ކެންސަރު ބަލީގައި އައިޖީއެމްއެޗްގައި އޮތް މީހަކަށް ފަރުވާ ނުދީ އޮއްވައި ނިޔާވި ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކެންސަރު ބަލީގައި ފަރުވާ ހޯދަން އެ ހޮސްޕިޓަލަށް އައި މީހަކު ނިޔާވެފައި ވަނީ ފަރުވާއެއް ނުލިބި ހޮސްޕިޓަލްގައި ހަ ދުވަސް ވަންދެން އެޑްމިޓްކޮށްފައި އޮތުމުން ކަމަށް ދެކެވެމުން އަންނަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި، އެ ބަލި މީހާ ފުރަތަމަ ހޮސްޕިޓަލަށް ގެނައީ މިދިޔަ އަންގާރަ ދުވަހު ފުވައްމުލަކުންނެވެ. މި ކޭސް ރިފަކޮށްފައި ވާނީ ވެސް އެޑްވާންސް ކެންސަރު ކަމަށް ދެނެގަނެ ސީރިއަސް ކޭސްއެއްގެ ގޮތުގައި ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗް އިން ދެމުން އަންނަ ގިނަ ހިދުމަތްތަކެއް ހުއްޓާލާފައިވީ ނަމަވެސް ބަލި މީހާގެ ސީޓީ ސްކޭނެއް ހެދުމަށް ފަހު ކެންސަރު އޭނާގެ ހަށިގަނޑުގައި ފެތުރިފައިވާ މިންވަރާއި ބަލި މީހާ އަށް މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ އާއިލާއާ ހިއްސާ ކުރި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފަރުވާގެ ކަންކަން ކުރިއަށް ދަނިކޮށް ބަލި މީހާ ނިޔާވެފައި ވަނީ ހޮސްޕިޓަލްގައި އެނދުމަތި ކުރިތާ ދެ ދުވަސް ފަހުން ކަމަށް ބަޔާނުގައިވެއެވެ.

ނަމަވެސް "ވަގުތަށް" މައުލޫމާތު ދެމުން ބަލި މީހާގެ އާއިލާގެ މެމްބަރަކު ބުނީ މިކަމުގައި އައިޖީއެމްއެޗްގެ އިހުމާލު އޮތް ކަމަށެވެ. އަދި މިކަމުގައި އާއިލާ އިން ދޮގު އެއްވެސް މައުލޫމާތެއް ފަތުރާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އައިޖީއެމްއެޗުން ބަލި މީހާ އަށް ހެދުމަށް ބޭނުންވާ ޓެސްޓެއް ލަސްވެ ދިގުލައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

"އައިޖީއެމްއެޗް އިން ފުރަތަމަ އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވޭ. އައިޖީއެމްއެޗް އިން ބަހެއް ބުނީ އަޅުގަނޑުގެ ކޮއްކޮގެ ފިރިމީހާ ގޮސް ހަޅޭއް ލަވައިގެން" އޭނާ ބުންޏެވެ.

އައިޖީއެމްއެޗް އިން ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އެއްވެސް ބަލި މީހަކު ނިޔާވުމަކީ އެ ހޮސްޕިޓަލުން ނުހަނު ހިތާމަ ކުރާ ކަމެއް ކަމަށާއި، އަދި މި ދަނޑިވަޅުގައި ނިޔާވި ބަލިމީހާގެ އާއިލާ އަށް ދިމާވެފައިވާ ހިތާމައިގައި އެ ހޮސްޕިޓަލުން ބައިވެރިވެ ތައުޒިއާ ފޮނުވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ކަމުގެ ހަގީގަތް އޮޅުން ނުފިލުވައި، އެއްވެސް ފަރާތަކުން ދޮގު މައުލޫމާތު ފެތުރުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ހޮސްޕިޓަލުން މިހާރަށްވުރެ ރަނގަޅަށް ކުރަން ޖެހޭ ކަމެއް އޮތްތޯ ބަލައި، އެކަމެއް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދޮންކަމަނަ

