ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގެއެންމެ ގިނަ އެއްބަޔަކު މޫދަށް އެރޭ އެއް ސަރަހައްދު ކަމަށްވާ ފަތާ ޓްރެކް ސަރަހައްދު ފުންކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔޫތް މިނިސްޓްރީގެ އެދިލެއްވުމެއްގެ މަތިން ފަތާ ޓްރެކް ސަރަހައްދު ކޮނެ ކުރީގެ ފުންމިނަށް އެތަން ފުން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަން ކުރަމުންދާ ވަގުުތުގައި ސަލާމަތަށްޓަކައި އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ފަތާ ޓްރެކް ފުންކުރަން ނިންމެވިކަން ހައުންސިން މިނިސްޓަރ އިއުލާންކުރައްވާފައިވި ނަމަވެސް އެެސަރަހައްދު ފުން ކުރުމުގެ މަސައްކަތް ފަށާނެ ވަކި ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ފަތާ ޓްރެކް ސަރަހައްދަށް ވެލި އަރައި އެ ސަރަހައްދު ވަރަށް ބޮޑަށް މިހާރު ވަނީ ތިލަވާތީވެފައެވެ. އެހެންކަމުން ފަތާ ޓްރެކް ފުންކޮށްދިނުމަށް އެދި ގިނަ ބަޔަކު މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލޭގައި މޫދަށް އެރުމަށް ހާއްސަކުރެވިފައިވަނީ ތިން ތަނެކެވެ. އެއީ ފަތާ ޓްރެކް އާއި ރަސްފަންނުގައި އޮންނަ މޫދުގެ އިތުރުން އާޓިފިޝަލް ބީޗުގައި އޮންނަ މޫދެވެ.