ އެހެނިހެން ނަފްސާނީ ބަލިތަކާއި ބެހޭ މާހިރުންވެސް ވަނީ ކޮވިޑް-19 އާއި އެކު ނަފްސާނީ ގޮތުން ދިމާވާ މައްސަލަތައްވެސް އިންތިހާއަށް އިތުރުވެގެންދާނެ ކަމުގެ އިންޒާރު ދީފައިކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ބަލިމަޑުކަމަކަށްވެސް ތައްޔާރުވުމަކީ މުހިންމުކަމެއް ކަމަަށް އާފިޔާ ވަނީ ފާހަގަ ކުރައްވާފައެވެ. ޑރ. އާފިއާ ވިދާޅުވީ މިހާރު އައިޖީއެމްއެޗް އިންވެސް ދަނީ އެކަމަށް ވިސްނައިގެން ތައްޔާރު ވަމުން ކަމަށެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗް ގެ ސެންޓަރ ފޯރ މެންޓަލް ހެލްތައް މިއަހަރުގެ މިހާތަނަށް ހުށަހަޅައިފައިވާ ނަފްސާނީ މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކަށްވުރެ ތިންގުނަ އިތުރު ކަމަށެވެ.

"މިހާރު އައިޖީއެމްއެޗްފެ ސެންޓަރ ފޯ މެންޓަލް ހެލްތަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރުވެސް، ނުވަތަ އެތަނުގެ އަޅުގަނޑުމެން ފަރުވާ އެދިގެން މިދިޔަ ތިން މަހުގެ ތެރެގައި އައިސްފައި ހުރި ފަރާތްތަކުގެ އަދަދު ތިންގުނަ އިތުރު މިދިޔަ އަހަރުގެ މާޗުން ގޮސް މޭ އާއި ހަމަޔަށް ހުށަހެޅުނު މައްސަލަތައް" ޑރ. އާފިއާ ވިދާޅުވިއެވެ.

އާފިޔާ ވިދާޅުވީ މިދިޔަ އަހަރުގެ މި ތިންމަހުގެ ތެރޭގައި ހުށަހެޅިފައި ވަނީ 330 މައްސަލައެއް ކަމަށާއި، ނަމަވެސް މިއަހަރު މި ތިންމަސް ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު 999 އަރާ ކަމަށެވެ.

އާފިޔާ ވިދާޅުވީ މިކަމުންވެސް ކޮވިޑް-19 އިގެ ސަބަބުން އާންމުންނަށް ނަފްސާނީ ގޮތުން ސީރިއަސް މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފައިވާކަން ސާބިތުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިދާގޮތަށް ދަންޏާ ތިނެއްނޫން ދިހަގުވެސް ވާނެ

  2. ށ

    ޑޮކްޓަރަށް ދެއްކެނީ އެއް ނޫން ވިއްޔަ