    ނޫސް ބަޔާނުގައިގައި ވަނީ ކަނޑައެޅިގެން ދޮގުހަދާ ހަޤިގަތް އޮޅުވާލާފައި އެޑުމިޓް ކުރީ24ވަނަ ދުވަހުގެރޭ އެޑްމިޓް ކުރި ވަގުތު ނޫނީ ޕޭޝެންޓް ކައިރިއަށް ޑޮކްޓަރަކު ނުދޭ އެއްމެ ފުރަތަމަ ޓެސްޓް ހަދާނެ ކަމަށްބުނިތާރީޚަކީ 26 ވަނަ ދުވަސް ނަމަވެސް ޓެސްޓް ނަހަދާ ޕޭޝެންޓްގެ އެހީތެރިން ޝަކުވާކުރީމަ ދެން ދިން ތާރީޚަކީ 28 ނަމަވެސް އެދުވަހުވެސް އެމީ ހުން ޓެސްޓެއް ނަހަދާ އަނެއްކާވެސް ކައުންޓަރަށް ގޮސް އަހާލީމަ ދެން ބުނީ 31 ގަ ޓެސްހަދާނެޔޯ ނަމަވެސް 29 ވަނަ ދުވަހުގެރޭ ނިއާވެއްޖެ ... މީ ކަންވީ ގޮތް ނޫސް ބަޔާންލިޔެ ހަޤީގަތް އޮޅުވާލަން އުޅުނަސް ހަޤީގަތެއް ނުފޮރުވޭނެ އަހަރެމެންނަކަށް ހާދިސާހިނގީ ލޯކުރިމަތީގަ 2 ދުވަހެއް ނޫން 5 ވަނަ ދުވަހުގެ ރޭ ނިއާވީ

    11
    1
  2. މުފައްކިރު.

    ބުނަން ބޭނުންވާ ބަހެއް ބުނެވިދާނެ. އެކަމަކު ހަގީގަތް ބަލިމީހާގެ އެހީތެރިންނަށް ނޯޅޭ. އެހީތެރިންގެ ގޮތުގަ ތިބީ ގަމާރު ބައެއްނޫން. ބުނަން ބޭނުންވާ އަނެއް ވާހަކަ އަކީ އައި ޖީ އެމް އެޗްގެ ބަލަދުވެރި ހެލްތް މިނިސްޓްރީގަ ކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ގާބިލްކަން ހުރިނަމަ ކާރިކާރިކޮށް މިކަހަލަ އަޑުތައް އިވިގެން ނުދާނެ. ސިއްޙީ ނިޒާމާ މެދު ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ.

    11
    1
  3. ކޮވިޑްފޯބިއާ

    ހޮސްޕިޓަލުގެ އިމުން އެތެރެ ވުމަށްފަހު ނިޔާވާ ކޮންމެމީހަކީވެސް ފަރުވާދިނުމުގައި އުޅެނިކޮށް ނިޔާވާމީހުން. ފަރުވާދިނުމުގައި ޑޮކުޓަރުން އަވަދިނެތި އުޅޭވަރުން ބައެއްފަހަރު ނިޔާވި ގަޑިވެސް ނޭގިދޭ.

    2
    6
  4. ދެދުވަސް ފަހުން

    ނިޔާވި މީހާގެ ފާފަ ފުއްސަވައި، ސުޗަރުގޭގެ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ހެޔޮ ވިސްނުމާއި، ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން، ބަލިމީހާ ނިޔާވީ އެޑްމިޓް ކުރިތާ ދެދުވަސް ފަހުން ކަމަށް އެބައޮތެވެ. ވަރަށް ޙާލަތު ގޯސް މީހަކު ހޮސްޕިޓަލަށް ވައްދާ ތަނަކުން ބަހެއް ނުލިބޭނެ އެވެ. އެކިއެކި ޓެސްޓް ތަށް ހަދައި ނަތީޖާ ލިބުނީމައި ނޫނީ ޑޮކްޓަރުންނަށް ބަސް ނިކިޔޭނެ އެވެ. އެކަންކަމަށް ދެދުވަސް ލަހެއް ނޫނެވެ.

    2
    9
  5. މަރީ

    ޢައި ޖީ އެމްއެޗް އަކީ ފަރުވާކުޑަކަމުގެ އިންތިހާ ފަރުހަތު މެން ހިންގި އިރު ކަންކަން ބަރާބަރަށް ވިޔަސް މިހާރަކު ނުވާނެ

  6. އަހަރެން

    ކެންސަރު ބައްޔަކީ މަރުބައްޔެއް. ކޮންމެ ކަމެއް ސިޔާސީ.

  7. ސައްޔިދު ދީދީ .

    މިފަދަ ޙާދިސާ ތައް ހާމަކަން ބޮޑު ގޮތެއްގަ ތަޙުގީގު ނުކުރަނީ ހެލްތް މިނިސްޓަރގެ ގާބިލްކަން ނެތިމަތޯ؟